ސަރުކާރުން ހުށަހެޅި ގޮތަށް ޓެކްސް ބޮޑުކުރާ ބިލު މުޅި މަޖިލިސް ކޮމިޓީން ފާސްކޮށްފިއެވެ.

ސަރުކާރުން ހުށަހަޅާފައި ވަނީ އަންނަ އަހަރުން ފެށިގެން ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް، އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރުމަށެވެ.

މިވަގުތު ދުނިޔޭގެ އިގްތިސޯދަށް ކޮށްފައިވާ އަސަރު ވެސް ރާއްޖެ އަށް ކޮށްފައިވާތީ، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ގޮތުން ސަރުކާރުން ހުށަހެޅި ބިލު ދިރާސާކޮށް ތަޅުމަށް ވަނީ ފޮނުވައިފައެވެ.

ބިލު ފާސްކުރުމުގެ ކުރިން ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމާއި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ އިސްލާހު ހުށަހަޅުއްވައިފައެވެ. ޝިޔާމް ހުށަހަޅުއްވާފައި ވަނީ މިހާރު ހުުރި ރޭޓުތަކަށް އެއްވެސް ބަދަލެއް ނުގެނެސް ޓެކްސް ނެގުމަށެވެ. އާޒިމް ވަނީ އަންނަ އޭޕްރިލް މަހުން ފެށިގެން ޖީއެސްޓީ 14 ޕަސެންޓަށް ބޮޑުކޮށް، ޓީޖީއެސްޓީ އެއްވަރެއްގައި ހިފެހެއްޓުމަށް އިސްލާހު ހުށަހަޅުއްވައިފައެވެ.

ނަމަވެސް، ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން އެއްވެސް އިސްލާހެއް ފާހެއް ނުވިއެވެ.

އެއަށްފަހު، ބިލު އޮތް ގޮތަށް ވޯޓަށް އެހުމުން، 50 މެންބަރުންގެ ވޯޓާ އެކު ކޮމިޓީން ވަނީ ބިލު ފާސްކޮށްފައެވެ. 50 މެންބަރުން ބިލު ފާސްކުރުމަށް ވޯޓު ދެއްވިއިރު، ނުފެންނަ ކަމަށް ވޯޓު ދެއްވާފައި ވަނީ 19 މެންބަރުންނެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު އެކަންޏެވެ.

ޓެކްސް ބޮޑުކުރުމުގެ ބިލާ ދެކޮޅަށް ވޯޓު ދެއްވި 19 މެންބަރުންގެ ތެރޭގައި އެމްޑީޕީގެ 12 މެންބަރެއް ހިމެނޭއިރު، އެ ޕާޓީގެ ޕީޖީ ގްރޫޕުން ވަނީ ބިލް ފާސްކުރުމަށް ތްރީ ލައިން ވިޕެއް ނެރެފައެވެ.

ވޯޓަށް ފަހު، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދުު ނަޝީދު ވިދާޅުވީ، ކޮމިޓީގެ ބައްދަލުވުމަށް ފަހު، މިދިޔަ ބުދަ ދުވަހު މަޖިލީހުގެ މެޖޯރިޓީ ލީޑަރު ހިތަދޫ ދާއިރާގެ މެންބަރު މުހައްމަދު އަސްލަމާ ބައްދަލުކުރައްވައި، ބިލާ މެދު ގޮތެއް ނިންމަވާނެ ކަމަށް ދަންނަވާފައިވާނެ ކަމަށެވެ.

"އަޅުގަނޑުގެ ހިތަށް ލިބޭ އުފާވެރިކަމެއް މިއަދު އަޅުގަނޑުމެން [މި ބިލް ފާސްކޮށް] މި ވަނީ ނިމިފަ." ނަޝީދު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ އިއްޒަތްތެރި މެންބަރުންނަށް މާދަމާ ރިޕޯޓު ފޮނުވައިދޭނެ. އަދި ފޮނުވައިދިނުމަށް ފަހު ގަވައިދުގައިވާ ގޮތުގެ މަތިން ތާވަލު ކުރުމަށް ފަހު ވޯޓަށް އެހޭނެ."

ކޮމިޓީ މަރުހަލާގައި އެމްޑީޕީގެ ބައެއް މެންބަރުން މަސައްކަތް ކުރެއްވީ މާހިރުންގެ ބަހެއް ނެތި ބިލު ފާސްކުރުމަށެވެ. ކޮމިޓީން އެގޮތަށް ހުށަހަޅައިގެން ފާސްކޮށްފައި ނުވާއިރު، ރިޔާސަތުގައި އިންނަވައި ނަޝީދު ކަންތައްތައް ކުރެއްވުމުން ބައެއް މެންބަރުން ނުރުހުން ފާޅުކުރައްވައި ބަސްތައް އަމާޒުކުރެއްވިއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުން ނިންމަވާލައްވަމުން ނަޝީދު ވިދާޅުވި ގޮތުގައި، ރައްޔިތުންގެ މަޖިލިހުގައި ކަންތައްތައް ގެންދަން ޖެހޭނީ ހަމަހަމަކޮށް، އެއްވެސް ކޮޅަކަށް ބުރަވުމެއް ނެތިއެވެ.

"މި މަޖިލީހުގެ ކަންތައްތައް ގެންދަން ޖެހޭނީ ވަކި ސަރުކާރަކަށް ވަކި ސިޔާސީ ޕާޓީއަކަށް ފަހިވާ ގޮތަކަށެއް ނޫން. އިއްޒަތްތެރި މެންބަރުން ރުހިވަޑައިނުގަތަސް އަދި ރުހިވަޑައިގަތަސް، އިރާދަކުރެއްވިއްޔާ މި މަޖިލީހުގައި ކަންކަން ހިނގަމުން ދާނީ އެގޮތަށް." ނަޝީދު ވިދާޅުވިއެވެ.

މިއަދުގެ މަޖިލީހުގައި އަންނަ އަހަރަށް ލަފާކުރައްވައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ހުށަހެޅުއްވީ 42.68 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓުގެ ޑެފިސިޓަކީ 8.46 ބިލިއަން ރުފިޔާއެވެ. ނަމަވެސް ދައުލަތުގެ ހަރަދުތައް ކުޑަކުރުމާއި ޓެކްސް ރޭޓް ބޮޑުކުރުން ފަދަ ފިޔަވަޅުތައް އަޅާފައި ނެތް ނަމަ، ބަޖެޓުގެ ޑެފިސިޓް 14.46 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.