ޓީޖީއެސްޓީ 8 ޕަސެންޓުން 12 ޕަސެންޓަށް އިތުރުކޮށްފި ނަމަ، 20-25 ޕަސެންޓުގެ ބުކިން ގެއްލުން އެކަށީގެންވާ ކަމަށް ބުނެ، އަހަރެއްހާ ދުވަހަށް ޓެކްސް ބޮޑުކުރުން ފަސްކުރުމަށް ގެސްޓްހައުސް އެސޯސިއޭޝަނުން އެދިއްޖެއެވެ.
ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ހުށަހަޅާފައިވާ ބިލާ ގުޅޭގޮތުން މުޅި މަޖިލިހުގެ ކޮމިޓީ އަށް ކަމާ ގުޅުންހުރި ފަރާތްތައް ހާޒިރުކޮށް ބޭއްވި ޖަލްސާގައި، ގެސްޓްހައުސް އެސޯސިއޭޝަންގެ ފައިނޭންޝަލް ކޮންޓްރޯލަރު ހަސަން އަލިމަނިކު ވިދާޅުވީ، ކޮވިޑު ދުވަސްވަރު ގެސްޓްހައުސްގެ އޮކިއުޕަންސީ އުޅެނީ 40 ޕަސެންޓް އަށް ވުރެ ދަށުގައި ކަމަށެވެ.
ނަމަވެސް، އޭނާ ވިދާޅުވި ގޮތުގައި ކޮވިޑަށް ފަހު ގެސްޓްހައުސްގެ ވިޔަފާރި ރަނގަޅުވަމުން އައިސް، ރަޝިއާ-ޔޫކްރައިން ހަނގުރާމަ އާ އެއްކޮށް ބުކިންތަކަށް ވަރަށް ބޮޑަށް އަސަރުކޮށް ގިނަ ބުކިންތަކެއް ގެއްލިގެން ދިޔައެވެ.
"ދެން ފަށައިގަނެގެން މި އައިއިރުގަ އަޅުގަނޑުމެންނަށް މި ދިމާވި އެންމެ ބޮޑު ކަމަކީ ރަނގަޅުވަމުން އައިއްސަ ޔޫކްރައިންގެ ހަނގުރާމަ އާ އެއްކޮށް އަޅުގަނޑުމެންގެ ބުކިންތަކަށް ވަރަށް ބޮޑަށް އެފެކްޓުކުރި. އަޅުގަނޑުމެންގެ ޓޫރިޒަމްގެ ގެސްޓްހައުސް ސެގްމެންޓްގަ ވަރަސް ބޮޑަށް އީސްޓާން ޔޫރަޕްގެ ވަރަށް ގިނަ މީހުން އައިސް އުޅުނު. އެހެންވީމާ އެތަނަށް ވަރަށް ބޮޑަށް އެފެކްޓުކުރި، އަދިވެސް މި އުޅެނީ އަރައިނުގަނެވިގެން އަޅުގަނޑުމެންނަށް."
ހަސަން އަލިމަނިކު ވިދާޅުވީ، ގެސްޓްހައުސްތަކުން އެވަރެޖްކޮށް ވިޔަފާރި ކުރަމުންދާ ރޭޓުގެ ގާތްގަނޑަކަށް ދިޔައީ ގާތްގަނޑަކަށް 60-65 އެމެރިކާ ޑޮލަރާ ދެމެދު ކަމަށެވެ. ނަމަވެސް ގެސްޓްހައުސްތަކުން އެ ލިބޭ ރޭޓުގެ 61.5 ޕަސެންޓު އެ ތަންތަނަށް ހަރަދުކުރަން ޖެހޭތީ މާ ބޮޑު ފައިދާއެއް ނުވާ ކަމަށް ވިދާޅުވިއެވެ.
"އެހެންވީމާ އަޅުގަނދުމެންގެ ގެސްޓްހައުސް އިންޑަސްޓްރީގެ ފުދޭވަރެއްގެ ކޮންސާން އެބައޮތް [ޓީޖީއެސްޓީ] ބޮޑުކޮށްފިއްޔާމު އިނގޭތޯ."
ހަސަން އަލިމަނިކު ފާހަގަކުރެއްވި ގޮތުގައި:
- ތަކެއްޗާއި ޓިކެޓުތަކުގެ އަގު އުފުލި، ޑިމާންޑަށް ވަނީ އަސަރުކޮށްފައި
- މިހާރު ކޮޓަރި ވެސް ވިއްކެނީ އޯލް އިންކްލޫސިވް ރޭޓަކުން ކަމަށްވުމުން އެކަމުން ރާއްޖެ އަށް އަސަރު ކުރާނެ
- ޕުކެޓާއި ބާލީ ފަދަ މާކެޓުތަކުން އަގުހެޔޮކޮށް ކޮޓަރި ވިއްކަން ފެށުމުން ޑިމާންޑަށް އަސަރުކުރާނެ
- ޓެކްސް ބޮޑުކުރުމުން ބޮޑު އަސަރެއް ކުރާނެ
"އެހެންވީމަ އަޅުގަނޑުމެންނަށް މި ބައިގައި (ގެސްޓްހައުސް ވިޔަފާރީގައި) ވޮލިއުމް ގިނަ ކުރެވިއްޖެ ކަމުގައި ވާނަމަ، އަޅުގަނޑުމެންނަށް އާހިރުގައި ލިބޭ އާމްދަނީ އާއި ޓެކްސް އާއި ބޮޑުވާނެ ކަމަށް އަޅުގަނޑުމެންނަށް ފެންނަނީ."
ގެސްޓްހައުސް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މެންބަރު އަހްމަދު ވަހީދު ވަނީ، މިހާރު ވެސް ގިނަ ތަންތަނުގެ ބުކިންތައް ފުލްވެފައިވާ ކަމަށް ވިދާޅުވެ، އެ ދަނޑިވަޅުގައި އަންނަ އަހަރުން ފެށިގެން ޓެކްސް އިތުރު ކުރުން ރަނގަޅުތޯ ސުވާލު ކުރައްވައިފައެވެ.
އަހްމަދު ވަހީދު ވެސް ވަނީ ޓެކްސް ރޭޓު އިތުރުކުރުން ލަސްކޮށްލަދެއްވަން މަޖިލިހުގައި އެދިވަޑައިގެންފައެވެ. އަދި ގެސްޓްހައުސްތަކުގެ ވިޔަފާރި އާއި ރިސޯޓް ވިޔަފާރީގެ ރޭޓުތައް ތަފާތު ކުރެއްވުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
"އަޅުގަނޑުމެންގެ އެވަރެޖް ރޭޓް އަކީ 50 ޑޮލަރާއި 65 ޑޮލަރާ ދޭތެރޭ. ހޯލް އިންކްލޫސިވް ރޭޓެއް އަޅުގަނޑުމެން ވިއްކަން ޖެހެނީ ހާއްސަކޮށް ބަޖެޓް މާކެޓުގަ. އެރައިވްވާ ޓޫރިސްޓު މީހާ ޓެކްސް ވަކިކޮށްލާފަ ވަކިން ދޭކަށް އެއްބަހެއްނުވޭ. އެހެންވީމާ އަޅުގަނޑުމެންގެ 50 ޑޮލަރުން 12 ޕަސެންޓަކާއި 10 ޕަސެންޓަކާއި އަދި އެހެން ހަރަދުތައް ކަނޑާލީމާ އަޅުގަނޑުމެންގެ ކޮސްޓަށް އެބަ އަރާ 40 ޑޮލަރާއި 42 ޑޮލަރާ ދޭތެރޭ." ވަހީދު ވިދާޅުވިއެވެ.
"މިސާލަކަށް ބައްލަވާ ހަތަރު ކޮޓަރީގެ ގެސްޓްހައުސް އެއް ހިންގާ ފަރާތަކަށް އަށް ޑޮލަރު ހަތަރު ޑޮލަރު 100 ޕަސެންޓް އޮކިއުޕަންސީ މެއިންޓެއިން ކުރުމަކީ އެއްވެސް ފަރާތަކަށް ފަސޭހަ ކަމަކަށް ނުވާނެ، ދެން އޮތީ ރާއްޖެ އަށް މި އަންނަ ބަޖެޓް ފްލައިިޓްތައް. އަޅުގަނޑުމެންނަށް އެއާ އޭޝިއާ އިން ވެސް ކޮމާޝަލް އެހެން ފްލައިޓްތަކަށް ވުރެ ޓިކެޓް ހަމަ ނިސްބަތުން އެވަރެޖްކޮށް ބޮޑު. 600-650 ޑޮލާސް އަށް ކޭ އެލް އަށް ގޮސް މި އާދެވެނީ. އިންޑޮނޭޝިއާ މާކެޓަށް ބަލާއިރު 32 ޑޮލަރު އެ ބޭފުޅުން ވިއްކާލަނީ ދެ އެކްސްކާޝަން އެޑުކޮށްލާފަ."
ހަސަން އަލިމަނިކު ވިދާޅުވީ، ޓެކްސް ރޭޓު އިތުރުކުރުމުގެ ސަބަބުން ގާތްގަނޑަކަށް 20 އަކަށް ނޫނީ 25 ޕަސެންޓުގެ އުނިކަމެއް އަންނާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
"ތްރޫ އައުޓް ދަ އިޔާ ވިޔަފާރި ހިންގަންޏާ ޖެހޭ މެއިންޓެއިންކުރަން. އެއީ މީގަ އެންމެ ބޮޑު އެއް ކޮންސާނަކީ. އެހެންވީމަ އިމާޖިން މާކެޓްތައް އަންނައިރުގަ އަޅުގަނޑުމެންނަށް ކޮންސާން އެބަހުރި ކެންސަލޭޝަން އައުމުގަ. އެހެންވީމަ އަޅުގަނޑުމެން ލަފާކުރަން 20 އަކަށް ޕަސެންޓުގެ މައިނަސް އެއް އަތުވެދާނެ ކަމަށް." އަލިމަނިކު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިހަށް މިއަދު ފޮނުވި ސިޓީއެއްގައި ރިސޯޓުތައް ތަމްސީލްކުރާ ޖަމިއްޔާ މަޓީން ވަނީ މަޖިލިހަށް ސިޓީ އެއް ފޮނުވައި، އަހަރެއްހާ ދުވަހަށް ޓެކްސް މަޑުޖައްސާލަދިނުމަށް އެދިފައެވެ.