ރައްޔިތުންގެ މަޖިލީހުގައި މެޖޯރިޓީ އާއި ބާރު އޮތް ނަމަވެސް ޓެކްސް ބޮޑުކުރަން ނުޖެހޭ ކަމަށާއި އެކަން ކުރަން ޖެހޭނީ ދިރާސާތަކެއްގެ އަލީގައި ކަމަށް ހުޅުދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.
އިއްޔެ މަޖިލިސް ޖަލްސާގައި ޓެކްސް ބޮޑުކުރަން ސަރުކާރުން ހުށަހަޅާފައިވާ ބިލުގެ ބަހުސްގައި އިލްޔާސް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދޭން ނުފެންނަ ކަމަށް ވެސް ވިދާޅުވެފައެވެ.
އިލްޔާސް ވިދާޅުވީ ފިނޭންސް މިނިސްޓަރު މަޖިލީހުގައި ވާހަކަ ދައްކަވަމުން، ދައުލަތަށް ލިބެން ޖެހޭ އާމްދަނީގެ ތެރެއިން 15 ބިލިއަން ރުފިޔާ ދައުލަތަށް ނުލިބޭ ކަމަށް ވިދާޅުވި ކަމަށާއި އެ 15 ބިލިއަން ހޯދަން މިއަދާ ހަމައަށްވެސް ސަރުކާރަށް ނޭނގުނު ކަމަށް ވިދާޅުވެ ފާޑުކިޔުން އަމާޒު ކުރައްވާފައެވެ. އަދި އެމްއެމްޕީއާރްސީ ވައްކަމާއި ވެންޓިލޭޓަރުގެ ވައްކަމުގެ ފައިސާ ހޯދަން ވެސް ސަރުކާރަަށް ނޭނގުނު ކަމަށް އިލްޔާސް ވިދާޅުވިއެވެ.
އެސްއޯއީތަކުން ބޭކާރު ގޮތުގައި އިސްރާފުކުރުން ނުހުއްޓުނު ކަމަށާއި ފްލެޓުތަކާއި ކުލިތައް ދައުލަތަށް ނުލިބޭތީ އެ ފައިސާ ހޯދަން ވެސް ސަރުކާރަށް އެނގިފައި ނުވާ ކަމަށް އިލްޔާސް ވަނީ ވިދާޅުވެފައެވެ. އަދި އާސަންދައާއި އެންސްޕާއިން ކުރާ އިސްރާފު ހުއްޓުވުމަށާއި ސަރުކާރުން ކޮވިޑް ތެރޭގައި ބައްދުކުރި އައްޑޫގެ ދެ ރިސޯޓް، ހެރެތެރެ އަދި ސަންގްރިއްލާ އަލުން ހުޅުވާ އިގްތިސޯދަށް މަންފާ ކުރަނިވި ގޮތަކަށް ބިނާކުރުމުގެ އިތުރުން އެތަން ތަނުން ވަޒީފާ ގެއްލުނު މީހުންނަށް އަނބުރާ ވަޒީފާ ދޭނެ ގޮތް ވެސް ސަރުކާރަށް ނޭނގުނު ކަމަށް އިލްޔާސްގެ ފާޑުވިދާޅުވުމުގައި ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން އިލްޔާސް ވަނީ ބަޖެޓުގައި ހިމެނާފައިވާ ޕްރައިވެޓައިޒޭޝަން ޕްރޮގްރާމް ހިންގައިގެން ދައުލަތަށް އާމްދަނީ އިތުރު ކުރާނެ ގޮތްތަކެއް ވެސް ސަރުކާރަށް ނޭނގޭ ކަމަށް ވިދާޅުވެފައެވެ.
އެ ހުރިހާ ކަމެއް ނޭނގޭ އިރު، ރައްޔިތުން ބަރާބަރަށް ޓެކްސް ދައްކާ، ޖީއެސްޓީ ދައްކާ، ކުލި ދައްކަ ދައްކާ ތިއްބާ، އެ މީހުންގެ އަތުން އިތުރަށް ލާރި ނަގަންވީ ކީއްވެތޯ އިލްޔާސް ސުވާލު ކުރެއްވިއެވެ.
އިލްޔާސް ވިދާޅުވީ ޕާޓީގެ މެނިފެސްޓޯއެއް އޮންނައިރު އެ މެނިފެސްޓޯގެ ދަށުން ރައްޔިތުންނާ މަޝްވަރާ ނުކޮށް ޓެކްސް ބޮޑުކުރުމުން ޓޫރިޒަމް ދާއިރާއަށާއި ގެސްޓް ހައުސްތަކަށާއި ސަފާރީ ވިޔަފާރިތަކަށާއި އެންމެ ނިކަމެތި މީހުންނަށާއި އާއިލާތަކަށް އަދި ހޯލްސޭލް ކުރާ ވިޔަފާރިވެރިންނަށް ކުރާނެ އަސަރަކީ ކޮބައިތޯ ވެސް ނުބަލާ އިރު އެ ހިސާބުތައް ވެސް ފެންނަން ނެތް ކަމަށެވެ.
އެހެންކަމުން ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ނުފެންނަ ކަމަށް އޭނާ ވަނީ މަޖިލީހުގެ ތަޅުމުގައި ވިދާޅުވެފައެވެ.