ގާނޫނީ ވަކީލުކަމުގެ ހާއްސަ ހުއްދަ 2020 ވަނަ އަހަރު ދީފައިވާ މީހުން ބާ އިމްތިހާނު ހަދަން ނުޖެހޭ ގޮތަށް، ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް ދެ ވަނަ އިސްލާހް ގެނައުމުގެ ބިލް ތަސްދީގު ކުރައްވައިފިއެވެ.

މި ބިލް ފާސްކޮށްފައި ވަނީ މި މަހު 19 ގައި ރައްޔިތުންގެ މަޖިލީހުގައި ބޭއްވި މި އަހަރުގެ ތިންވަނަ ދައުރުގެ 24 ވަނަ ޖަލްސާގައެވެ.

އެ ގާނޫނަށް 2020 ވަނަ އަހަރު ގެނައި އިސްލާހެއްގެ ދަށުން ބާ އިމްތިހާނެއް ބޭއްވެންދެން އެހާތަނަށް ކިޔަވައި ނިމިފައި ތިބި މީހުންނަށް ހާއްސަކޮށް ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް ފަހު ވަކީލުކަމުގެ ހާއްސަ ހުއްދައެއް ވަނީ ދީފައެވެ.

އެ ގާނޫނަށް ގެނެވުނު މައިގަނޑު އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ ގާނޫނީ ވަކީލުންގެ ސުލޫކީ މައްސަަލަތައް ބެލުމުގައި ބާކައުންސިލުން އަމަލުކުރާނެ ގޮތްތައް ކަނޑައެޅުމާއި ބާކައުންސިލްގެ ބަޖެޓާއި މާލީ ކަންކަން ބަލަހައްޓާނެ ގޮތް ކަނޑައަޅައި ބަޔާން ކުރުމާއި ގާނޫނީ ވަކީލު ކަމުގެ ހުއްދައަށް އެދި ހުށައަޅާ ފަރާތްތަކުން ފުރިހަަމަކުރަންޖެހޭ ތަމްރީން ޕްރޮގްރާމާއި ގުޅޭ އިސްލާހުތަކެވެ.

ރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ 31 ވަނަ މާއްދާގެ (ރ) އަދި (ބ) އާއި 1-31 ވަނަ މާއްދާގެ (ބ) އުނިކޮށް އެ ގާނޫނުގެ 53 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް ވަނީ އިތުރުކޮށްފައެވެ.

އެ ބިލު ތަސްދީގު ކުރުމާއެކު މިހާރު ގާނޫނީ ވަކީލު ކަމުގެ ވަގުތީ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ބާ އިމްތިހާނު ނުހަދައި ގާނޫނީ ވަކީލު ކަމުގެ ދާއިމީ ހުއްދަ ލިބުމުގެ މަގު ފަހިވެގެންދެއެވެ.