ހަންގޭރީން ދިވެހިންނަށް ކޮންމެ އަހަރަކު ދޭ ސްކޯލާޝިޕްގެ އަދަދު 25 އަށް އިތުރުކޮށް، ތައުލީމީ ދާއިރާގެ އިތުރުން، އިގްތިސޯދާއި ކުޅިވަރުގެ ދާއިރާ އިން ހަންގޭރީ އާ އެކު ސަރުކާރުން އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

އެ އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ ހަންގޭރީގެ ފޮރިން މިނިސްޓަރު ޕީޓާ ސިއާޓޯ ރާއްޖެ އަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެން، ފޮރިން މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ރާއްޖޭގެ ފަރާތުން އިގްތިސޯދީ ދާއިރާގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، އެ އެއްބަސްވުމުގެ ދަށުން އިމާރާތްކުރުމުގެ ދާއިރާ އާއި ސިއްހީ ދާއިރާގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާ އިން ދެ ގައުމުގެ ދެމެދު ތަޖުރިބާތައް ހިއްސާކޮށް، ވިޔަފާރީގެ ފަހި ފުރުސަތުތައް ހޯދޭނެއެވެ.

ތައުލީމީ ދާއިރާގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނެވެ. އެ އެއްބަސްވުމުގެ ދަށުން ހަންގޭރީން އަހަރެއްގެ މައްޗަށް ދިވެހިންނަށް ދޭ ސްކޯލާޝިޕްގެ އަދަދު 15 އިން 25 އަށް އިތުރުވެގެން ދާނެއެވެ. އެ ބަދަލާ އެކު، 2024 ގެ ނިޔަލަށް ހަންގޭރީން ދިވެހިންނަށް 100 ސްކޯލާޝިޕް ލިބޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ކުޅިވަރު ދާއިރާގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފެވެ. ފޮރިން މިނިސްޓްރީން ބުނީ، އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެތުލީޓުންނަށް ތަފާތު ތަމްރީން ޕްރޮގްރާމްތައް ހިންގާނެ ކަމަށާއި، ފުޓްބޯޅަ ކޯޗުން ތަމްރީނުކުރުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށެވެ.

އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް ފަހު ދެ ބޭފުޅުން ދެއްވި ޖޮއިންޓް ނޫސްބަޔާނެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، މިއީ ހަންގޭރީގެ މަތީ ބޭފުޅަކު ރާއްޖެ އަށް ކުރެއްވި ފުރަތަމަ ދަތުރު ކަމަށާއި، މިނިސްޓަރު ސިއާޓޯގެ ދަތުރުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ފުރުސަތުތައް ފަހިވެއްޖެ ކަމަށެވެ.

އޭގެ އިތުރުން ޝާހިދު ވަނީ ރާއްޖޭން ވިލާތުގެ ގައުމުތަކަށް ބޭރުކުރާ މަހުން ނަގާ ޑިއުޓީ ކަނޑާލުމަށާއި، ވިލާތުގެ ގައުމުތަކަށް ދަތުރުކުރަން ދޫކުރާ އޮން އެރައިވަލް ވިސާ ދިނުމަށް އީޔޫ އަށް ހުށަހެޅި ހުށަހެޅުމަށް ތާއީދުކުރައްވާ ކަން މިނިސްޓަރު ސިއާޓޯ ހާމަކުރެއްވުމުން އެކަމަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ރަޝިއާ-ޔޫކްރައިން ހަނގުރާމަ އާ ގުޅިގެން، ޔުކްރައިން ގައި ތާށިވި ދިވެހިން އަނބުރާ ރާއްޖެ ގެނައުމަށް ހަންގޭރީން ދިން އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ވެސް ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.