ކޮޕް ސަމިޓުގައި ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ ޕްލޭންތައް ހިއްސާކުރަން ލިބޭ މުހިންމު ފުރުސަތެއް ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
އދގެ 2022 ވަނަ އަހަރުގެ ކުލައިމެޓް ޗޭންޖް ކޮންފަރެންސް ( ކޮޕް 27) ގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، މިސަރުގެ ޝަރްމުއްޝައިހަށް މިއަދު ވަޑައިގެވި އިރު މިކޮންފަރެންސް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ޝަރްމުއްޝެއިހު އިންޓަނޭޝަނަލް ކޮންވެންޝަން ސެންޓަރުގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސް އޮފީހުން ބުނީ، ކޮޕް27 އަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ ޕްލޭންތައް ބައިނަލްއަގްވާމީ މުޖްތަމައުއާ ހިއްސާކުރުމަށް ރާއްޖެއަށް ފަހިވެގެންދާ މުހިންމު ފުރުސަތެއް ކަމަށެވެ. މި ކޮންފަރެންސްގައި، ނައިބު، މިމަހުގެ 7 ވަނަ ދުވަހު ރާއްޖޭގެ ފަރާތުން ގައުމީ ބަޔާން އިއްވެވުމަށް ހަމަޖެހިފައިވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.
ތަރައްގީވަމުން އަންނަ ކުދިޖަޒީރާ ގައުމުތަކުގެ (ސިޑްސް) ހައްގުގައާއި އަދި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވަކާލާތު ކުރައްވަމުން ގެންދަވާ ކަންކަމާއި އެއްގޮތްވާގޮތުގެ މަތިން އެމަނިކުފާނު 2019 ވަނަ އަހަރު ވަނީ ދިވެހިރާއްޖެއިން 2030 އާ ހަމައަށް އަންނަ އިރު ނެޓް ޒީރޯގެ ލަނޑުދަނޑި ހާސިލު ކުރުމަށް އަމާޒު ހިފާފައި ވާކަން އިއުލާނު ކުރައްވާފައެވެ.
މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި، ވިލުންތެރިކަން އިތުރުކުރުމުގައި ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކަށް ކުރިމަތިވާ މާލީދަތިތަކަށް ހާއްސަ ސަމާލުކަމެއް ދީގެން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކަށް ދުނިޔޭގެ ސަމާލުކަން ހޯދުމަށް ރާއްޖެއިން ވަނީ ގިނަ ގައުމުތައް އެކުވެގެން އުފައްދާފައި ވާ މުއައްސަސާތަކުގައި ބައިވެރިވުމުން ފެށިގެން ގައުމީ ފެންވަރުގެ ހަރަކާތްތައް ހިންގައި މިރޮނގުން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.