އިންޑޮނީޝިއާގެ ބާލީގައި މިއަދު ފެށުނު ޖީ20 ގައުމުތަކުގެ ވެރިންގެ ދެދުވަހުގެ ސަމިޓުގައި ބޭނުން ކުރާ ޝިއާރަކީ އިންޑިއާގެ ރައީސް ނަރެންދްރަ މޯދީ، ރަޝިއާގެ ރައީސަށް ވިދާޅުވި ޝިއާރު "މިއީ ހަނގުރާމައިގެ ޒަމާނެއް ނޫން" އެވެ.

ރަޝިއާގެ ރައީސް ވްލްޑިމިއާ ޕުޓިން އަށް މޯދީ އެހެން ވިދާޅުވީ، މިދިޔަ ސެޕްޓެމްބަރު މަހު ސަމަރްކަންދުގައި އޮތް ޝެންގްހައި ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ޕުޓިން އާ އެކު މޯދީ ބޭއްވި ބައްދަލުކުރެއްވުމުގައެވެ. އެ ބައްދަލު ކުރެއްވުމުގައ މިވަގުތަށް މުހިންމީ މަޝްވަރާއިން ހައްލު ހޯއްދެވުން ކަމަށް ވެސް މޯދީ ވަނީ ޕުޓިން އަށް ދަންނަވާފައެވެ.

ސަމިޓުގެ ރަސްމީ މަޝްވަރާގެ ހަވާސާގައި ދެގައުމުގެ ވެރިން ބޭއްވެވި ބައްދަލުވުމުގައި މޯދީ އެހެން ދެންނެވުމާއެކު، ޕުޓިން ވިދާޅުވީ، ރަޝިއާއިން ވެސް ބޭނުންވަނީ ޔޫކްރައިން ހަނގުރާމަ ވީހާ އަވަހަކަށް ނިންމަން ކަމަށެވެ. އަދި ޔޫކްރައިން މައްސަލައިގައި އިންޑިއާގެ ވިސްނުމާއި ކަންބޮޑުވުން އެނގިވަޑައިގަންނަވާ ކަމަށްވެސް ޕުޓިން ވިދާޅުވިއެވެ.

މިހާރު ބާލީގައި ކުރިއަށް ދާ ދެދުވަހުގެ ވެރިންގެ ސަމިޓަށް ޕުޓިން ވަޑައެއް ނުގަންނަވައެވެ. ނަމަވެސް ދުނިޔޭގެ އެންމެ މުއްސަނދި 20 އިގްތިސޯދުގެ އެހެން ވެރިން ވަޑައިގެންނެވި އިރު، މިހާތަނަށް ވާހަކަ ދެއްކެވި ހުރިހާ ވެރިންވެސް ވަނީ ޔޫކްރައިން ހަނގުރާމަ އަވަހަށް ނިމުމަކަށް ގެނައުމަށް ގޮވާލައްވާފައެވެ. އަދި މިއީ ހަނގުރާމަ ކުރަން ވީ ވަގުތު ނޫން ކަމަށާއި މިއީ ހަނގުރާމައިގެ ޒަމާނެއް ނޫން ކަމަށްވެސް ވިދާޅުވެފައި ވެއެވެ. މި ބައްދަލުވުމުަގއި ވާޗުއަލް ކޮށް ޔޫކްރައިން އިންވެސް ވަނީ ބައިވެރިވެފައެވެ. ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލޮންސްކީ ގޮވާލެއްވީ، ހަނގުރާމަ ހުއްޓުވަން ޖީ20 ގެ ގައުމުތަކުން ރަޝިއާއަށް ބާރު އަޅައިދިނުމަށެވެ.

ރަޝިއާ، ޔޫކްރައިން ހަނގުރާމައަށް 9 މަސް ވާން ދާ އިރު، ދުނިޔޭގެ ކާބޯތަކެތީގެ ސަޕްލައި އަށް ބުރޫއަރާ އަގުތައް އުފުލި، ގޭހާއި ތެލުގެ އަގުތަކަށްވެސް ވަނީ ބަދަލު އައިސްފައެވެ. ޔޫކްރައިން އާއި ރަޝިއާއަކީ، މުޅި ދުނިޔެއަށް ސަޕްލައި ކުރާ ކާބޯތަކެތި، ހާއްސަކޮށް ގޮދަނުގެ 30 ޕަސެންޓް މާކެޓް ޝެއާ ހިއްސާކުރާ ދެ ގައުމެވެ. ދުނިޔޭގެ އެކި ބައްރުތަކަށް ފޮނުވާ ތެލާއި ގޭހުގެ 18 ޕަސެންޓް މާކެޓް ޝެއާ އޮންނަނީ ރަޝިއާ އަތުގައެވެ. މި ދެ ގައުމުގެ ހަނގުރާމައަކީ މުޅި ދުނިޔެއަށް އެކަމުގެ ލޮޅުން ގެނުވާ ހަނގުރާމައަކަށް ވީ ނަމަވެސް، އެމެރިކާ އާއި ހުޅަނގުން، ބާރު އަޅަނީ ޒަމާނީ ހަތިޔާރު ޔޫކްރައިން އަށް ދީގެން ރަޝިއާ އާ ތަޅުވާށެވެ. ޖީ20 ފަދަ ބައްދަލުވުންތަކުގައި ހަނގުރާމަ ހުއްޓާލަން ބާރު އަޅާ ވާހަކަ ދެއްކި ނަމަވެސް، އަމަލީ ގޮތުން ހަތިޔާރާއި ފައިސާގެ އެހީ ދީގެން އެމެރިކާއިން ވެސް ކުރުވާ ކަމަކީ ޔޫކްރައިން ލައްވާ ތެޅުވުމެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން، އެމެރިކާއިން އެކަނިވެސް މިހާތަނަށް 19 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ޔޫކްރައިންއަށް ދީފިއެވެ. އޭގެ ތެރޭގައި މަތިންދާ ބޯޓާއި، މިސައިލާއި، ދިފާއީ ނިޒާމުތަކާއި، ޓޭންކާއި އެންމެ ޒަމާނީ އަސްކަރީ ޓެކްނޮލޮޖީ ހިމެނެއެވެ.

ޖީ20 ގެ މިއަދުގެ ދަންފަޅީގައި އެކި ގައުމުތަކުގެ ވެރިން، އެއްބޭފުޅަކު އަނެއް ބޭފުޅަކާ ބައްދަލު ކުރައްވާއި މަޝްވަރާތައް ކުރިއަށޤ ގެންދަވާފައި ވެއެވެ. މަޝްވަރާތަކުގެ ދެ ދުވަހަށް ފަހު ނިންމުންތައް އަންނާނީ މާދަމާއެވެ.