ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ހުށަހަޅާފައިވާ ބިލާ ގުޅިގެން، މިކަމުގައި ކަމާބެހޭ ފަރާތްތަކުގެ ލަފާ ހޯދުމުގެ ގޮތުން ގެސްޓްހައުސް އެސޯސިއޭޝަންގެ މެންބަރުން މަޖިލިހުގެ ކޮމިޓީ އަށް ހާޒިރުކުރުމުން، ފުރައްސާރަކުރި މައްސަލަ ހޫނުވެއްޖެއެވެ.

ގެސްޓްހައުސް އެސޯސިއޭޝަންގެ ފަރާތުން މައުލޫމާތު ދިނުމަށް ހާޒިރުވީ ފައިނޭންޝަލް ކޮންޓްރޯލަރު ހަސަން އަލިމަނިކާއި ހިންގާ ކޮމިޓީގެ މެންބަރު އަހްމަދު ވަހީދެވެ.

ދެމީހުން ވެސް ވަނީ ޓެކްސް ބޮޑުކުރުމުގެ ސަބަބުން ބޮޑު އަސަރެއް ކުރާނެ ކަމަށް ބުނެ، 20 ޕަސެންޓާއި 25 ޕަސެންޓާ ދެމެދުގެ ބުކިން ގެއްލި، ޑިމާންޑު ދަށްވާނެ ކަމަށް ބުނެފައެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ވިދާޅުވީ، ޓެކްސް ނަގާ މިންވަރު އިތުރު ކުރުމަކުން ގެސްޓްހައުސްތަކަށާއި ރިސޯޓުތަކަށް ގެއްލުމެއް ނުވާނެ ކަމަށެވެ. އެއީ މާ ކުރީގެ ވިސްނުމެއް ކަމަށް ސިފަކުރައްވައި އޭނާ ވިދާޅުވި ގޮތުގައި، ރާއްޖެ އަންނަން ހަތަރު މަސް ކުރިން ބުކިން ހަދައިގެން ތިބޭ ވާހަކައަކީ ވެސް ކުރީ ޒަމާނުގެ ވާހަކައެއް ކަމަށެވެ.

"ތިބޭފުޅުން ތި ވިދާޅުވަނީ ގެސްޓްހައުސް އެސޯސިއޭޝަންގެ މެންބަރެކޭ ސަރުކާރުގަ ރަޖިސްޓްރީވެފައި އޮތް ކޮންމެ ބަޔަކީ ތިމަންނަމެންގެ މެންބަރެކޭ. އެހެންވީމަ އެ މީހުންގެ އެއްވެސް ހައްގެއް ނެތް ތީގަ ބައިވެރިނުވެ ތިބުމުގެ. އެހެނެއް އަޅުގަނޑު ގަބޫލެއް ނުކުރަން" ޝަހީމް ވިދާޅުވިއެވެ.

ޝަހީމްގެ ވާހަކަ މެދުކަނޑާލެއްވުމަށް ފަހު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލިހަށް ހާޒިރުވާ ފަރާތްތަކަށް ފުރައްސާރަ ނުކުރުމަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.

"އަޅުގަނޑުމެންނަކީ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން. އަދި އާރާއި ބާރު ތިބި ބައެއް. މިތަނަށް އާންމު ރައްޔިތުންގެ ތެރެއިން ބޭފުޅުން ގެންނަވައި، އެ ބޭފުޅުންނަށް ބިރު ދައްކައި، އެ ބޭފުޅުންނަށް މަލާމާތްކޮށް ހެދުމަކީ މި މަޖިލިހުގެ މަގްސަދެއް ނޫން."

ގެސްޓްހައުސް އެސޯސިއޭޝަނަށް ނަޝީދު ފުރުސަތު ދެއްވުމުން، އެ އެސޯސިއޭޝަންގެ ފަރާތުން ވާހަކަ ދެއްކި ހިންގާ ކޮމިޓީގެ މެންބަރު އަހްމަދު ވަހީދު ބުނީ، މަޖިލިހަށް އެ އެސޯސިއޭޝަނުން ހާޒިރުވީ ވަކި މަންފާ އެއް ހޯދުމުގެ ބޭނުމުގައި ނޫން ކަމަށެވެ.

"އަޅުގަނޑުމެން މިތަނަށް ހާޒިރުކޮށްފަ އިއްޒަތްތެރި މެންބަރުން އަޅުގަނޑުމެންގެ ބޮލުގަ ވަގު ބަދުނާމު އަޅުވައި ދޮގު ހަދާ ވާހަކަ ދައްކައި، އެބޭފުޅާ (ހުސައިން ޝަހީމް) ގަބޫލު ނުކުރައްވަނީތޯ 300 ރޫމްނައިޓްސް ވިއްކާ މީހާ އާއި އެފެއިޓީ އަށް ގޮސް ނަންގަވާ އަގު؟ އެހެންވީމަ މި އިއްޒަތްތެރި މަޖިލީހުގެ މެންބަރުން އަޅުގަނޑުމެން މިތަނަށް ބަވާ ސައިޒުކުރާކަށް ނޫން އަޅުގަނޑުމެން މިތަނަށް ހާޒިރުކުރީކީ އެއް ދެއްތޯ؟"

އޭނާ ބުނި ގޮތުގައި، ގެސްޓްހައުސް އެސޯސިއޭޝަނުން މަޖިލިހަށް ހާޒިރުވީ ވަކި ހިސާބުތަކެއް ޖަހައިގެން އައިސް މައުލޫމާތު ސާފުކޮށް ދިނުމަށެވެ.

އަހްމަދު ވަހީދުގެ ވާހަކަ އަށް ތާއީދުކުރައްވާ ނަޝީދު ވަނީ ގެސްޓްހައުސް އެސޯސިއޭޝަންގެ ފަރާތުން މައާފަށް އެދިވަޑައިގެންފައެވެ.

"އަޅުގަނޑުމެން މި މަޖިލީހުގެ ފަރާތުން ތިބޭފުޅުންގެ ފަރާތުން މައާފަށް އެދެން. ތި ވިދާޅުވިހެން މިތަނަށް ތިބޭފުޅުން ވަޑައިގެންނެވީމާ ތިބޭފުޅުންނާ ގުޅޭ ގޮތުން ކުޑައިމީސް ބަހެއް ބުނެ އެއް ނުހެދޭނެ." ނަޝީދު ވިދާޅުވިއެވެ.