ދިވެހިންގެ މެދުގައި ވެސް ބޮޑު މަގްބޫލުކަމެއް ހޯދި ކުރީގެ މަޝްހޫރު ބޭންޑް ބެކްސްޓްރީޓް ބޯއީސްގެ މެންބަރު ނިކް ކާޓާގެ ކޮއްކޮ އެރޮން ކާޓާ މަރުވެއްޖެއެވެ.
އުމުރުން 34 އަހަރުގައި އެރޮން މަރުވެފައި އޮއްވާ ފެނުނީ ގޭތެރެއިންނެވެ. އޭނާ މަރުވާންވީ ސަބަބުން އަދި ހާމަކޮށްފައެއް ނުވެއެވެ. ބާތު ޓަބެއް ތެރޭ އޭނާ މަރުވެފައި އޮއްވާ ފެނުނީ ހޮނިހިރު ދުވަހު ކަމަށް ފުލުހުން ބުނެއެވެ. ކުޑައިރުން ފެށިގެން ޕޮޕް މިއުޒިކް އިންޑަސްޓްރީގައި އުޅޭ އެރޮން މަރުވި އިރު އޭނާގެ އަހަރު ނުފުރޭ ކުޑަ ފިރިހެން ކުއްޖެއްވެސް އެބަ ހުއްޓެވެ.
ދެހާހުގެ އަހަރުގެ ކުރީކޮޅު އާންމުންގެ ބޮޑު ތަރުހީބެއް ހޯދި އެރޮން ވަނީ އޭނާގެ އުމުރުން އެންމެ ނުވަ އަހަރުގައި އޭނާގެ ފުރަތަމަ އަލްބަމް އާންމުންނާ ހަމައަށް ދޫކޮށްލާފައެވެ. އޭގެ ފަހުން އުމުރުން 12 އަހަރުގައި އޭނާ ވަނީ އޭނާގެ ދެވަނަ އަލްބަމެއް އާންމުންނާ ހަމައަށް ގެނެސްދީފައެވެ. ދިވެހިންގެ ތެރޭގައި މި ފަހުން އެރޮން ވަނީ ވަރަށް ބޮޑަށް މަޝްހޫރުވެފައެވެ. ދިވެހި އާޓިސްޓު އަލީ ޝިމްހާގުގެ އަމިއްލަ ކުރެހުމެއް ވަގަށް ނަގައިގެން އެރޮން ވަނީ އެ ކުރެހުން ބޭނުންކޮށްފައެވެ. މި މައްސަލަ ބޮޑުވެގެން ޝިމްހާގު ވަނީ އެމެރިކާގެ ކޯޓެއްގައި އޭނާ އާއި ދެކޮޅަށް ދައުވާކޮށް އެ މައްސަލައިން ކުރި ހޯދާފައެވެ.
އުމުރުން އެންމެ ނުވަ އަހަރުގައި އެރޮން ވަނީ އޭނާގެ އެންމެ ފުރަތަމަ ސޯލޯ ހުށަހެޅުން ދައްކާލަދީފައެވެ. ބާލިންގައި އޮތް ބެކްސްޓްރީޓް ބޯއިސްގެ ޝޯއެއްގައި އޭނާ ލަވަ ހުށައަޅައިދިން އިރު ގިނަ ބަޔަކު ވަނީ އޭނާގެ ރެޕުތަކަށް ތާއީދުކޮށްފައެވެ.