އިންޓަގްރޭޓެޑް އާބަން ޓޫރިޒަމް ޕްރޮޖެކްޓް އާބަން އައިލްގައި 15 ގެސްޓް ހައުސް ތަރައްގީ ކުރުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު އެޗްޑީސީން ހުޅުވާލައިފިއެވެ.

ހައިސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ، އީއޯއައި ހުށަހެޅުން ހުޅުވާލެވިފައި ވަނީ މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އާ ހަމައަށް ކަމަށެވެ. އަދި ޝައުގުވެރިވާ ފަރާތްތަކުން އާބަން އައިލްގެ އިންވެސްޓާ ޕޯޓަލް މެދުވެރިކޮށް އީއޯއައި ހުށަހެޅޭނެ ކަމަށެވެ.

އާބަން އައިލް އަކީ ހުޅުމާލޭގެ އެންމެ އުތުރުން އޮންނަ ފަތުރުވެރިކަމަށް ހާއްސަ ކުރެވިފައިވާ ރަށެކެވެ. ހުޅުމާލެއާއި އަދި ރާއްޖޭގެ އިގުތިސޯދީ މައި ހަބާ އާބަން އައިލް ގުޅިފައި ވުމުން އެ ތަނުގެ ފަތުރުވެރި ކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެ ކަމަށް އެޗްޑީސީން ބުނެއެވެ. ގާތްގަނޑަކަށް 23 ހެކްޓަރުގެ އެ ރަށުގައި ފަތުރުވެރިންނަށް ހާއްސަ ތަފާތު ގިނަ އެކޮމޮޑޭޝަން ފެސިލިޓީތައް ހިމެނޭނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

އެގޮތުން ޗުއްޓީ ހޭދަ ކުރުމަށް އަންނަ ފަތުރުވެރިންގެ އިތުރުން، ކުރު މުއްދަތަކަށް ނުވަތަ ޓްރާންސިޓްކޮށް މަޑުކުރާ ފަތުރުވެރިންނަށާއި، ވިޔަފާރި ކަންކަމު އަންނަ ފަތުރުވެރިން، އަދި، ޑިޖިޓަލް ނޮމެޑްސް ފަދަ ދިގު މުއްދަތަކަށް މަޑުކުރަން ބޭނުންވާ ފަރާތްތަކަށް ވެސް ބޭނުންވާ ފަދަ އެކޮމޮޑޭޝަންތައް ހިމެނޭ ކަމަށް އެޗްޑީސީން ބުނެއެވެ. އެ ކޮމްޕޯނަންޓްތަކުގެ ތެރެއިން މިއަދު ވަނީ ގެސްޓް ހައުސް ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ 15 ޕްލޮޓެއް ހުޅުވާލާފައެވެ.

އާބަން އައިލް ވެގެންދާނީ ދިވެހި އަދި ބޭރުގެ ވިޔަފާރިވެރިންނަށް ވެސް އިންވެސްޓު ކުރަން ރަނުގެ ފުރުސަތަކަށް ކަމަށް އެޗްޑީސީން ބުނެއެވެ. ވެލާނާ އިންޓަނޭޝަލަން އެއާޕޯޓު، ހުޅުމާލެ، އަދި މާލެ އާއި އާބަން އައިލް ގުޅިފައި ވުމުގެ އިތުރުން، އެތަނުގައި އެޗްޑީސީން ގާއިމުކޮށްފައިވާ އަދި ކުރަމުންދާ އިންފްރާސްޓްރަކްޗާގެ ސަބަބުން އެތަނުގައި އިންވެސްޓް ކުރާ ފަރާތްތަކަށް ގިނަގުނަ މަންފާ ލިބިގެންދާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ. އާބަން އައިލްގައި ހިމެނޭ ޔޫޓިލިޓީ ނެޓްވޯކް، އޯޕަން އެކްސެސް ނެޓުވޯކަކާ އެކު ވާ ސްމާޓް އިންފްރާސްޓްރަކްޗާއެއް، އެޗްޑީސީން މިވަގުތު ގާއިމު ކުރަމުންދާ އިރު، ވަރަށް ބޮޑަށް ތިމާވެއްޓާ ރައްޓެހި ގޮތަކަށް މުޅި ޕްރޮޖެކްޓު ތަރައްގީ ކުރުމަށް އިސްކަންދޭ ކަމަށް އެޗްޑީސީން ބުނއެވެ.

މި ޕްރޮޖެކްޓުގެ ސަބަބުން ދިވެހިރާއްޖޭގެ އިގުތިސޯދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށާއި ފަތުރުވެރިކަމުގެ ސިނާއަތާއި ރިއަލް އެސްޓޭޓު ސިނާއަތުގައި ހިމެނޭ ދިވެހި ވިޔަފާރިތަކަށް ކުރިއެރުން ލިބުމުގެ އިތުރުން އެ ސަރަހައްދުގައި އޮޕަރޭޓުކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށާއި އަލަށް ވިޔަފާރީގެ މައިދާނަށް ވަންނަ ފަރާތްތަކަށް ވެސް ފަހި ފުރުސަތު ތަކެއް ލިބިގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. މީގެ އިތުރުން ހުޅުމާލޭގެ ގެސްޓު ހައުސްތަކަށް ވެސް އާބަން އައިލްއަށް އަންނަ ކޮމާޝަލް، އެފްއެންބީ، ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ފެސިލިޓީތަކުގެ ސަބަބުން އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ފަތުރުވެރި ކަމުގެ އިންޓަގްރޭޓަޑް މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތްތައް ހިނގައިގަތުމުން މުޅި ދިވެހި އިގުތިސޯދަށް އަދި ހާއްސަކޮށް މާލޭ ސަރަހައްދަށް ސީދާ ގޮތުންނާ ނުސީދާ ގޮތުން އެތަކެއް މަންފާއެއް ލިބިގެންދާނެއެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާ އާއި އަދި ގުޅުންހުރި ގިނަ ދާއިރާތަކަކުން އެތައް ބައިވަރު ވަޒީފާގެ ފުރުސަތުތަކެއް ތަނަވަސްވެގެން ވެސް ދާނެއެވެ. އާބަން އައިލްގެ ސަބަބުން ދިވެހި ފަތުރުވެރިކަމުގެ ސިނާއަތަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް ގެނުވައި، އިގުތިސޯދީ އެތައް ކުރިއެރުންތަކެއް ލިބި، އަދި އެތަނަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ވެސް ހިތްގައިމު ތަޖުރިބާތަކެއް ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.