ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދުގެ މަރުގެ ތަހުގީގު ކުރުމަށް އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުން ހުއްޓުވުމަށް އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.
ރަޝީދުގެ ހަށިގަނޑު ހޯދަން އާއިލާއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި މިއަދު ޝަރީއަތް ވަނީ ނިންމާލާފައެވެ. މި މައްސަލަ ބެއްލެވި ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމް އިބްރާހީމް ވިދާޅުވެފައި ވަނީ ގާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން އިހުމާލުން މީހަކު މަރުވި ކަމަށް ބެލެވޭ މައްސަލަތަކުގައި ޕޯސްޓްމޯޓަމް ހަދަން ނިންމުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެހެންކަމުން އާއިލާއިން އެދުނު ގޮތަށް ޕޯސްޓްމޯޓަމް ހެދުން ހުއްޓުވުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ބުނެފައި ވެއެވެ.
މި މަހުގެ 25 ވަނަ ދުވަހު ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން ގދ. ހޯޑެއްދޫގައި ހިންގި އޮޕަރޭޝަނެއްގައި އަބްދުﷲ ރަޝީދު ހައްޔަރު ކޮށްގެން ގެންދަނި ކޮށް މެޔަށް ތަދެއް އަރައި، ފިޓް ޖެހެން އުޅޭ ފަދަ އަލާމާތްތަކެއް ފެނުމާ ގުޅިގެން ގދ. މަޑަވެލި ހެލްތް ސެންޓަރަށް ގެންދިޔަ އިރުވެސް އޭނާ ވަނީ މަރުވެފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ނަމަވެސް މަޑަވެލި ހެލްތް ސެންޓަރު ދޮށަށް ވަނީ ގިނަ ބަޔަކު އެއްވެ ރަޝީދު މަރުވީ ފުލުހުން ދިން އަނިޔާތަކެއްގެ ސަބަބުން ކަމަށް ބުނެފައެވެ. އެހެންކަމުން އެ ހާދިސާ އާ ގުޅޭ މައުލޫމާތު އެންއައިސީ އަށާއި އެޗްއާރުސީއެމަށް ހިއްސާ ކޮށްފައި ވާ ކަމަށާއި އެ ހާދިސާ ތަހުގީގުކޮށް ދިނުމަށް ފުލުހުން ވަނީ އެދިފައެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާ އިރު އެންއައިސީން ޕޯސްޓް މޯޓަމް ހަދަން ނިންމާފައި ވަނީ އާއިލާއިން ޕޯސްޓްމޯޓަމް ހަދަން ބޭނުން ނުވާ ކަމަށް ބުނެފައި ވަނިކޮށެވެ. ޕޯސްޓްމޯޓަމް ހަދަނީ އަނިޔާ ދީފައިވޭތޯ ބަލަން ކަމަށް ވި ނަމަވެސް ހާޓްއެޓޭކަކުން އޭނާ މަރުވި ކަމަށް ޑޮކްޓަރުން ބުނެފައި ވާތީ އާއިލާއިން އަންނަނީ ޕޯސްޓްމޯޓަމް ހެދުމަށް ދެކޮޅު ހަދަމުންނެވެ.
ރަޝީދުގެ ހަށިގަނޑު މިހާރު އޮތީ މޯޗަރީގައެވެ. އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވަން ހަމަޖހެިފައި ވަނީ މާދަމާއެވެ.