ޗާގޯސް ރަށްތަކުގެ ބާރުވެރިކަން މޮރިޝަސް އަށް އޮތް ކަމަށް ސަރުކާރުން އެއްބަސްވެ ނެގި ސްޓޭންޑަށް އިދިކޮޅުގެ ވެރިކަމެއްގައި އިހްތިރާމް ނުކުރާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ވާހަކަ އަށް ސަރުކާރުން ރައްދު ދީފިއެވެ.

ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ:

  • ޗާގޯސް ރަށްތަކުގެ މައްސަލައިގައި ސަރުކާރުން ދެން އިތުރަށް ނިންމަން ޖެހޭ ކަމެއް ނެތް ކަމަށް
  • ޔާމީން އެ ނިންމުން ބަދަލު ކުރައްވަން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށް
"މިހެން މި ދެންނެވީ ބައިނަލްއަގުވާމީ ކޯޓަކުން ނިންމި ނިންމުމެއް މިހާރު ނިމިފަ އެ އޮތީ. [އެ މައްސަލަ] ކުރިއަށް މި ދަނީ އިޓްލޮސްގަ، ބައިނަލްއަގުވާމީ ޓްރައިބިއުނަލްގަ ކުރިއަށްދާ މައްސަލައެއް [އެއީ]. އެހެންވީމަ މިކަމުގަ އަޅުގަނޑުމެން ދިވެހި ސަރުކާރުން ނަގާފައި އޮތް ސްޓޭންޑެއް ދެން އިތުރަކަށް ބަދަލުކުރާކަށް ނުޖެހޭނެ،"
މިއުވާން މުހައްމަދު | ރައީސް އޮފީހުގެ ތަރުޖަމާނު

މިއުވާން ވިދާޅުވި ގޮތުގައި، ބައިނަލްއަގުވާމީ ކޯޓަކުން ނިންމާ ނިންމުމަކާ ޔާމީން ހިލާފުވެ ވަޑައިގަންނަވަން ބޭނުންފުޅު ވުމަކީ އެއީ އެ ބޭފުޅުންގެ އަމިއްލަ ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ސްޓޭންޑް ބަދަލުވާނެ ކަމެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ، އައިސީޖޭ މައްސަލައިގައި ނިންމި ނިންމުން ތަންފީޒު ކުރުމަށް އދ. ގެ އާންމު މަޖިލިހަށް ހުށަހެޅިއްޖެ ނަމަ، އެއިރަކު އޮންނަ ސަރުކާރަކުން އެ ސަރުކާރެއްގެ ހާރިޖީ ސިޔާސަތާ އެއްގޮތަށް ވޯޓު ދޭނެ ކަމަށެވެ. މި ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ އިސްތިއުމާރު ކުރުމާ ދެކޮޅުވުން ކަމަށް، އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތަކީ ޑީކޮލޮނައިޒޭޝަން، އަޅުވެތިކަމާ މި ކަންކަމަށް އެ ބޭފުޅުން (ޔާމީން، އިދިކޮޅު) ތާއީދުކުރައްވަންޏާ އެ ބޭފުޅުންގެ ސްޓޭންޑް ބަދަލުކުރައްވާނީތާ."
މިއުވާން މުހައްމަދު | ރައީސް އޮފީހުގެ ތަރުޖަމާނު

އިދިކޮޅު ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ، ޗާގޯސް ރަށްތަކުގެ މައްސަލައިގައި ރާއްޖޭން ގެންގުޅުނު ސްޓޭންޑް ބަދަލުކުރުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިދާނެ ކަމުގެ ބިރު ހީވެފައި އެބައޮތް ކަމަށާއި، އިދިކޮޅުގެ ވެރިކަމެއްގައި މި ސަރުކާރުގެ ސްޓޭންޑް އަނބުރާ "ޖަހާނަން" ކަމަށެވެ.

"ﷲގެ ރަހުމަތާ އެކީ 2023 އަކީ ދިވެހި ރައްޔިތުންގެ އަހަރެއް ކަމަށް ވަންޏާ، އަޅުގަނޑުމެންނަށް ސަރުކާރު ލިބިއްޖެ ކަމަށް ވަންޏާ، ގާނޫނާ ހިލާފަށް، ގާނޫނުއަސާސީއާ ހިލާފަށް މިހާރު ސަރުކާރުން މި މައްސަލައިގައި ކޮށްގެން އުޅޭ ކަންތަކަށް އަޅުގަނޑު އިހުތިރާމެއް ނުކުރާނަން. އެކަން އަނބުރާ ޖަހާނަން." ޔާމީން ވިދާޅުވިއެވެ.