ކުޑަކުދިންނަށް ހާއްސަ ޕެރަސަޓްމޯލް ސިރަޕްތަކަކަށް ސަމާލުވާން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސް ކޮށްފިއެވެ.
އެމްއެފްޑީއޭއިން ބުނީ އޭގެ ތެރޭގައި އަށް ޕެރަސަޓްމޯލް ސިރަޕެއް ހިމެނޭ ކަމަށާއި އެ ބޭސްތަކަކީ ދެކުނު އިރުމަތީ އޭޝިއާގައި ދައުރުވަމުންދާ ބޭސްތަކެކެވެ.
އެ ސިރަޕްތަކުގެ ތެރޭގައި:
- ޓާމޮރެކްސް
- ފްލުރިން ޑީއެމްޕީ
- ޔުނި ބޭބީ ކޯފް ސިރަޕް
- ޔުނި ބޭބީ ޕެރަސެޓަމޯލް ޑްރޮޕްސް
- ޔުނި ބޭބީ ޕެރަސެޓަމޯލް ސިރަޕް
- ޕެރަސެޓަމޯލް ޑްރޮޕްސް
- ޕެރަސެޓަމޯލް ސިރަޕް (މިންޓް)
- ވިޕްކޯލް ސިރަޕް
އެމްއެފްޑީއޭއިން ބުނީ އެ ސިރަޕްތަކަށް އެތެރެކޮށް ވިއްކުން މަނާ ކުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ އިރުޝާދުގެ މަތިން ކަމަށާއި ޑައެތުލީން ގްލައިކޯލް އާއި އެތެލީން ގްލައިކޯލް ކިޔާ މާއްދާތަކެއްގެ ސަބަބުން އެ ބޭސްތައް ތަޣައްޔަރުވެފައިވާ ކަމަށެވެ.
އެ ބޭސްތައް މަނާކުރިއިރު މިއީ ރާއްޖޭގައި އެތެރެކޮށް ވިއްކުމުގެ ހުއްދަ އޮންނަ ބޭސްތަކެއް ނޫން ކަމަށާއި އެހެންނަމަވެސް ބޭސް ސިޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް އެ ބޭސް އެތެރެ ވުމުގެ ފުރުސަތު އޮތުމުން އެގޮތަށް އިލްތިމާސް ނެރުނީ ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.
އެމްއެފްޑީއޭއިން ބުނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެކުރާއިރު ހާއްސަ ސަމާލުކަމެއް ދީގެން ޕޯޓްތަކުގައި ބަލައި ފާސް ކުރަމުން ގެންދާނެ ކަމަށެވެ. އަދި އެ ބޭސްތަކާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެ އޮތޯރިޓީއާ މައުލޫމާތު ހިއްސާ ކުރުމަށް ވަނީ އެދިފައެވެ.
ދާދި ފަހުން އެމްއެފްޑީއޭއިން ވަނީ ކުޑަކުދިންނަށް ހާއްސަ ކޮފްސިރަޕުތަކެއްވެސް ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފައެވެ.