ބޭންކް އޮފް މޯލްޑިވްސް އިން ތިންވަނަ ކުއާޓަރގައި ހަރުދަނާ މާލީ ނަތީޖާއެއް ހޯދައިފިއެވެ.
ބީއެމްއެލުން ބުނީ، މި އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ނަތީޖާ ދައްކާ ގޮތުން ޓެކްސް އަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 367 މިލިއަން ރުފިޔާ ލިބިފައިވާ އިރު ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 694 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މިއީ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 17 ޕަސެންޓްފެ އިތުރު ވުމެކެވެ.
މި ނަތީޖާ ހާސިލް ކުރެވުނީ ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުން ވެސް ލިބުނު ކުރިއެރުމާއި އަދި ރަނގަޅު ލޯނު ޕޯޓްފޯލިއޯ ދެމެހެއްޓިގެން ކަމަށް ބީއެމްއެލުން ބުނެއެވެ. ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމް ކުރާ މިންވަރަށް މަތީގައި ހިފެހެއްޓިފައި ކަމަށާއި ބޭންކަށް ރަނގަޅު ނަތީޖާއަކާއެކު މިއަހަރު ނިންމާލެވޭނެ ކަމަށް ލަފާ ކުރާ ކަމަށް އެ ބޭންކުން ބުނެއެވެ.
މި ނަތީޖާއާ ގުޅޭ ގޮތުން ބޭންކުގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ، ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުން ވެސް ލިބުނު ކުރިއެރުމާއެކު، މި ކުއާޓަރުގައި މިވަނީ ހަރުދަނާ މާލީ ނަތީޖާއެއް ހާސިލްކުރެވިފައި ކަމަށެވެ. ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި ދިވެހި ރައްޔިތުންނަށް އެހީވުމާއި ދިވެހިން ހިޔާރުކުރާ ބޭންކުގެ ގޮތުގައި ދެމިއޮތުމަށް ބޭންކުން ނުހަނު ބުރަކޮށް މަސައްކަތް ކުރަމުންދާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.
މުޖުތަމައަށް އެހީވުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހއ. ފިއްލަދޫ އަދި ވަށަފަރުގައި އަލަށް ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ވަނީ ފައްޓާފައެވެ. ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ މަހަކު ހިންގުމަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރެއިން ބޭންކުން ވަނީ މިދިޔަ ކުއާޓަރުގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް) ގައި އޮންކޮލޮޖީއަށް ހާއްސަ ވޯޑެއް ގާއިމް ކުރުމަށާއި، ގައުމީ ދާރުލްއާސާރު ތަރައްގީ ކުރުމުގެ އިތުރުން ސްޕޯޓްސް ސްކޮލާޝިޕް ޕްރޮގްރާމް އިއުލާން ކޮށްފައެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 82 ސެލްފްސާވިސް ބޭންކިން ސެންޓަރު، 140 އޭޓީއެމް، 7،900 ޕޮއިންޓް އޮފް ސޭލް މާޗަންޓުންނާއި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް މިހާރު ބީއެމްއެލުން އަންނަނީ ފޯރުކޮށް ދެމުންނެވެ. ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށް ދިނުން ކަމުގައި ބުނެއެވެ.