ލ. މާވަށުގައި މަރާލާފައި އޮއްވާ ފެނުނު ޒުވާނާގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިންޑިއާއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މި މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 10:12 ހާއިރު އެ ރަށު ވޮލީ ކޯޓު ސަރަހައްދުގައި ހިނގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވަނީ އެ ރަށު ނަލަހިޔާ، އުމުރުން 29 އަހަރުގެ މޫސަ އިބްރާހިމްއެވެ.

މި ހާދިސާއާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ އޮޓޮޕްސީ ހެދުމަށް މޫސަގެ ހަށިގަނޑު އޮގަސްޓު 6 ވަނަ ދުވަހު އިންޑިއާއަށް ގެންގޮސްފައިވާ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި މައްސަލައާއި ގުޅިގެން އުމުރުން 29 އަހަރުގެ ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، މުހައްމަދު އިބްރާހިމް ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ. އަދި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެ ރަށު މީހަކު ބުނީ މި ދެމީހުންނަކީ ކުރިން ގާތް ދެ އެކުވެރިންކަަމަށެވެ. އަދި ދެމީހުންގެ މެދުގައި މައްސަލަ ޖެހިފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައިކަމަށްވެސް އެ ފަރާތުން ވަނީ ބުނެފައެވެ. މި މައްސަލައިގައި މުހައްމަދު އާއި މޫސަ އާއި ދެމެދު ކުރިންވެސް މާރާމާރީ އެއް ހިނގާފައިވާ ކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ. އަބަދުވެސް މުހައްމަދު އަތުގައި ވަޅިއެއް ގެންގުޅޭކަން ފާހަގަކުރަމުން އެ ރަށުން ވާހަކަދެއްކި މީހާ ބުނީ މި މާރާމާރީގައި މުހައްމަދު ވަޅި ބޭނުންކުރީ މޫސަގެ ކިބައިން ސަލާމަތްވުމަށް ކަމަށެވެ.

މީގެ އިތުރުން އެމީހާ ބުނީ މޫސަ ގަޔަށް ވަޅި ޖެހުމަށްފަހު ފުލުހުންނާއި ހަވާލުވީވެސް މުހައްމަދު އަމިއްލައަށް ސްޓޭޝަނަށް ގޮސްކަަމަށެވެ.

މޫސަ އިބްރާހިމްގެ އިތުރުން މިދިޔަ މަހު ވަނީ އއ. މާޅޮހުގައިވެސް ރަހުމްކުޑަ ގޮތަކަށް ހަމަލާދީ އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން އާދަމް މަރާލާފައެވެ. އަބްދުއްރަހްމާންގެ އޮޓޮޕްސީ ރިޕޯޓާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ، އަބްދުއްރަހްމާން އާދަމް މަރުވެފައި ވަނީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ކަމަށް އޮޓޮޕްސީގެ ވަގުތީ ރިޕޯޓުން ދައްކާ ކަމަށެވެ. މިހާތަނަށް މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.