އީރާނުގައި އުމުރުން 22 އަހަރުގެ މާޝާ އަމީނީގެ މަރާއެކު ސިލްސިލާކޮށް ކުރިއަށް ދާ މުޒާހަރާތަކުގެ ބައިވެރިއެއްގެ ގައިގާ ތަޅާ، އެންމެ ފަހުން އޭނާގެ ގައިމައްޗަށް ސައިކަލު އަރުވާލައި އޭގެ ފަހުން ބަޑި ޖަހާ ވީޑިއޯއެއް އާންމުވެއްޖެއެވެ.

އީރާނުގެ ފުލުހުން ހިންގާފައިވާ މު ޖަރީމާ އާންމު ވުމާ އެކު، މަޝްރަހު ވަނީ އިތުރަށް ހޫނުވެފައެވެ. އެއާއެކު އެ މައްސަލަ ބަލާ ތަހުގީގު ކުރާނެ ކަމަށް އެގައުމުގެ ފުލުުހުން މިހާރު ވަނީ ބުނެފައެވެ.

އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ އާންމުން ދިރިއުޅޭ ސަރަހައްދުގެ މަގެއްގެ މަތިން، ފުލުހުންގެ ބޮޑު ބައިގަނޑެއް އެމީހާ ވައްޓާލާ، ބެޓަން އާއި ފައިން ތަޅާ މަންޒަރެވެ. އެއަށް ފަހު އޭނާގެ ލަފުގައި ހިފާ ނަގާ ގެއެއްގެ ގަރާޖު ތެރެއަށް ވައްޓާލައެވެ. އެތާނގައި އޭނާ އޮއްވާވެސް އެތައް ފުލުހަކު އޭނާއަށް ހަމަލާދީ ތަޅާތަން ފެނެއެވެ. އޭރުވެސް އެ މަގުން ގިނަ އަދަދެއްގެ ފުލުހުން ސައިކަލުތަކުގައި އަންނަ ތަން ފެންނަ އިރު ބައެއް އާންމުން ސަލާމަތް ވާން ދުވާތަންވެސް ފެނެއެވެ.

އިރުކޮޅެއްގެ ފަހުން ސައިކަލެއްގައި އިން މީހަކު އޭނާގެ ގައިމައްޗަށް ސައިކަލު އަރުވާލައެވެ. އެގެ ފަހުން ދެން އައި ދެތިން ފުލުހަކުވެސް އޭނާގެ ގައިގާ ތަޅާ އަނިޔާ ކުރަމުން ދަނިކޮށް ފަހަތުން އައިސް މަޑުކުރި އެހެން ދެ ފުލުހެއްގެ ތެރެއިން އެކަކު އޭނާގެ އަތުގައި އޮންނަ ޝޮޓް ގަން އޭނާ އާ ދާދި ގާތުން ޖަހާތަން ފެނެއެވެ.

މިއާއެކު ފުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ހާދިސާ ހިނގި ތަނާއި ގަޑި އަދި އަނިޔާކުރި މީހުން ދެނެގަތުމަށް ތަހުގީގެއް ފަށާފައި ވާ ކަމަށެވެ. އެ ސްޓޭޓްމަންޓުގައި އިތުރަށް ބުނީ، އެއްވެސް މީހަކަށް އަނިޔާވެރިވާން ހުއްދަ ނޯންނާނެ ކަމަށާއި ގާނޫނުގައި ވާ ގޮތުގެ މަތިން އެމީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

މިހާދިސާގައި އަނިޔާ ލިބުނު މީހާއަށް ވީ ގޮތެއް އަދި ސާފު ނުވާ އިރު، ބުރުގާ އެޅި ގޮތުގެ މައްސަލައިގައި ހައްޔަރު ކުރި އަމީނީ މަރާ ގުޅިގެންވެސް ގިނަ ސުވާލުތައް ވަނީ އުފެދިފައެވެ. އަމީނީގެ އާއިލާއިން ބުނާ ގޮތުން އޭނާ އަކީ މީގެ ކުރިން ބައްޔެއް ހުރި މީހަކަށް ނުވާ އިރު އޭނާ މަރުވީ ފުލުހުން އޭނާއަށް ދިން އަނިޔާގެ ސަބަބުންނެވެ. ނަމަވެސް މިކަން ދޮގުކޮށް ފުލުހުން ބުނެފައި ވަނީ އަމީނީ މަރުވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށެވެ.

1979 ގައި ގެނައި އިސްލާމިކް ރިވޮލިޔުޝަނަށް ފަހު މިއީ އީރާނުގެ އެތެރޭގެ ހާލަތު މިހާ ނާޒުވެގެން ދިޔަ ފުރަތަމަ ފަހަރެވެ. މުޒާހަރާތައް 130 ސިޓީއަކަށް ފެތުރިފައި ވާ އިރު، ފާއިތުވީ 2 މަހެއްހާ ދުވަހުގެ ތެރޭގައި ހަމަނުޖެހުންތަކާ ގުޅިގެން 277 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި 40 ކުޑަކުދިންވެސް ހިމެނެއެވެ.

މުޒާހަރާގެ އެއްވެސް ބައިވެރިއަކު ނުމަރާ ކަމަށް އީރާނުގެ ސަރުކާރުން ބުނެ، އެގައުމުން ކުށްވެރި ކުރަނީ ހުޅަނގާއި އެމެރިކާއެވެ. އެ ގައުމުން ބުނާ ގޮތުގައި، އީރާނުގައި ދާހިލީ ހަމަނުޖެހުން ހިނގަމުން ދަނީ އެމެރިކާގެ ނުބައި އެޖެންޑާގެ ދަށުން، ހުޅަނގާއި އެމެރިކާއަށް ވާގިވެރިވާ ބައެއްގެ ސަބަބުންނެވެ.

މި މުޒާހަރާތަކާ ގުޅިގެން މިހާތަނަށް 14،000 މީހަކު ހައްޔަރު ކޮށްފައި ވާ އިރު ފުލުހުންގެ ތެރެއިންވެސް މީހުންނަށް އަނިޔާވެ ޖުމްލަ 35 ފުލުހަކު މަރުވެފައި ވާ ކަމަށް ހަބަރުތައް ބުނެއެވެ.