މަސްތުވާތަކެއްޗާ ދެކޮޅަށް މުޅި ރާއްޖޭގައި ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި 1.6 ޓަނުގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ފުލުހުން ބުނީ އެ މަސްތުވާތަކެތީގެ ތެރޭގައި ކެނަބިސްއާއި ކޮކެއިނާއި ހެރޮއިން އަދި މަސްތުވާތަކެތީގެ އެހެނިހެން ބާވަތްތައް ހިމެނޭ ކަމަށެވެ.
އެ މުއްދަތުގެ ތެރޭގައި މަސްތުވާތަކެތީގެ 562 އޮޕަރޭޝަން ހިންގާފައިވާ ކަމަށާއި މާލެއާއި އަތޮޅުތެރެ ހިމެނޭހެން ކުރިއަށް ގެންގޮސްފައިވާ އެ އޮޕަރޭޝަންތަކުގައި ފަޅުރަށްރަށާއި މީހުން ދިރިއުޅޭ ރަށްރަށް އަދި ގޭބިސީތަކާއި އެއްގަމު އުޅަނދާއި ކަނޑު އުޅަނދުގެ އިތުރުން އެހެނިހެން ތަންތަނާއި މީހުން ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެ މުއްދަތުގެ ތެރޭގައި 6165 މައްސަލާގައި 11،955 މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި 10497 ދިވެސަކާއި 781 ބިދޭސީން ހިމެނޭ ކަމަށެވެ. އަދި އޭގެތެރޭގައި ފިރިހެނުންގެ އިތުރުން 18 އަހަރުން ދަށުގެ 261 ކުދިންނާއި 416 އަންހެނުން ހިމެނޭ ކަމަށްވެސް ފުލުހުން ބުނެއެވެ.
މަސްތުވާތަކެތީގެ 6165 މައްސަލައިގެ ތެރެއިން ފުލުހުންގެ ތަހުގީގު ނިންމައި ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް 2681 މައްސަލަ ފޮނުވާފައިވެއެވެ.
އެގޮތުން:
- 2019 ވަނަ އަހަރު 886 މައްސަލައެއް
- 2020 ވަނަ އަހަރު 739 މައްސަލައެއް
- 2021 ވަނަ އަހަރުގެ 598 މައްސަލައެއް
- މި އަހަރުގެ މިހާތަނަށް 458 މައްސަލައެއް
އެ މުއްދަތުގައި މަސްތުވާތަކެތި ބޭނުންކުރުމާއި ވިއްކައި ވިޔަފާރިކުރުމަށް ބޭނުންކުރަމުންދިޔަ 35 ތަނެއް ބަންދުކޮށްފައިވާއިރު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެއްޗާއި ބަނގުރާ ނައްތާލުމަށް ކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން 39،679 އެއްޗެއްގައި ހުރި ބަނގުރާ ނައްތާލާފައިވާ ކަމަށާއި އޭގެ ތެރޭގައި ބަނގުރާ ދަޅާއި ފުޅިއާއި ބަނގުރާ އަޅާފައިހުރި ހަމާއި ޓައްޕުގެ އިތުރުން އެހެނިހެން ތަކެތި ހިމެނޭ ކަމަށް ފުލުހުން މައުލޫމާތުދެއެވެ،
މީގެ އިތުރުން ފުލުހުން ބުނީ މި އަހަރުގެ މިހާތަނަށް 1.9 ޓަނުގެ މަސްތުވާތަކެތި ނައްތާލާފައިވާ ކަމަށެވެ.