މުވައްޒަފަކަށް ޖިންސީ ގޯނާ ކުރިކަން ސާބިތުވުމުން، ގއ. ދާންދޫގެ އިސްމެޖިސްޓްރޭޓް ލުއައްޔު އިބްރާހީމް ފަނޑިޔާރުކަމުން ވަކިކޮށްފިއެވެ.

ޖުޑީޝިއަލް ސާވިސް ކޮމިޝަނުން ބުނީ، އިސްމެޖިސްޓްރޭޓް ލުއައްޔުގެ 22 މައްސަލައެއް ތަހްގީގު ކުރެވި ތައްޔާރު ކުރެވުނު ރިޕޯޓް މިދިޔަ އާދީއްތަ ދުވަހު ބޭއްވި އެ ކޮމިޝަންގެ ޖަލްސާގައި ފާސްކޮށްފައިވާ ކަމަށެވެ. މައްސަލަތައް ނިންމި ގޮތަށް ބަލާލާއިރު:

  • 20 މައްސަލަ ނިންމާފައި ވަނީ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާ ކަން ސާބިތުނުވާ ކަމަށް
  • ދެ މައްސަލަ ނިންމާފައި ވަނީ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާ ކަން ސާބިތުވާ ކަމަށް

ޖޭއެސްސީން ފާސްކުރި ރިޕޯޓުގައިވާ ގޮތުން އިސްމެޖިސްޓްރޭޓް ލުއައްޔުގެ މައްޗަށް ސާބިތުވެފައި ވަނީ ދާންދޫގެ މެޖިސްޓްރޭޓް ކޯޓުގައި ވަޒީފާ އަދާކުރި މުވައްޒަފަކަށް ޖިންސީ ގޯނާ ކުރި ކަމަށާއި، އަމިއްލަ ވިޔަފާރީގައި އަމަލީގޮތުން ހަރަކާތްތެރިވި މައްސަލައެއްގައި ހިމެނޭ ހެކިންނަށް ނުފޫޒު ފޯރުވަން މަސައްކަތްކުރި ކަމަށެވެ.

އެހެންކަމުން، އެ ދެ އަމަލަކީ ފަނޑިޔާރުންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑުތަކާ ހިލާފު ދެ އަމަލަށް ވާތީ، އިސްމެޖިސްޓްރޭޓް ލުއައްޔު މަގާމުން ވަކިކުރަން ފެންނަ ކަމަށް ކޮމިޝަނުން ފާސްކޮށްފައިވާ ކަމަށް، ޖޭއެސްސީން ބުންޏެވެ.