ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެޅި ސިނަމާލެ ބްރިޖްގެ މަސައްކަތް ކުރި އިރު، އެ ސަރަހައްދު ކަނޑަށް ވައްޓާލާފައިވާ އޮތް ދަގަނޑު ހޮޅިއެއް މާލޭގެ ރާޅާ އަޅާ ސަރަހައްދު ފަރުމަތީގައި އޮއްވާ ފެނި ހޮޅި ނަގައިފިއެވެ.

އެ ހޮޅި ރާޅާ އަޅާ ސަރަހައްދު ފަރުމަތީގައި އޮވެ އޮއެވަރާ އެކީ ފަރުމަތީ ޖެހެމުންދާ ކަމަށް ބުނެ އާންމުންގެ މީހަކު ވަނީ އެކަން ސަމާލުކަމަށް ގެނެސްފައެވެ. އެތަނުގައި އެ އޮތުމުގެ ސަބަބުން ރާޅު ނަގައި ކޮންމެ ފަހަރަކު ފަރުގައި ޖެހި ބޮޑެތި ގެއްލުންތަކެއް އެތަނަށް ވަމުންދާ ކަމަށާއި މި ދުވަސްވަރަކީ ހަގު ސާފަރުން ނޭޝަނަލް ޖޫނިއާ ޗެމްޕިއަންޝިޕަށް ޓްރެއިނިންތައް ހަދަމުންދާ ދުވަސްވަރެއް ކަމުން ކުއްޖަކަށް ގެއްލުން ވެދާނެ ކަމަށް ވެސް އެމީހާ ބުނެފައި ވެއެވެ.

އެމީހާ އާންމުކޮށްފައި ވާ ވީޑިއޯ އިން ފެންނަ ގޮތުގައި އެ ދަގަނޑު ހޮޅި އޮތީ މިހާރު ދަބަރު ޖަހާ ފޯވެފައެވެ. އަދި ހޮޅީގެ ބައެއް ދިމަދިމާލުން ބައިތައް ހަލާކުވެ ފީވެފައިވާ މަންޒަރު ވެސް އެ ވީޑިއޯ އިން ފެނެއެވެ.

މި ކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ، މީގެ 3 ދުވަސް ކުރިން އެ ހޮޅި އެތަނުން ނަގާފައިވާ ކަމަށެވެ. ސިނަމާލެ ބްރިޖްގެ މަސައްކަތް ކުރި އިރު، އެ ސަރަހައްދުގެ ކަނޑަށް ގިނަ އަދަދެއްގެ ދަނގަޑޫ ހޮޅި ޗެއްޓިފައިވާ ކަން ފާހަގަ ކުރަމުން އީޕީއޭއިން ބުނީ، އޭރު އެ ސަރަހައްދު ސާފު ކުރި ކަމަށާއި އަދި ނުފެނި އޮތް ދަގަނޑު ހޮޅިއެއް މިހާރު ފެނުނު އިރު އަދިވެސް އެތަނުން އެފަދަ ދަގަނޑު ހޮޅި ފެނުން އެކަށީގެންވާ ކަމަށެވެ.

ސިނަމާލޭ ބްރިޖުގެ މަސައްކަތް ކުރީ 2016 އިން 2018 ވަނަ އަހަރުގެ ސެޕްޓެމްބަރާ ހަަމައަށެވެ. އޭރު އެ ސަރަހައްދުގެ ކަނޑަށް ގިނަ އަދަދެއްގެ ދަގަނޑު ހޮޅިތަކާއި ކުނި އެޅިފައި ހުރުމުން އީޕީއޭ އިން ވަނީ ހައުސިން މިނިސްޓްރީ ޖޫރިމަނާ ވެސް ކޮށްފައެވެ. އޭރު އެ ފަރަށް ލިބުނު ގެއްލުމުގެ އެސެސްމަންޓް ހަދައި އީޕީއޭއިން ވަނީ ފިޔަވަޅު އަޅާފައި ކަމުން ދެން އެ ފަރުގެ އެސެސްމެންޓެއް ނުހަދާނެ ކަމަށް އީޕީއޭ އިން ބުނެއެވެ.

ސިނަމާލެ ބްރިޖްގެ މަސައްކަތް ކުރީ ޗައިނާގެ ސީސީސީސީ ކުންފުންޏާ ހަވާލުކޮށްގެން ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. ބްރިޖްގެ މަސައްކަތުން ތިމާވެއްޓަށް ލިބުނު ގެއްލުން ދެނެގަތުމަށް ފަހު އީޕީއޭއިން ހައުސިން މިނިސްޓްރީ ޖޫރިމަނާ ކުރީ 2019 ވަނަ އަހަރުގެ ޖުލައި މަހު 892،500 ރުފިޔާއިންނެވެ.