ކޮޕް27 ގައި ބައިވެރިވެ ވަޑައިގަތުމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް ފައިސަލް ނަސީމް މިސްރުގެ ޝާމް-އަލް-ޝާއިހަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ ނައިބުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ބުނީ މިއަދުން ފެށިގެން މިމަހުގެ 9 ވަނަ ދުވަހާއި ހަމައަށް ރައީސް ނަޝީދު މިސްރަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި 27 ވަނަ ކޮންފެރެންސް އޮފް ދަ ޕާޓީސް އޮފް ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް27) ގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާގެ ގައުމީ ވަފުދުގެ މެމްބަރެއްގެ ގޮތުގައި ކަމަށެވެ.

މިމަހުގެ 8 ވަނަ ދުވަހު މިސްރުގައި ބާއްވާ ކްލައިމެޓް ފްރޮސްޕެރިޓީ ޕްލޭންސް ފްލެގްޝިޕް އިވެންޓް، ޕޭވިން ދަ ލޭ ފްރޮމް ވަލްނަރެބިލިޓީ ޓު ޕްރޮސްޕެރިޓީގައި ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް މަޖިލީހުން ވަނީ ބުނެފައެވެ.

އެ ހަރަކާތުގައި މޫސުމީ ތަނަވަސްކަމުގެ ގައުމީ ޕްލޭންތައް އެކުލަވާލުމުގައި ގައުމުތަކުން ހޯދާފައިވާ ކުރިއެރުންތައް ދައްކާލުމަށް ހަމަޖެހިފައިވާއިރު އެ ބައްދަލުވުމަކީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) އަދި ވަލްނަރަބަލް ގްރޫޕް އޮފް 20 (ވީ20) އިން ރާވާ އިންތިޒާމު ކުރާ ބައްދަލުވުމެއް ކަމަށް މަޖިލީހުން ބުނެއެވެ.

މަޖިލީހުން ބުނީ މިސްރަށް ކުރައްވާ ދަތުރުފުޅުގައި ސީވީއެފްއާއި ވީ 20 އަދި އެހެނިހެން ގައުމުތަކުގެ އިސް އޮފިޝަލުންނާއި ވެސް ނަޝީދު ބައްދަލުކުރައްވާނެ ކަމަށާއި މިވަގުތު ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ (ސީވީއެފް)ގެ ވަލްނަރަބަލް ޓްވެންޓީ (ވީ20) ގްރޫޕުގެ ރިޔާސަތު ގާނާއިން ބަލަހައްޓާއިރު ރާއްޖެއަކީ ވެސް ސީވީއެފްގެ މެމްބަރު ގައުމެއް ކަމަށެވެ.

ރައީސް އޮފީހުން ބުނީ ކޮޕް27 އަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ ޕްލޭންތައް ބައިނަލްއަގްވާމީ މުޖްތަމައުއާ ހިއްސާކުރުމަށް ރާއްޖެއަށް ފަހިވެގެންދާ މުހިންމު ފުރުސަތެއް ކަމަށާއި ރާއްޖެއިން ވަނީ 2030 އާ ހަމައަށް އަންނަ އިރު ނެޓް ޒީރޯގެ ލަނޑުދަނޑި ހާސިލު ކުރުމަށް އަމާޒުހިފާފާ ކަމަށެވެ.