5.99 މިލިއަން ރުފިޔާއަށް ހއ. ހޯރަފުށީގައި އިމާރާތްކުރާ ޖުވެނައިލް ޖަސްޓިސް ޔުނިޓް (ހާފްވޭ ހައުސް)ގެ މަސައްކަތް ފަށައިފިއެވެ.

ހޯމް މިނިސްޓްރީއިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ހޯރަފުށީ ހާފްވޭ ހައުސްގެ ބިންގާ މިދިޔަ ޖުލައި މަހު 29 ގައި އެޅިއިރު އެ މަޝްރޫއުގެ މަސައްކަތް ފެށިފައިވަނީ މިއަދު ކަމަށް އެމްޓީސީސީއިން ބުނެއެވެ.

އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 150 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

އެ ހާފްވޭ ހައުސްއަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 82 ވަނަ މާއްދާގައި ބަޔާންކުރާ ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒެއްގައި ވަކި މުއްދަތެއް ހޭދަކޮށްފައިވާ ކުދިން އަނބުރާ މުޖުތަމައަށް ނިކުތުމަށް ތައްޔާރު ކުރުމަށް ބޭނުންވާ ޕްރޮގްރާމްތައް ހިންގުމަށްޓަކައި އެކުދިން ބައިތިއްބުމަށް އުފައްދާ މަރުކަޒެކެވެ.

ރާއްޖޭގައި ޒަމާނުއްސުރެ ނުރައްކާތެރި ހާލަތްތަކަށް ނުވަތަ ކުށްކުށަށް ހުށަހެޅިގެންދާ ކުދިން އެންމެ ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް މުޖުތަމައަށް އަނބުރާ ގެނައުމުގެ މަސައްކަތަކީ ދުވަސްތަކެއް ވަންދެން އެކީ ހައްލު ނުކުރެވި އޮތް މައްސަލައެއް ކަމަށްވާއިރު ހާފްވޭ ހައުސްއަކީ އެކަމަށް ހައްލެއް ގެނައުމަށްޓަކައި 2019 އިން ފެށިގެން ކުރަމުން އަންނަ މަސައްކަތުގެ ތެރޭގައި ހިމެނޭ މަރުހަލާއެއް ކަމަށް ހޯމަ މިނިސްޓަރު މީގެ ކުރިން ފާހަގަކުރެއްވިއެވެ.