ބަރުދަން ލުއިކުރާ ބޭހެއް ކަމަށްވާ "ޖަމު ސުރޫތު އަޔޫ" އިން ހާޓްއެޓޭކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު އޮތް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފިއެވެ.
އެމްއެފްޑީއޭ އިން ބުނީ ބަރުދަން ލުއި ވާނެ ކަމަށް ބުނެ ސޯޝަލް މީޑިއާ މެދުވެރިކޮށް މިހާރު ރާއްޖޭގައި ވިއްކަމުން ގެންދާ ޖަމު ސުރޫތު އަޔޫގައި ޑޮކްޓަރީ ބޭސް ސިބޫޓްރަމިން އާއި ލިޑޯކޭއިން ހިމެނޭ ކަމަށް ދުނިއޭގެ ގައުމުތަކުން ކޮށްފައިވާ ލެބޯޓްރީ ތަހުލީލުތަކުން ދައްކާ ކަމަށެވެ. އަދި އެ ސަބަބާއި ހުރެ އެ ބާވަތް ދުނިއޭގެ ގައުމުތަކުގައި މަނާކޮށްފައި ކަމަށް އެމްއެފްޑީއޭ އިން ބުނެއެވެ.
100 ޕަސެންޓް ގުދުރަތީ މާއްދާތަކުން އުފައްދާފައިވާ ކާބަލް ޕްރޮޑަކްޓެއްގެ ގޮތުގައި އިސްތިހާރުކޮށްފައިވާ އުފެއްދުމުގައި ހިމެނޭ ލިޑޯކޭއިން އަކީ އައްސި ކުރުމަށް ބޭނުންކުރާ ބޭހަކަށްވާއިރު އެ ބޭހުގެ ސަބަބުން އިންސާނެއްގެ ހަށިގަނޑަށް ކޮށްފާނެ ނުރައްކާތެރި އަސަރުތައް އަދި މިހާތަނަށް އަންދާޒާ ކުރެވިފައި ވެސް ނުވާ ކަމަށް އެމްއެފްޑީއޭ އިން ބުނެއެވެ.
ސިބޫޓްރަމިންއަކީ އޭގައި ހިމެނޭ ނުރައްކާތެރި ސައިޑް އިފެކްޓްތަކުގެ ސަބަބުން ގިނަ ގައުމުތަކުގައި މަނާކޮށްފައިވާ ބޭހެއް ކަމަށާއި އެ ބޭހުގައި ހިމެނޭ ސައިޑް އިފެކްޓްގެ ތެރޭގައި ފުރަމޭ ހަލާކުވުމާއި ހާޓްއެޓޭކް ޖެހުން އަދި ސްޓްރޯކް ޖެހުން ހިމެނޭ ކަމަށް އެމްއެފްޑީއޭ އިން ވަނީ ބުނެފައެވެ.
އެމްއެފްޑީއޭއިން ވަނީ ޖަމު ސުރޫތު އަޔޫ ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި އަދި ބޭނުން ކުރުމަކީ މަނާކަމެއް ކަމަށް ބުނެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިންޓަނެޓް އަދި އެނޫންވެސް ގޮތްގޮތުން މިފަދަ އުފެއްދުންތައް ގަންނައިރު ފުރިހަމަ މައުލޫމާތު ހޯދުމަށާއި މިފަދަ "ހެލްތް ފްރޯޑް" ތަކަށް އާއްމު ރައްޔިތުން ސަމާލުވުމަށް ވަނީ އެދިފައެވެ.
ފޭސްބުކުގަ އަދުވެސް ތިޔަ ވިއްކަ. ތިޠަ ދޮންވާ ކުރީމާ ތަންތަން ބޮޑުކުރާ ބޭހާ ފިރިހެނުންގެ "ވަރު ޖައްސާ" މާމުއި މީ ނުރައްކާތެރި ތަކެތި.