ފޮރިން މިނިސްޓަރު އަބްދު ﷲ ޝާހިދު އިނގިރޭސިވިލާތައް ވަޑައިގަތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްއަށް ފޮނުވި ސިޓީގެ ކަންކަން ތަންފީޒުކުރަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން އަތޮޅު ތެރެއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު އައްޑޫ ސިޓީ ފޭދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ޝާހިދު އިނގިރޭސިވިލާތަށް ވަޑައިގަތީ މޮރިޝަސްގެ ބޮޑު ވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުވި ސިޓީގައި ހުރި ކަން ކަން ތަންފީޒުކުރުމާ ބެހޭ ވާހަކަދައްކަން ކަމަށެވެ. އަދި އިނގިރޭސިވިލާތައް އެހަށް ދުވަހު ނިންމި ނިންމުމަކީ އޭގެ ނަތީޖާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ އިނގިރޭސިންގެ ވިސްނުން ބަދަލުވީ ރައީސް ފޮނުއްވި ސިޓީގެ 'އަނެއް ފަރާތުގައި' ހުރި ވާހަކައެއް ކަށަވަރު ވެގެން ކަމަށާއި އެ ޔަގީންކަން ދިނީ އޭގެ ތިން ދުވަސް ކުރިން އިނގިރޭސިވިލާތުގައި ހުންނެވި ޝާހިދު ކަމަށެވެ.
މިއީ ވަރަށް ރޭވިގެން ވަރަށް ހީލަތްތެރިކަމާއެކު ނިންމި ކަމެއް ކަމަށާއި ފޮރިން ސެކްޓްރީ ކްލެވަލީގެ ނަމުގެ މާނައާ ގުޅުވާ މިއީ ވަރަށް ވިސްނުން ތޫނުކަމާ އެކީ ދިވެހިން މާޔޫސްވާ ގޮތަށް ނިންމި ނިންމުމެއް ކަމަށް ޔާމީން ވިދާޅުވިއެވެ.