ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށްޓަކައި އަންނަ ހޯމަ ދުވަހު ރާއްޖެއިން ބޭރަށް ފޮނުވަން ނިންމި އިރު އެކަން އާއިލާއަށް އަންގާފައި ނުވާ ކަމަށް އެ އާއިލާގެ ވަކީލުން ބުނެފިއެވެ.

ރަޝީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވަން ބޭނުން ނުވާ ކަމަށާއި އާއިލާއާ ހަށިގަނޑު ހަވާލުކުރަން އާއިލާއިން އެދުމުން އައި ނަމަވެސް އާއިލާގެ ނުރުހުމުގައި ޕޯސްޓްމޯޓަމް ހަދަން ފޮނުވަން ވަނީ ނިންމާފައެވެ. ނަމަވެސަ އެކަމާ އެ އާއިލާ ދެކޮޅު ހަދައި ވަނީ ރަޝީދުގެ ހަށިގަނޑު އާއިލާ އާ ހަވާލު ކުރުމަށް އެދިފައެވެ.

ރަޝީދުގެ ހަށިގަނޑު ހޯދަން އާއިލާއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގެ ފުރަތަމަ އަޑުއެހުން މިއަދު ބާއްވާފައިވާ އިރު، އެ އަޑުއެހުން ނިންމާލުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރަޝީދުގެ އާއިލާގެ ވަކީލުން ވިދާޅުވީ، އަންނަ ހޯމަ ދުވަހު ރަޝީދުގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ގެންދަން ނިންމާފައިވާ ކަމަށް ދައުލަތުން ކޯޓުގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް އެކަން ފުލުހުންގެ ފަރާތުން އެ އާއިލާއަށް އަންގާފައި ނުވާ ކަމަށް ވަކީލުން ވިދާޅުވިއެވެ.

ރަޝީދުގެ ހަށިގަނޑު މިހާރު ޕޯސްޓްމޯޓަމް ހަދަން އުޅެނީ އެހެން މައްސަލައަކާ ގުޅުވައިގެން ކަމަށް ޕީޖީން ބުނެފައިވާ ކަމަށް ވަކީލުން ވިދާޅުވިއެވެ. ނަމަވެސް އެހން މައްސަލައަކާ ގުޅުވައިގެން ޕޯސްޓްމޯޓަމް ނުހެދޭނެ ކަމަށް ވަކީލުން ވަނީ ވިދާޅުވެފައެވެ.

މި މަހުގެ 25 ވަނަ ދުވަހު ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން ގދ. ހޯޑެއްދޫގައި ހިންގި އޮޕަރޭޝަނެއްގައި އަބްދުﷲ ރަޝީދު ހައްޔަރު ކޮށްގެން ގެންދަނި ކޮށް މެޔަށް ތަދެއް އަރައި، ފިޓް ޖެހެން އުޅޭ ފަދަ އަލާމާތްތަކެއް ފެނުމާ ގުޅިގެން ގދ. މަޑަވެލި ހެލްތް ސެންޓަރަށް ގެންދިޔަ އިރުވެސް އޭނާ ވަނީ މަރުވެފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް މަޑަވެލި ހެލްތް ސެންޓަރު ދޮށަށް ވަނީ ގިނަ ބަޔަކު އެއްވެ ރަޝީދު މަރުވީ ފުލުހުން ދިން އަނިޔާތަކެއްގެ ސަބަބުން ކަމަށް ބުނެފައެވެ. އެހެންކަމުން އެ ހާދިސާ އާ ގުޅޭ މައުލޫމާތު އެންއައިސީ އަށާއި އެޗްއާރުސީއެމަށް ހިއްސާ ކޮށްފައި ވާ ކަމަށާއި އެ ހާދިސާ ތަހުގީގުކޮށް ދިނުމަށް ފުލުހުން ވަނީ އެދިފައެވެ.

މި މައްސަލަ ތަހިގީގު ކުރަމުންދާ އިރު އެންއައިސީން ޕޯސްޓް މޯޓަމް ހަދަން ނިންމާފައި ވަނީ އާއިލާއިން ޕޯސްޓްމޯޓަމް ހަދަން ބޭނުން ނުވާ ކަމަށް ބުނެފައި ވަނިކޮށެވެ. ޕޯސްޓްމޯޓަމް ހަދަނީ އަނިޔާ ދީފައިވޭތޯ ބަލަން ކަމަށް ވި ނަމަވެސް ހާޓްއެޓެކަކުން އޭނާ މަރުވި ކަމަށް ޑޮކްޓަރުން ބުނެފައި ވާތީ އާއިލާއިން އެކަމާ އަންނަނީ ދެކޮޅު ހަދަމުންނެވެ.