ކަޝްމީރުގައި ޖީ20 ގެ ފަތުރުވެރިކަމުގެ އިވެންޓު ބާއްވާ އިރު ކަޝްމީރުގެ މީޑިއާ މިނިވަން ކުރުމަށް ކޮމިޓީ ޓް ޕްރޮޓެކްޓް ޖާނަލިސްޓް (ސީޕީޖޭ) އިން އިންޑިއާ އަށް ގޮވާލައިފިއެވެ.

ސީޕީޖޭއިން ބުނީ، ކަޝްމީރުގެ ކަންކަން ހުރީ ރަނގަޅަށް ކަން ދައްކަން އިންޑިއާ އިން މަސައްކަތް ކުރިޔަސް ނޫސްވެރިކަމުގެ މިނިވަންކަމެއް ނެތް ކަމަށެވެ. އެއާއެކު އެ ޖަމާއަތުން ބުނީ، މިހާރުވެސް ޖަލުގައި ބަންދު ކޮށްފައި ތިބި 4 ނޫސްވެރިއަކު އެބަތިބި ކަމަށާއި، ނުސްވެރިން ހިފާ ހައްޔަރު ކުރުން ކުށްވެރި ކުރާ ކަމަށެވެ.

އެ 4 ނޫސްވެރިން ދޫކޮށްލުމަށް ގޮވާލައި ސީޕީޖޭއިން ކުރި ޓްވީޓެއްގައި ވަނީ އާސިފް ސުލްތާން، ފަހަދް ޝާހް، ސަޖަދް ގުލް އަދި އިރްފާން މެހްރާޖްގެ ފޮޓޯވެސް އާންމު ކޮށްފައެވެ.

މިތަނުން ސުލްތާން އަކީ ކަޝްމީރުގައި ނެރޭ ކަޝްމީރް ނެރޭޓާ މެގަޒިންގެ ނޫސްވެރިއެކެވެ. 2018 ގައި އިންޑިއާ ސަރުކާރުން އޭނާ ހައްޔަރު ކުރީ، ޓެރަރިޒަމް މަނާކުރާ ގާނޫނު (ޔޫއޭޕީއޭ)ގެ ދަށުންނެވެ. އޭނާގެ މައްޗަށް މީހުން މެރުމާއި، މަރަން އުޅުމާއި ޓެރަރިސްޓުންނަށް ހިމާޔަތް ދިނުމުގެ ތުހުމަތު ކުރެއެވެ. ނަމަވެސް ސުލްތާންގެ އާއިލާއިމް ބުނީ، އޭނާ ހައްޔަރު ކުރީ ލިޔާ ހަބަރުތަކުގެ ސަބަބުން ކަމަށެވެ.

ޝާހް އަކީ ކަޝްމީރު ވާލާގެ އެޑިޓަރެވެ. އޭނާވެސް ހައްޔަރު ކުރީ ޓެރަރިޒްމް މަނާ ކުރާ ގާނޫނުގެ ދަށުން އޭނާގެ ލިޔުންތަކުގައި ޓެރަރިޒަމަށް ހިތްވަރު ދޭ ކަމަށް ބުނެ މިދިޔަ އަހަރުގެ ފެބްރުއަރީގައެވެ.

ގުލް ޖަލަށް ލީ ޕަބްލިކް ސޭފްޓީ އެކްޓުގެ ދަށުންނެވެ. އެ ގާނޫނު ބުނާގޮތުން ކަފާލާތުގެ ހައްގު ނުލިބި މީހަކު އެއް އަހަރަށް ނުވަތަ އެއަށް ވުރެ ގިނަ ދުވަހު ޖަލުގައި ބޭހެއްޓިދާނެއެވެ. އޭނާ ޖަލަށް ލި އިރު ކުރާ ތުހުމަތަކީ ކޮބައިކަން ސާފެއް ނުވެއެވެ.

މެހްރާޖް ހައްޔަރު ކުރީ، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތެއް ކަމަށް ވާ ޖަންމޫ އެންޑް ކަޝްމީރް ކޯލިޝަން އޮފް ސިވިލް ސޮސައިޓީއާ ގުޅުން އޮންނަ ކަމަށް ބަލައި ޓެރަރިޒަމަށް ތުހުމަތު ކޮށް މީގެ ދެމަސް ކުރިންނެވެ. އޭނާ އަކީ އެ ޖަމާއަތުގެ ރިސާޗް މަސައްކަތްވެސް ކުރާ މީހެކެވެ.

މި 4 މީހުންވެސް ލާފައި ވަނީ ކަޝްމީރުން ބޭރުގައި ހުންނަ ޖަލުތަކަށެވެ. ބޭނުމަކީ އެމީހުންނާ ހަމައަށް އެމީހުންގެ އާއިލާތަކަށް ފަސޭހައިން ޒިޔާރަތް ކުރެވޭނެ މަގު ބަންދު ކުރުން ކަމަށް ވެސް ސީޕީޖޭއިން ބުނެއެވެ.

އޮގަސްޓް 5، 1019 ގައި ޖަންމު އެންޑް ކަޝްމީރަކީ އިންޑިއާ މައިސަރުކާރުގެ ސީދާ ބެލުމުގެ ދަށުން އޮންނަ ތަނަކަށް ބަދަލުކުރި ހިސާބުން ކަޝްމީރުން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިވެގެން ދިޔައެވެ. އެއާއެކު އެތައް ބައިވަރު ސިޔާސީ ފަރާތްތަކާއި އެކްޓިވިސްޓުންނާއި ނޫސްވެރިން އަދި ލޯޔަރުން ހައްޔަރު ކުރިއެވެ. އޭގެ ފަހުން އެތައް ގާނޫނެއް ތައާރަފްކޮށް އެތާނގެ ރައްޔިތުންގެ މިނިވަންކަން ހަނިކޮށްފައި ވާކަމަށް ވެސް ހަބަރުތައް ބުނެއެވެ.

ބައެއް ނޫސްވެރިންނާ ހަވާލާދީ އަލްޖަޒީރާގައި ބުނެފައި ވަނީ، 2019ގެ ފަހުން ނޫސްވެރިކަން އޮތީ ބިރުވެރިކަމެއްގައި ކަމަށާއި އެތައް ނޫސްވެރިއެއްގެ ގެއަށް ފުލުހުން ވަދެ އެތައް ބަޔަކު ފުލުސް އިދާރާތަކަށް ގެންގޮސް ސުވާލުކޮށް ހަދާފައި ވާ ކަމަށެވެ. އެހެން ކަމުން ބައެއް ނޫސްވެރިން ތިބީ މިނިވަން ކަމާއެކު ހިޔާފާޅު ކުރަން ނުކެރި ބިރުން ކަމަށް ވެސް ބުނެއެވެ.

ރިޕޯޓާސް ވިތް އައުޓް ބޯޑާސް އިން އާންމު ކުރި ރޭންކިން އިން ދައްކާ ގޮތުން ހިޔާފާޅު ކުރުމުގެ މިނިވަން ކަމުގައި އިންޑިއާ އޮތީ 180 ގައުމުގެ ތެރެއިން 161 ވަނައިގައެވެ.

ސީޕީޖޭއިން ކަންބޮޑުވުން ފާޅުކޮށް ބަޔާން މިނެރުނީ، ޖީ20 ގައުމުތަކަށް ނިސްބަތްވާ 60 އެއްހާ މަންދޫބުން ކަޝްމީރުގެ ޝްރީނަގަރަށް އެއްވެ 3 ދުވަހުގެ ސަމިޓެއް ފެށި ވަގުތެވެ. އިއްޔެ ފެށި މި ސަމިޓަކީ މިއަހަރު އިންޑިއާއިން ރިޔާސަތު ބަލަހައްޓާ ޖީ20 ގެ ގައުމުތަކުގެ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ފަތުރުވެރިކަމާ ގުޅޭ ސަމިޓެވެ.

ކަޝްމީރުގައި މި ބައްދަލުވުން ބެއްވުމާ ޕާކިސްތާނުން ދެކޮޅު ހަދާފައި ވާ އިރު ޗައިނާ އިން ވަނީ ބައްދަލުވުން ބޮއިކޮޓް ކޮށްފައެވެ.

ޖަންމު އެންޑް ކަޝްމީރަކީ ޕާކިސްތާނާއި އިންޑިއާ އާ ދެމެދު ބޮޑު ފަޅި/ ކުޑަ ފަޅި މައްސަލައިގައި އަރާރުންވާ ތަނެކެވެ. ދެގައުމުންވެސް ބޭނުންވަނީ ކަޝްމީރު އެއްކޮށެވެ. އެކަން އެހެން އޮތް އިރު ކަޝްމީރުގެ ޗައިނާ އާ ވީ ފާޅީގެ މިލްކުވެރިކަމާމެދު ޗައިނާ އާއި އިންޑިއާ ކޯޅެއެވެ. ދެގައުމުން ބޭނުންވަނީ އެސަރަހައްދު އެއްކޮށެވެ. ތިނެސްކަން މިއަރާރުމެއްގައި 3 ގައުމު އޮންނަތާ 75 އަހަރު ވެގެން ދިޔަ އިރު އެކިއެކި ކުރިމަތިލުންތަކުގައި 3 ފަރާތުންވެސް ސިފައިން ވަނީ މަރުވެފައެވެ.