މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލައެއްގައި މީގެ ހަ އަހަރު ކުރިން ކުޑަކުއްޖަކު ހައްޔަރުކުރި ގޮތް ގޯސްވުމުން، އޭނާ ބޮޑު ޖަލު ހުކުމަކުން ސަލާމަތްވެއްޖެއެވެ.

ދައުލަތުން ނ. ވެލިދޫގެ މެޖިސްޓްރޭޓް ކޯޓަށް 2016 އޮކްޓޯބަރުގައި ހުށަހެޅި ދައުވާގައިވާ ގޮތުން:

  • އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ، އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، 2016 މާޗު 10 ގައި 18 އަހަރުން ދަށުގެ ކުޑަކުއްޖާ ވަނީ ހައްޔަރުކޮށްފަ
  • ފުލުހުންގެ ހައްޔަރުގައި ހުއްޓާ އޭނާ އަތުން ހޯދި މައުލޫމާތުތަކަށް ބިނާކޮށް، ފުލުހުން ވަނީ ވެލިދޫގެ ފަޅު ގޯއްޗެއްގެ މަގުފާރު ކައިރި ކޮނެ، ދެ ގްރާމްގެ ކެނަބިސް ހިމެނޭ 210 ސެލޯފިންކޮޅު ނަގާފައި
  • އޭގެ އިތުރުން، އިތުރު ގެއެއްގެ ބިންގަނޑު ކޮނެ ނެގި ހަތަރު ރަބަރު ޕެކެޓުން 4.1 ގްރާމްގެ ޑައިމޯފިން ފެނިފައިވޭ

ވެލިދޫ ކޯޓުން ނިންމީ އެ ކުއްޖާ ޑައިމޯފިން ޓްރެފިކްކުރި ކަމަށް ސާބިތުވާ ކަމަށެވެ. އެހެންވެ، 16 އަހަރަށް ޖަލަށް ލައި، އޭނާ 66،666ރ އިން ޖޫރިމަނާކުރުމަށް ވެލިދޫ ކޯޓުން ހުކުމްކުރިއެވެ. 18 އަހަރު ނުފުރޭތީ ގާނޫނީ ގޮތުން ލިބޭ ލުއިތަކާ ހެދި، އޭނާ އަށް ވަނީ ލުއި އަދަބެއް ދީފައެވެ. އެ ހުކުމް އޭނާގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

އިސްތިއުނާފީ މައްސަލައިގައި އެ ކުއްޖާގެ ފަރާތުން ބުނެފައި ވަނީ، އޭނާ ހައްޔަރުކުރި ގޮތުގައި ގާނޫނީ މައްސަލަތަކެއް އެބަ ހުރި ކަމަށާއި، ފުލުހުން ހޯދި ހެކިތައް ގާނޫނާ ހިލާފު ކަމަށެވެ. ސަބަބެއްގެ ގޮތުގައި ބުނީ، އެންމެ ފުރަތަމަ އޭނާ ބަލައި ފާސްކުރިއިރު އެއްވެސް މަސްތުވާތަކެއްޗެއް އޭނާގެ އަތުން ފެނިފައި ނުވުމެވެ. އޭނާގެ ފަރާތުން ބުނީ އެގޮތަށް ހައްޔަރުކޮށްގެން ހޯދާ ހެކި ގަބޫލު ނުކުރެވޭނެ ކަމަށެވެ.

ދައުލަތުން ކޯޓުގައި އެ ނުކުތާތަކަށް އެއްބަސްވިއެވެ. ދައުލަތުގެ ފަރާތުން ބުނީ، އެއްވެސް މަސްތުވާތަކެއްޗެއް އެ ކުއްޖާގެ އަތުން ފެނިފައި ނުވުމުން، ކޯޓު އަމުރަކާ ނުލާ އޭނާ ހައްޔަރުކުރަން ޖެހޭ ސަބަބު ފިލައިގެން ގޮސްފައިވާ ކަމަށެވެ. އަދި އެގޮތަށް އަމަލުކުރުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަންނަ ހަމައެއް ނޫން ކަމަށާއި، ހެކި ހޯދާފައި ވަނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ގާނޫނުއަސާސީގެ 46 ވަނަ މާއްދާގައިވާ ގޮތުން، މީހަކު ކުށެއް ކުރަނިކޮށް ފެންނަ ހިނދެއްގައި ނުވަތަ ކުށެއް ކޮށްފިކަމަށް، ނުވަތަ ކުށެއް ކުރަން އުޅެނިކޮށް ހައްޔަރުކުރާ މީހާގެ ބުއްދިއަށް ގަބޫލުކުރެވޭ ފަދަ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ހުރެގެން ނޫނީ ކޯޓު އަމުރަކާ ނުލާ އެއްވެސް މީހަކު ހިފާ ހައްޔަރުކޮށްގެން ނުވާނެއެވެ.

އެހެންވެ ދައުލަތުން ވެސް އެދުނީ އެ ކުއްޖާ އަށް ވެލިދޫ ކޯޓުން ކުރި ހުކުމް ބާތިލްކޮށްދިނުމަށެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސައިން މަޒީދު ރިޔާސަތު ބެލެހެއްޓެވި ބެންޗުންނެވެ. އެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ހުަސައިން ޝަހީދާއި ފަނޑިޔާރު މުހައްމަދު ސަލީމެވެ.