ތިލަމާލެ ބްރިޖް އެޅުމުގެ މަސައްކަތަށް އެފްކޮންސް އިންފްރާސްޓްރަކްޗާ އިން ބޭނުން ކުރި ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރާ ލިބުނު ގެއްލުންތަކުގެ ބަދަލުގެ ގޮތުގައި އެ ކުންފުނި 69.4 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ނިންމައިފިއެވެ.
ބުރިޖު ސާވޭގެ މަސައްކަތުގައި ބޭނުންކުރި ޕްލެޓްފޯމުގައި ނަގިލި ކަހާލައިގެން ވިލިމާލެ ފަރަށް އެރީ އޮގަސްޓު މަހުގެ 16 ވަނަ ދުވަހުއެވެ. 12 ދުވަސް ވަންދެން ފަރުމަތީ އެ ޕްލެޓްފޯމް އޮތްއިރު އެފްކޯންސްއިން އޭރު ބުނީ ޕްލެޓްފޯމް ނެގުން ލަސްވީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ.
އެފްކޮންސް ޖޫރިމަނާ ކުރަން ނިންމާފައި ވަނީ ފަރަށް ލިބުނު ގެއްލުން ބެލުމަށް އީޕީއޭ އިން ކުރިއަށް ގެންދިޔަ ދިރާސާ ބަލައިނުގަނެ އެ ކުންފުނިން އަމިއްލަ އަށް ދިރާސާއެއް ހަދަން ބޭނުންވާ ކަމަށް ބުނެފައި ވަނިކޮށެވެ.
އެފްކޮންސްއާ މެދު ފިޔަވަޅު އެޅުން ލަސްވެ ގިނަ ބަޔަކު ވަނީ ސަރުކާރަށް ފާޑުކިޔާފައެވެ.
މިކަމުގައި އެފްކޮންސްއާ ދެކޮޅަށް ފިޔަވަޅު އެޅުން ލަސްވަމުން ދާތީ އިދިކޮޅު ސިޔާސީ ފަރާތްތަކާއި ތިމާވެށްޓަށް ލޯބިކުރާ ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔުން އަމާޒު ކުރަމުންނެވެ. ސަރުކާރުން ބުނެފައި ވަނީ ވަކި ކުންފުންޏަކަށް ބެލުމެއް ނެތި މިފަދަ މައްސަލަތަކުގައި ފިޔަވަޅު އަޅާނެ ކަމަށެވެ. ނަމަވެސް ޖޫރިމަނާ ކުރި ކަން އެފްކޯންސް އަށް އެނެގި ކަމެއް އަދި ސާފެއް ނުވެއެވެ.
6.695 ކިލޯ މީޓަރުގެ ބްރިޖާއި ކޯޒްވޭގެ މައްޗަށް އެކުލެވޭ އެ މަޝްރޫއު ވެގެން ދާނީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއެވެ. އެގޮތުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ޖުމްލަ 3 ބްރިޖް މި މަޝްރޫއުގެ ތެރެއިން ހަދާނެއެވެ.
ތިލަމާލެ ބްރިޖަކީ ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް އާއި ތިލަ ހިސާބުތަކުގަ އާއި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ހަތަރު ރަށުގެ މެދުގައި ހަދާ ބުރިޖެޖެވެ. ބްރިޖްގެ އުމުރަކީ 120 އަހަރު ކަމަށް އެފްކޯންސް ކުންފުނިން ވަނީ ބުނެފައެވެ.