ނޫސްވެރިކަމުގެ މިނިވަންކަންދީ އަސާސީ ހައްގުތައް ހިމާޔަތްކުރުމަށް ބާ ކައުންސިލުން ގޮވާލައިއެވެ.
ބާ ކައުންސިލުން މިފަދައިން ބުނެފައިވަނީ "އަދަދު" ނޫހުން ގެނެސްދިން ވީޑިއޯ ޑޮކިއުމެންޓްރީއަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފުވި މައްސަލައިގައި އެ ނޫހުގެ ދެ ނޫސްވެރިން ޖަލަށްލުމާ ގުޅިގެންނެވެ.
އެގޮތުން ބާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޑިމޮކްރެޓިކް މުޖުތަމައެއްގެ އެންމެ މުހިންމު އެއް އަސާސަކީ މިނިވަން ނޫސްވެރިކަމަކަށް ޖާގަދިނުމާއި ރައްޔިތުންނަށް އެ މީހުންގެ ހިޔާލު ފާޅުކުރުމުގެ ހައްގު ފުރިހަމައަށް ލިބިދިނުންކަމަށެވެ.
ނަމަވެސް ފަހަކަށް އައިސް މި ހައްގުތަކަށް ހުރަސްއެޅޭ ފަދަ ކަންކަން ހިނގަމުންދާކަމީ ކަންބޮޑުވާ ކަމެއްކަން ފާހަގަކޮށް ބާ ކައުންސިލުން ބުނީ އަދުލު އިންސާފު ގާއިމުކުރުމުގެ ނިޒާމުގެ ތެރެއިން ކަންކަން ކުރިއަށްދާންޖެހޭނެ ކަމަށާއި، ކޮންމެ މީހަކަށްވެސް ގާނޫނީ ރައްކާތެރިކަން ލިބިދޭންޖެހޭނެކަމަށެވެ.
މިފަދަ އަސާސީ ހައްގުތައް ހަނިކުރުމަކީ ރާއްޖޭގެ ގާނޫނީ ނިޒާމަށާއި ޑިމޮކްރެސީއަށް އޮތް ބޮޑު ނުރައްކަލެއް ކަން ފާހަގަކޮށް ބާ ކައުންސިލުން ވަނީ ދައުލަތުގެ ބާރުތަކުން އަމަލުކުރަމުންދާ ގޮތްތައް އިސްލާހުކޮށް ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ގޮވާލާފައެވެ.
ބާ ކައުންސިލުން ބުނީ ގާނޫނުގެ ވެރިކަން ނެގެހެއްޓުމުގައި ބާ ކައުންސިލުން އަބަދުވެސް ސާބިތުވެ އޮންނާނެ ކަމަށާއި އިންސާނީ ހައްގުއް ހިމާޔަތްކުރުމަށް ކުރަންޖެހޭ ކޮންމެ މަސައްކަތެއް ކުރުމުގައި ދެމިއޮންނާނެކަމަށެވެ.

ޤައުމުގައި ހިނގާ މިބާވަތުގެ ކަންކަމަށް ބަސްކިއުމަކީ ބާ ކައުންސިލްގެ ޒިންމާއެއްނޫން. ޒިންމާއިން ބޭރުވެ ބަޔާންނެރެ ޚިޔާލު ފާޅުކުރަންބޭނުމިއްޔާ މިހާރު ލައިގެން ހުރި ދުލި ބޭލުމަށްފަހު އެފަދަ ޕްލެޓްފޯމެއް ޚިޔާރުކުރުން ބުއްދިވެރި. އަޑިއަޑިން ސިޔާސަތު ނުހިންގައި ހާމަކަންބޮޑު ގޮތެއްގައި ސިޔާސަތު ނުހިންގެންޏާ ކުރިން އުޅުނުގޮތަށް އުޅެން ތިޔަތަން ދޫކޮށްލުން ރަނގަޅު.