ޗާގޯސްއަކީ ރާއްޖޭގެ ތަނެއްކަމަށް ކަނޑައެޅުމަށް ލިބުނު އެންމެ ފަހު ފުރުސަތު ގެއްލުވާލީ ކުރީގެ ސަރުކާރުތަކުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ ރާއްޖެއާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލައާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ޝާހިދު ވިދާޅުވީ މިހާތަނަށް ރާއްޖޭގައި އެކުލަވާލެވުނު އެއްވެސް ގާނޫނު އަސާސީއެއްގައި އެއްވެސް އިރެއްގައި ޗާގޯސްއަކީ ރާއްޖޭގެ ސިޔާދަތީ ބާރު ހިމެނޭ ރަށްތަކެއްކަމަށް ކަނޑައަޅަފައި ނުވާކަމަށެވެ.
ޗާގޮސްގެ މައްޗަށް ސިޔާދަތީ ބާރު އޮތް މޮރިޝަސްއާއި ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދު ފުށުއަރާތީ އިނގިރޭސިވިލާތާއެކު ރާއްޖެއިން 1992 ވަނަ އަހަރު އެއްބަސްވުމެއްގައި ސޮއިކުރި ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ. އަދި މޮރިޝަސް އާ ސަރަހައްދީ އިން ފުށުއަރާ ކަމަށް އެ ގައުމާއެކު 2010 ވަނަ އަހަރު އޭރުގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު އެއްބަސްވެވަޑައިގެންނެވި ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، 2017 މޮރީޝަސް ސަރުކާރުން ކުރަމުން އައި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އދއަށް ގަރާރެއް ހުށައެޅިކަމަށާއި، އެގަރާރުގައި ވަނީ ސިޔާދަތުގެ ބާރުގެ ދަށުގައި އޮތް ޗާގޯސްއަކީ މޮރީޝަސްގެ ބާރު ހިނގާ ތަނެއްކަމަށެވެ. އަދި އެތަނުގައި ތިބި މީހުން ގަދަބާރުން ބާލުވާފައިވާ ކަމަށް ވެސް ގަރާރުގައި ބުނެފައިވާ ކަމަށެވެ. އަދި އެ ގަރާރު އެތަނުގެ އަސްލު ވަޒަންވެރިން އެތަނަށް ގެނެސް ޗާގޯސް މޮރީޝަސްއާއި ހަވާލުކުރުމަށް އެ ގަރާރުގައި ބަޔާންކޮށްފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އެ މައްސަލަ އިސްތިއުނާފްކުރުމަށް އިންޓާނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއަށް ހުށައެޅުމުގެ ފުރުސަތު އޭރުގެ ސަރުކާރަށް ލިބުން ނަމަވެސް، އެކަން ނުކުރައްވާ އެ ސަރުކާރުން ހަނު ހުންނެވީ ކަމަށެވެ.
އެހެންކަމުން ޗާގޯސްއަކީ ރާއްޖޭގެ ބައެއްކަމަށް ހަދަން ލިބުނު އެންމެފަހުގެ ފުރުސަތު ގެއްލުވާލީ ރައީސް ޔާމީންގެ ސަރުކާރުންކަމަށް ޝާހިދު ވިދާޅުވިއެވެ.