ކޮންމެ އަހަރަކު ބާއްވާ ޖީ20 ގެ މަހާސިންތާ، މިއަހަރު އިންޑިއާގެ ނިއުދިއްލީގައި މި މަހު 9 އަދި 10 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިރު، މިމަހާސިންތާ ބޭއްވޭ ސަރަހައްދުގައި ދިރިއުޅޭ ފަގީރުންގެ ގެތައް ތަޅައި ބިމާ ހަމަކުރާ ކަމުގެ ތުހުމަތު ވަނީ އިންޑިއާ ސަރުކާރަށް ކުރިމަތިވެފައެވެ.
އެސަރަހައްދުގައި ދިރިއުޅޭ މީހުން ބުނިގޮތުގައި، ބުލްޑޯޒަރުތައް ބޭނުންކޮށްގެން އެމީހުން ދިރިއުޅެމުން އައި ގެތައް ބިމާ ހަމަކޮށް ގެންގުޅުނު ހުރިހާ ސާމާނެއް ސުންނާފަތި ކޮށްލިއިރު އެމީހުންނަށް ބަލަން ތިބުން ނޫން އެއްވެސް ކަމެއް ނުކުރެވުނެވެ.
ފާއިތުވި 30 ވަރަކަށް އަހަރު އެހިސާބުގެ ދުވާރެއް މަތީ ނަރުދަމާ ހޮޅިއެއް ކައިރީ އަޅާފައިވާ ގެއެއްގައި ދިރިއުޅުނު ޖަޔަންތި ދޭވީ އަކީ އެހިސާބުން ބޭރުކުރި 10 ވަރަކަށް ހާސް މީހުންގެ ތެރެއިން އެކަކެވެ.
މީގެ ބަހަނާއެއް ގޮތުން ސަރުކާރުން ބުނެފައި ވަނީ އެމީހުން ދިރިއުޅެމުން އައީ ގަވާއިދާ ހިލާފަށް އަޅާފައިވާ ތަންތަނުގައި ކަމުގައި އާއި، އަދި ގެދޮރު ގެއްލުނު މީހުންނަށް ބޯހިޔާވަހިކަން ދިނުމުގެ ވިސްނުން ގެންގުޅޭ ކަމުގައެވެ.
ނަމަވެސް މިކަންތައް ގާތުން ބަލަމުން އަންނަ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުން ހާމަކުރާ ގޮތުގައި، މިއީ ބޭރުގެ އިއްޒަތްތެރިން ޖީ20 ގެ މަހާސިންތާއަށް ވަޑައިގަންނަވާތީ މަންޒަރު ރީތި ކޮށްލުމުގެ ގޮތުން ކުރާކަމެކެވެ.
ޖީ20 ގެ މަހާސިންތާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދައްކަވަން ބޭނުންވާ ތަސައްވުރަކީ އިންޑިއާއަކީ އެންމެ ޒަމާނީ ސުޕަޕަވާއެއް ގޮތުގައި ދެއްކުމެވެ. އަދި ތަރައްގީ ވަމުން އަންނަ ގައުމުތައް (ގްލޯބަލް ސައުތު) ގެ ލީޑަރެއްގެ ގޮތުގައި، ފަގީރު ގައުމުތަކުގެ އަޑު ދުނިޔެ އަށް އިއްވުމެވެ. ނަމަވެސް ގިނަ މީހުން ސަރުކާރަށް ކުރާ ތުހުމަތަކީ އަމިއްލަ ގައުމުގައި ހުރި މިފަދަ ކަންބޮޑުވާން ޖެހޭ ކަންތައް ބައިނަލްއަގްވާމީ މުޖްތަމައަށް ފޮރުވަން އުޅޭކަމުގެ ތުހުމަތެވެ.
އިޖްތިމާއީ ހަރަކާތްތެރިއެއް ކަމުގައިވާ ހާޝް މަންދަރް ހާމަކުރި ގޮތުގައި އޭނާ އަށް އެންމެ ފާހަގަ ކުރެވޭ ކަމަކީ، ސަރުކާރުން ރައްޔިތުންގެ ފަގީރުކަން ބޭރު ގައުމުތަކުން ވަޑައިގަންނަވާ އިއްޒަތްތެރިންނަށް ފެނިދާނެތީ ލަދުން އުޅޭކަމެވެ. އަދި އެމަންޒަރު އެމީހުންނަށް ފެންނަން ސަރުކާރުން ބޭނުންނުވާ ކަމުގައެވެ. ނަމަވެސް މީހުން ދިރިއުޅޭ ގެތައް ތަޅާލުމާއި ޖީ 20 ސަމިޓާ ގުޅުމެއް ނެތްކަމަށް ސަރުކާރުން ބުނެއެވެ.
ކުއްލި އަކަށް ވީކިހިނެއް؟
އިންޑިއާގެ ވެރި ރަށް ނިއުދިއްލީ އަކީ ޒަމާނުއްސުރެ ވެސް އެކި ގިންތީގެ މީހުން އެއްތަނެއްގައި އުޅޭކަމަށް ފާހަގަކޮށްލެވޭ ސިޓީއެކެވެ. އެގޮތުން މުއްސަނދިން އެމީހުންގެ ގަނޑުވަރުތަކުގައި އަރާމުގައި އުޅޭ އިރު ޖެހިގެން ފަން ޖިފުޓިތަކުގައި ފަގީރުން ދިރިއުޅެއެވެ. މީގެ އިތުރުން ޓްރެފިކް ލައިޓުތަކުގައި މަޑުކޮށްގެން ތިބޭ ކާރުތައް ކައިރިއަށް އައިސް ފަގީރު ކުޑަކުދިން ކުޅޭ އެއްޗެއްސާއި ތަކެތި ވިއްކުމަކީ ވެސް ދިއްލީގެ މަގުތަކުން އާންމުކޮށް ފެންނަ މަންޒަރެކެވެ. ދިއްލީއަކީ ހުރިހާ ވައްތަރެއްގެ ވިޔަފާރިއަކަށް ހުޅުވިފައި އޮތް ސިޓީއަކަށް ވިޔަސް އެތަނުގައި ވަޒީފާގެ ދަތިކަންވެސް ދުވަހެއް ދުވަހަކަށް އަންނަނީ ބޮޑުވަމުންނެވެ.
2011 ގައި އިންޑިއާގައި ނެގުނު ބޯހިމެނުމުގައި ދިއްލީގައި އެކަނި 16 މިލިއަން މީހުން ދިރިއުޅޭ ކަމަށް ރިކޯޑުކުރެވިފައި ވެއެވެ. ނަމަވެސް މީގެ ތެރެއިން ސަރުކާރުގެ ހުއްދައާ އެކު ދޫކުރެވިފައިވާ ތަންތަނުގައި ދިރިއުޅެމުން އަންނަނީ އެންމެ 23.7 ޕަސެންޓް މީހުން ކަމުގައި އާއި ބާކީ މީހުން ދިރިއުޅެމުން އަންނަނީ ހުއްދަނެތި އަމިއްލައަށް ތަންތަން ހަދައިގެން ކަމުގައި ދިއްލީގައި ހުންނަ ތިންކް ޓޭންކް ޕޮލިސީ ރިސާޗް ސެންޓަރުން ނެރުނު ރިޕޯޓެއްގައި ވެއެވެ.
ދިރިއުޅުނު ގެދޮރު ތަޅާލުމުގެ ސަބަބުން މަގުމަތިވި އެހެން މީހެއް ކަމުގައިވާ ސަވީތާ ބުނިގޮތުގައި މިދިޔަ އޭޕްރިލް މަހު އޭނާއާއި އޭނާގެ ހަތަރު ދަރިންގެ ކުރިމަތީގައި އެމީހުން ދިރިއުޅެމުން އައި ގެ ބިމާއި ހަމަކޮށްލިއެވެ. ނަމަވެސް އެމީހުންނަށް ކުރެވޭނެ އިތުރު ކަމެއް ނެތެވެ.
ބައެއް ކޯޓު އަމުރުތަކުން އިނގޭ ގޮތުގައި ސަވީތާ އަދި އޭނާގެ އަވަށްޓެރިން ދިރިއުޅެމުން އައި ހިސާބަކީ އެމީހުން އެއްވެސް ހުއްދައެއް ނެތި އުޅެމުން އައި ތަންތަނެވެ. މީގެ އިތުރުން ޖެނުއަރީ މަހު އާކިއޮލޮޖީ ސާވޭ އިން އިންޑިއާއިން އެސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ފޮނުވި ނޯޓިސްގައި ބުނެފައިވަނީ 15 ދުވަސް ތެރޭގައި އެމީހުންގެ އަމިއްލަ ހަރަދުގައި އެއިމާރާތްތައް ނައްތާލުމަށެވެ. ސަވީތާ ބުނިގޮތުގައި އެމީހުން ދިރިއުޅެން ގެ އެޅުމަށް އެސަރަހައްދުން ބިން ގަތްއިރުވެސް އެއީ ހުއްދަ ދީފައިނުވާ ތަންތަން ކަން އިނގެއެވެ. ނަމަވެސް އެމީހުންގެ ފަގީރު ހާލަތުގެ ސަބަބުން އިތުރު ގޮތެއް ނެތީ ކަމުގައެވެ.
2016 ވަނަ އަހަރުން ފެށިގެން އެތަނުގައި ދިރިއުޅެމުން އަންނަ ސަވީތާ އަދި އެހެން އެންމެންގެ ވެސް ސުވާލަކީ ކުއްލިއަކަށް ސަރަހައްދު ހުސްކޮށް ގެތައް ތަޅާލަންވީ ސަބަބަކީ ކޮބައިހެއްޔެވެ؟ އެތަނުގައި މީހުން އާބާދުވެ ދިރިއުޅެމުން އަންނަތާ މިހާރު 40 އަށްވުރެ ގިނަ އަހަރު ވެދާނެ ކަމަށް އެމީހުން ބުނެއެވެ. އަދި ގަވާއިދާއި ހިލާފަށް އުޅެމުން އަންނަކަން އެނގި ތިބެ ކުރިން މިގެތައް ތަޅާނުލީ ކީއްވެހެއްޔެވެ؟
ވަންނާނެ ގެދޮރެއް ނެތި ކާނެ އެއްޗެއް ނުލިބި ބަނޑުހައިހޫނުކަމުގައި!
ތުގްލާއާބާދުގައި ދިރިއުޅެމުން އައި 100،000 އާ ގާތްކުރާ އަދަދަކަށް މީހުންގެ ގެދޮރު މިކަމުގެ ސަބަބުން ގެއްލިފައިވާ ކަމަށް އެމީހުންގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށައަޅާއިވާ ޕެޓިޝަނެއްގައި ވެއެވެ. ވަންނާނެ ގެދޮރެއް ނެތި، ތަނެއް ކުއްޔަށް ހިފޭނޭ ފަދަ ތަނަވަސް ކަމެއްވެސް ނެތި އެތައް ބަޔަކު މިވަނީ މަގުތައް މަތީގައި ދިރިއުޅެން މަޖުބޫރު ވެފައެވެ. ގިނަމީހުން ދިރިއުޅެނީ ސަލާން ޖަހައިގެން ކާއެތިކޮޅު ހޯދައިގެންނެވެ. މިކަންތައް ތަކުގެ ސަބަބުން އެހިސާބުގައި އިޖްތިމާއީ އެތައް މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފައެވެ.
ބައިނަލްއަގްވާމީ މިފަދަ ބޮޑެތި ރަސްމިއްޔާތުތައް ބޭއްވުމަށް އިންޑިއާގެ އެކި ސަރަހައްދުތަކުގައި ހުރި ފަގީރުން ދިރިއުޅޭ ތަންތަން އިންޑިއާ ސަރުކާރުން ނައްތާލި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. 2010 ވަނަ އަހަރު ކޮމަންވެލްތް ގޭމްސް ބޭއްވުމަށްޓަކައި ވެސް ދިއްލީގެ މަގުތަކުގައި ދިރިއުޅެމުން އައި އެތައް ބައިވަރު ސަލާން ޖަހާ މީހުންނަށް އެސަރަހައްދު ދޫކޮށް ދާން މަޖުބޫރުވެސް ކޮށްފައިވެއެވެ. އަދި ފަގީރުން ދިރިއުޅުނު އެތައް ގެތަކެއް ސުންނާފަތިވެސް ކޮށްފައިވެއެވެ.
އިޖްތިމާއީ ހަރަކާތެރިއެއް ކަމުގައިވާ މަންދަރް ބުނިގޮތުގައި ސަރުކާރުން ނިކަމެތިންނަށް އަމާޒުކޮށް މިފަދަ ލާއިންސާނީ އަމަކު ހިންގުމަކީ ވަރަށް ވެސް ނާއިންސާފުން ކުރަމުން އަންނަ އަމަލުތަކެކެވެ. އަދި އެމީހުންނަށް މިހާލަތު ކުރިމަތިވީ މި ސިޓީގެ ތަރައްގީގެ ޕްލޭންގައި ފަގީރުން ދިރިއުޅުމަށް ޖާގަދީފައި ނުވާތީ ކަމުގައެވެ. މީގެ އިތުރުން އެމީހުންގެ ގެދޮރު ނައްތާލުމުގެ މަސައްކަތް ކުރަނީ އެއްވެސް ވަރެއްގެ އިންސާނިއްޔަތު ކަމެއް ނެތި ވަރަށް ވެސް އަނިޔާވެރި ގޮތަކަށް ކަމުގައި މަންދަރް ވަނީ ބުނެފައެވެ.
މިއަހަރުގެ ޖީ20 މަހާސިންތާގެ ރިޔާސަތާއި ހަވާލުވެ، ދުނިޔޭގެ އެންމެ ބޮޑު އާބާދީއެއް އޮތް ގައުމު އިންޑިއާއިން މިވަނީ ދުނިޔޭގެ ތަރައްގީ ވަމުން އަންނަ ގައުމުތައް (ގްލޯބަލް ސައުތު)ގެ ލީޑަރަކަށް ވެފައެވެ. މީގެ އިތުރުން އިންޑިއާ އިން މިވަނީ މިދިޔަ މަހު އެމީހުންގެ ޖައްވީ އުޅަނދު ޗަންދްރަޔާން-3 ކާމިޔާބު ކަމާ އެކު ހަނދަށް ޖައްސައި ޖައްވީ ތާރީހުގައި ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.
މިހުރިހާ ކަމެއް މިހެން އޮތް އިރުގައި، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ އެކްޓިވިސްޓުން ފާހަގާކުރާ ގޮތުގައި އެގައުމުގައި ދިރިއުޅޭ ފަގީރުން އުޅެނީ ވަރަށް ވެސް ދަތި ހާލުގައެވެ.
ދިރިއުޅެމުން އައި ގެދޮރު ސުންނާފަތި ކޮށްލުމުން މަގުމަތިވެފައިވާ މީހުން ބުނިގޮތުގައި، އެމީހުންގެ އެއްވެސް ބާރެއް ނެތީ އެމީހުން ފަގީރުވެފައި ނިކަމެތި ވުމުންނެވެ. އެމީހުން ވެސް އެމީހުންގެ ދަރީންނަށް ރަނގަޅު ތައުލީމެއް ހޯދައިދީ މުސްތަގުބަލު އުޖާލާކުރުމަށް އެތަކެއް ހުވަފެން ތަކެއް ދެކުނެވެ. ނަމަވެސް މިހާރު ދިރިއުޅެން ޖެހިފައިވަނީ ވަގުތީ ޓެންޓުތަކުގައި ގަދަ ފިންޏާއި އަދި ގަދަ އަވީގައެވެ. މީގެ އިތުރުން އެމީހުންނަށް ބޯހިޔާވެހި ކަމެއް ފޯރުކޮށްދިނުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމުގައި އެމީހުން ބުނެއެވެ.