ޖިނާއީ ބޮޑެތި ކުށް ކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މީހުންނަށް ދައުވާ ނުކޮށް، ތިން މަސް ދުވަހު ބަންދުގައި ބޭތިއްބޭ ގޮތަށް، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހެޅި އިސްލާހު މިއަދު ފާސްކޮށްފިއެވެ.

ބައެއް ބަދަލުތަކާ އެކު، ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވި ބިލު ޖުޑީޝަރީ ކޮމިޓީން ވަނީ މިދިޔަ މަހުގެ ނިމުނުކޮޅު ފާސްކޮށްފައެވެ.

މިއަދުގެ ޖަލްސާގައި މި ބިލު ފާސްކުރުމަށް ފެންނަ ކަމަށް ފާސްވެފައި ވަނީ ވޯޓުގައި ބައިވެރިވި 56 މެންބަރުންގެ އިއްތިފާގުންނެވެ.

މި ބިލު ފާސްކުރުމުގެ ކުރިން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި މީގެ ކުރިން އޮންނަ ގޮތުން:

  • ކުށެއް ކޮށްގެން މީހަކު ހައްޔަރުކުރުމުން، އޭނާ އަށް ބަންދު ޖަހަން ފަނޑިޔާރުގެ ކުރިމައްޗަށް ހާޒިރުކުރުމުން ބަންދު ޖަހަން އަމުރުކޮށްފި ނަމަ، އެ ދުވަހުން ފެށިގެން މަސް ދުވަހުގެ ތެރޭ ތަހްގީގު ނިންމައި ޕީޖީ އަށް ފޮނުވަން ޖެހޭ
  • ބަންދުން ދޫކޮށްލާ މީހެއްގެ ތަހްގީގު ނިންމައި ދޮޅުމަސް ދުވަހުގެ ތެރޭ ދައުވާ ކުރަން ފޮނުވަން ޖެހޭ
  • ނަމަވެސް ކުށުގެ ބާވަތުން މަސް ދުވަހުގެ ތެރޭ ތަހްގީގު ފުރިހަމަ ނުކުރެވިއްޖެ ނަމަ، ތަހްގީގުގެ މުއްދަތު ގިނަވެގެން އިތުރު ދޮޅުމަސް ދުވަހަށް އިތުރުކުރުމުގެ ބާރު ޕީޖީ އަށް ލިބިގެންވޭ

އޭގެ އިތުރުން މިއަދު ފާސްކުރި އިސްލާހުގައި އޮތް ގޮތަށް، ޖިނާއީ ބޮޑެތި ކުށްތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މީހުންގެ ތަހުގީގުގެ މުއްދަތު އިތުރުކުރުމަށް ބޭނުންވާ ނަމަ، ޕީޖީ އަށް ބާރު ލިބޭ ދޮޅުމަސް ދުވަހުގެ މުއްދަތު ދެ މަސް ދުވަހަށް އިތުރު ކުރުމަށްވެސް ވަނީ ފާސްކޮށްފައެވެ. ކޮމިޓީން އެގޮތަށް ފާސްކުރި ނަމަވެސް، ކޮމިޓީން ވަނީ ޕީޖީން ތަހްގީގުގެ މުއްދަތު އިތުރުކޮށްދޭ އިރު، 15 ދުވަހަށް ވުރެ ދިގު ނުވާނެ ގޮތަކަށް މުއްދަތު އިތުރުކުރުމަށް ޝަރުތުކޮށްފައެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ސަރުކާރުން ގެނައި އިތުރު ބައެއް އިސްލާހު:

  • ހައިކޯޓަށް ހުށަހެޅޭ ބައެއް މައްސަލަތައް އެންމެ ފަނޑިޔާރަކަށް ބެލޭ ގޮތަށް އިސްލާހު ގެނައުން
  • ދައުވާ ކުރުމަށް އެދި ޕީޖީ އަށް މައްސަލަ ފޮނުވުމުން، ކޯޓަށް އެ މައްސަލަ ހުށަހެޅުމަށް ދީފައިވާ މުއްދަތު 15 ދުވަހަށް އިތުރުކުރުން
  • ޖިނާއީ ބޮޑު މައްސަލައެއްގައި ހެކިބަސް ދޭ މީހާ ދޭ ހެކިބަހެއްގެ ސަބަބުން އޭނާ އަށް ނުރައްކާވުމުގެ ފުރުސަތެއް އޮތް ނަމަ، އެ މީހާ ހިމާޔަތްކުރުމުގެ އަމުރެއް ހޯދުމަށް ކޯޓަށް އެދި ހުށަހެޅޭ ގޮތަށް އިސްލާހު ގެނައުން

ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނެނީ މީހުން މެރުމާއި، ރޭޕް ކުރުމާއި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި، މަނީ ލޯންޑަރިންނާއި މީހުން ޓްރެފިކް ކުރުމާއި، މަސްތުވާތަކެތި ޓްރެފިކް ކުރުމާއި، މާރާމާރީ ހިންގުމުގެ އިތުރުން، އެއް ލައްކަ ރުފިޔާ އިން ފެށިގެން މަތީގެ ފައިސާ ހިމެނޭ ބައެއް ކުށްތަކާއި، 10 އަހަރަށް ވުރެ ގިނަ ދުވަހުގެ ޖަލު އަދަބު ކަނޑައަޅާފައިވާ ކުށްތަކެވެ.