ތާރީހު ބަދަލުކޮށް މުއްދަތު ހަމަވެފައިވާ ބާސްމަތީ ހަނޑޫ ޕެކެޓުތައް ވިއްކަމުންދާތީ އެކަމަށް ސަމާލުވުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންގައިފިއެވެ.

އެ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނީ، ޕާކިސްތާނުގެ އުފެއްދުމެއް ކަމަށްވާ "އަލްޤަމަރު ގޯލްޑް ޕްރީމިއަމް އެރޯމަޓިކް" ބާސްމަތީ ހަނޑޫ ބްރޭންޑުގެ މުއްދަތު ހަމަވެފައިވާ ޕެކެޓުތަކެއް ވިއްކަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެމްއެފްޑީއޭ އިން ބުނި ގޮތުގައި، މުއްދަތު ހަމަވާ ތާރީހު ބަދަލުކޮށްގެން ވިއްކަމުން ދަނީ ފަސް ކިލޯގްރާމްގެ ޕެކެޓުތަކެވެ.

އަލްގަމަރު ބާސްމަތީ ހަނޑު ޕެކެޓެއް

"މި އޮތޯރިޓީން ބެލި ބެލުމުގައި އެ ޕެކެޓުގައިވާ މުއްދަތު ހަމަވާ ތާރީހު ހަމަވުމުން އޭގެ މަތީގައި ސްޓިކާ އެއް ހަރުކޮށް އެ ތާރީހަށް ބަދަލު ގެނެސްފައިވެއެވެ." ބަޔާނުގައި ވެއެވެ.

މުއްދަތު ހަމަވެފައިވާ ކާބޯތަކެތި ވިއްކުމަކީ އޭގެ ސަބަބުން އާންމު ސިއްހަތަށް ނުރައްކާވުމުގެ ފުރުސަތު ބޮޑު ކަމެއް ކަމަށާއި، އެކަމުގެ ސަބަބުން ކާބޯތަކެތީގެ ފެންވަރު ދަށްވާ ކަމަށް ވެސް އެމްއެފްޑީއޭ އިން ބުންޏެވެ.

އެ އިދާރާ އިން ވަނީ މުއްދަތު ހަމަވާ ތާރީހު އޮޅުވާލައިގެން ކާބޯތަކެތީގެ ވިޔަފާރި ނުކުރުމަށް އަންގައިފައެވެ.