އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުން ކަމަށް، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކޮށް ތައްޔާރުކޮށްފައިވާ ބަޖެޓް ހުށަހަޅުއްވަމުން އަމީރު ވިދާޅުވީ، ރާއްޖޭގެ ތާރީހުގައި އިގްތިސޯދަށް އެޅުނު އެންމެ ބޮޑު އެއް ހުރަހަކީ ކޮވިޑް-19 ގެ ސަބަބުން އެޅުނު ހުރަސް ކަމަށެވެ. ނަމަވެސް ސަރުކާރުން އެޅި ފިޔަވަޅުތަކާ އެކު ރާއްޖޭގެ އިގްތިސޯދު ރަނގަޅުވަމުން އަންނަ ކަމަށާއި، އެހެންކަމުން ކޮވިޑުގެ ކުރިން އިގްތިސޯދު އޮތް ހާލަތަށް ރުޖޫއަ ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ކޮވިޑް ފަދަ ބަލިމަޑުކަމުގެ ސަބަބުން ރާއްޖެ ފަދަ ހުޅުވާލެވިފައިވާ ކުޑަ އިގްތިސޯދަކަށް އަންނަ އެކި އިގްތިސޯދީ ލޮޅުންތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަންނަން ބޭނުންވާ މާލީ ވިލުންވެރިކަން އިތުރުކުރަން ޖެހެއެވެ.
އަންނަ އަހަރުގެ ބަޖެޓާ މެދު މިނިސްޓަރުގެ އުންމީދު ބޮޑެވެ.
ސަރުކާރުން ދަނީ ރައްޔިތުންގެ ކަންބޮޑުވުންތައް ގާތުން އަޑުއަހަމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެއީ އިގްތިސޯދާއި ރާއްޖޭގެ މާލީ ހާލަތާ މެދު ހުރި ކަންބޮޑުވުންތަކެއް. ދައުލަތުގެ ދަރަނި ބޮޑުވެ، އިގްތިސޯދަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެދާނެ ކަމުގެ ވާހަކަތައް އަޑުއިވޭ. ތަކެތީގެ އަގު މަތިވެދާނެތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރޭ. އަސާސީ ހިދުމަތްތައް ނުލިބުމާއި ހިދުމަތްތަކުގެ ފެންވަރު އެކަށީގެންވާ މިންވަރެއްގައި ނެތުމުގެ ޝަކުވާ އަބަދުވެސް އަޑު އިވޭ" މިނިސްޓަރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ، އެހެންކަމުން ސަރުކާރުން ކުރަން ޖެހޭ ކަންކަން ސާފުވެއްޖެ ކަމަށާއި، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ މިހާރު ދިމާވެފައިވާ ދަތިތަކުން އަރައިގަނެ، އިގްތިސޯދު ހަމައަކަށް އަޅުވައި، އަސާސީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށްދިނުމަށް ކަމަށެވެ. އަދި ކުރިއަށް އޮތީ ރައީސްގެ ފުރަތަމަ ދައުރުގެ ފަހު އަހަރު ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން އޭނާ ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ރައީސް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުން ކަމަށެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ޖުމްލަ ހުށަހަޅާފައި ވަނީ 42.68 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށްވާއިރު، އާމްދަނީގެ ގޮތުގައި އަންނަ އަހަރު 32.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ދައުލަތުން ލަފާކުރެއެވެ. އަދި ހަރަދުތައް ކުޑަކުރުމާއި ޓެކްސް ބޮޑުކުރުން ފަދަ ފިޔަވަޅުތައް ނާޅައިފި ނަމަ، ބަޖެޓް ޑެފިސިޓް 8.46 ބިލިއަން ރުފިޔާ އިން 14.46 ބިލިއަން ރުފިޔާ އަށް އިތުރުވާނެ ކަމަށް ވެސް ދައުލަތުން ލަފާކޮށްފައިވެއެވެ.