އިސް ފަނޑިޔާރު ހާތިފް ހިލްމީ ރިޓަޔާވެ ވަޑައިގަތުމުން، ހައިކޯޓު ވަގުތީ ގޮތުން ހިންގުން ފަނޑިޔާރު ހުސައިން ޝަހީދާ ހަވާލުކޮށްފިއެވެ.
ހައިކޯޓުގެ އިސް ފަނޑިޔާރުކަމުން ރިޓަޔާ ކުރެއްވުމަށް ހާތިފް ހުށަހަޅުއްވާފައި ވަނީ މި މަހުގެ ހަވަނަ ދުވަހުގައެެވެ. ޖޭއެސްސީން މިއަދު ބުނީ، ހާތިފް ރިޓަޔާކުރަން ނިންމެވުމުން ހައިކޯޓު ވަގުތީގޮތުން ހިންގުން ފަނޑިޔާރު ޝަހީދާ ހަވާލުކޮށްފައިވާ ކަމަށެވެ.
2009 ވަނަ އަހަރުން ފެށިގެން ސިވިލް ކޯޓުގެ ގާޒީއަކަށް ހުންނެވުމަށް ފަހު، 2019 ގައި ހައިކޯޓުގެ ފަނޑިޔާރު ކަމަށް ހާތިފް ވަނީ އައްޔަނު ކުރައްވައިފައެވެ. އަދި 2020 ނޮވެމްބަރު ގައި ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް އައްޔަނު ކުރައްވާފައިވެއެވެ.
ހާތިފް ރިޓަޔާވުމަށް ހުށަހަޅުއްވާފައިވާއިރު، ހައިކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ޝުއައިބް ހުސައިން ޒަކަރިއްޔާ ވަނީ މިދިޔަ މަހު އަމިއްލައަށް އެދިވަޑައިގެން ރިޓަޔާކުރައްވައިފައެވެ.
ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަސްއޫލިއްޔަތާ މިއަދު ހަވާލުވެވަޑައިގެންނެވި ފަނޑިޔާރު ހުސައިން ޝަހީދު ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަނުކުރައްވާފައި ވަނީ 2018، ޖުލައި 24 ގައެވެ. ޝަހީދު މީގެ ކުރިން ވަނީ، އައްޑޫ ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމާއި، ކްރިމިނަލް ކޯޓުގެ އެސިސްޓަންޓް ލީގަލް އޮފިސަރު ކަމުގެ އިތުރުން އެ ކޯޓުގެ ގާޒީކަން ވެސް ކުރައްވައިފައެވެ.
ޝަހީދު ވަނީ ކުއްލިއްޔާ އާއި މިސްރުގެ އަޒުހަރުން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރެއްވުމަށް ފަހު، ރާއްޖޭގެ އިސްލާމީ ޔުނިވަސިޓީން އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީން މާސްޓާސް ހާސިލްކުރައްވައިފައެވެ.