ޗާގޯސްގެ ރަށްތައް އިނގިރޭސީންގެ ދަށުގައި އޮތް އޮތުމަށް ނިމުމެއް ގެނައުމަށްޓަކައި އދ. ގެ އާންމު މަޖިލިހުގައި މޮރިޝަސް އާ އެއްކޮޅަށް ވޯޓު ދޭން ނިންމި ނަމަވެސް، ކަނޑުތަކުގެ ޓްރައިބިއުނަލްގައި ހިނގަމުންދާ މައްސަލައިގައި ރާއްޖޭން ދޫ ނުދޭނެ ކަން މޮރިޝަސްގެ ސަރުކާރަށް އަންގާފައިވާނެ ކަމަށް، ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ރޭ ނެރުނު ބަޔާނެއްގައި ފޮރިން މިނިސްޓްރީން ބުނީ، 1965 ގައި ރާއްޖެ އަށް ފުރިހަމަ މިނިިވަންކަން ލިބި، އެ އަހަރުގެ ސެޕްޓެމްބަރު 21 ގައި އދ. ގެ މެންބަރަކަށް ވުމަށް ފަހު، ބައިނަލްއަގުވާމީ ދުނިޔޭގައި އިސްތިއުމާރީ އަޅުވެތިކަމާ ދެކޮޅަށް ރާއްޖޭން މިހާތަނަށް އަޑު އުފުލަމުންދާ ކަމަށާއި، އެއީ ރާއްޖޭން އެންމެ އިސްކަމެއް ދެމުން އައިސްފައިވާ، ބަދަލުނުވާ ސިޔާސަތެއް ކަމަށެވެ.
އެގޮތުގެ މަތިން އދ. ގެ މެންބަރަކަށް ރާއްޖެ ވުމަށް ފަހު، އިސްތިއުމާރީ އަޅުވެތިކަމުގައި އޮތް އެތައް ގައުމެއް މިނިވަންވެ، އދ. ގެ މެންބަރުންގެ ގޮތުގައި މިއަދު އެބަތިބި ކަމަށާއި، އެ ހުރިހާ މައްސަލަތަކަކަށް ރާއްޖޭން މިހާތަނަށް ތާއީދުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، ޗާގޯސްގެ ރަށްތަކަކީ މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ތަނެއް ކަމަށް ބުނެ މަޝްވަރާކުރެވެމުން އަންނަތާ އެތައް އަހަރުތަކެއް ވެއްޖެއެވެ. އެ މަޝްވަރާތަކަށް ފަހު، އދ. ގެ 2017 ގެ އާންމު މަޖިލިހުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން 2019 ފެބްރުއަރީގައި ދިން ލަފާގައި ޗާގޯސް އަކީ މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ތަނެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް ވެސް، ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
އެ ލަފަޔާ ގުޅުވައި މޮރިޝަސް އާއި އެފްރިކާގެ ގައުމުތަކާއި ވަކި ފަރާތަކަށް ނުޖެހޭ ހަރަކާތުގެ ގައުމުތަކާ ގުޅިގެން، އެ އަހަރުގެ މޭ 22 ގައި، ހަ މަސްދުވަހުގެ ތެރޭ ޗާގޯސް މޮރިޝަސް އާ ޗާގޯސްގެ ރަށްތައް ހަވާލުކުރުމަށް އދ. އާންމު މަޖިލިހަށް ގަރާރެއް ހުށަހެޅި ކަމަށާއި، ނަމަވެސް ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް 200 ނޯޓިކަލް މޭލަށް ވުރެ އިތުރުކުރުމަށް ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް އަށް 2010 ޖުލައި 26 ގައި ރާއްޖޭން ހުށަހެޅި ހުށަހެޅުމަށް މޮރިޝަސް އިން އިއުތިރާޒްކޮށް، 2011 މާޗް 24 ގައި "ފޯމަލް ޕްރޮޓެސްޓް" ހުށަހަޅާފައިވާތީ، އދ ގެ އާންމު މަޖިލިހުގައި ވޯޓަށް އެހުމުން ރާއްޖޭން ވަނީ އެ ގަރާރާ ދެކޮޅަށް ވޯޓު ދީފައި ކަމަށް ވެސް ބުންޏެވެ.
އެހެންނަމަވެސް، ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، ރާއްޖޭން އިސްތިއުމާރީ އަޅުވެތިކަމާ ދެކޮޅަށް ގެންގުޅެމުން އަންނަ ސިޔާސަތަށް ބިނާކޮށް، މޮރިޝަސް އާ އެއްކޮޅަށް ވޯޓު ދިނުމަށް ވަނީ ނިންމައިފައެވެ.
ފޮރިން މިނިސްޓްރީން ބުނީ، އދ. ގައި މޮރިޝަސް އާ އެއްކޮޅަށް ވޯޓު ދޭ މައްސަލަ އާއި ޓްރައިބިއުނަލްގެ މައްސަލައަކީ ތަފާތު ދެ މައްސަލައެއް ކަމަށެވެ. އަދި އދ. ގެ އާންމު މަޖިލިހުގައި ޗާގޯސްގެ މައްސަަލައާ ގުޅޭގޮތުން ގަރާރެއް ހުށަހަޅައިފިނަމަ އެ ގަރާރަށް ވޯޓު ދިނުމުގެ ކުރިން "އެކްސްޕްލެނޭޝަން އޮފް ވޯޓް"ގެ ފުރުސަތުގައި އެ ގަރާރަކަށް ދެކޮޅު ނުހެދުމަކީ ރާއްޖޭން މޮރިޝަސް އާ ދެކޮޅަށް ޓްރައިބިއުނަލްގައި ވަކާލާތުކުރަމުން ގެންދާ މައްސަލައިގައި ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ބަދަލެއް ނާންނާނެ ކަމެއް ކަމުގައި ބުނުމަށް ނިންމައި އެކަން މޮރިޝަސްގެ ސަރުކާރަށް އަންގާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އދ. ގައި މޮރިޝަސް އާ އެއްކޮޅަށް ވޯޓު ދޭން ނިންމުމުން ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލިދާނެ ކަމަށް ބުނެ ފާޑުކިއުންތައް އަމާޒުވެފައިވާއިރު، އެ ފާޑުކިޔުންތަކާ ގުޅިގެން ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން، ޗާގޯސް މައްސަލައިގައި ރާއްޖޭގެ ފަރާތުން މަސައްކަތްކުރައްވާ ގާނޫނީ ޓީމްގެ ވެރިޔާ ޕްރޮފެސަރު ޕަޔަމް އަޚަވަން ވިދާޅުވި ގޮތުގައި، އިން ވަކިކުރާއިރު މޮރިޝަސް އަށް ވުރެ ރާއްޖެ އަށް ލިބޭ ބައި ކުޑަވާނެއެވެ. ނަމަވެސް ދެ ގައުމަށް ލިބޭ ބައި އަޅާ ކިޔާއިރު މާ ބޮޑު ފަރަގެއް ނޯންނާނެ ކަމަށާއި، ފުަށޫ އަރާ އިމުން ރާއްޖެ އަށް ގެއްލޭނެ ކަމަށް ބެލެވެނީ 3 ނުވަތަ 4 ކިލޯމީޓަރު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ތިނެއް ނުވަތަ ހަތަރު ކޭ. އެމް. އަކީ މަދު އަދަދެއްތޯ؟