އިނގިރޭސިވިލާތާއި މޮރިޝަސް އާ ދެމެދު އުފެދިފައިވާ ޗާގޮސްގެ މިލްކުވެރިކަމުގެ ދެބަސްވުމުގައި މޮރިޝަސްއަށް ތާއީދުކުރަން ދިވެހި ސަރުކާރުން ނިންމުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ފާޑުވިދާޅުވެއްޖެއެވެ.
ބޮންޑޭ ފާޑުވިދާޅުވެފައި ވަނީ ޗާގޮސް މައްސަލައާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ކުރެއްވި ޓްވީޓް ތަކަކަށް ރައްދު ދެއްވަމުންނެވެ. ބޮންޑެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮންނާނެ ކަމަށް އައިސީޖޭ އެޑްވައިޒަރީ އޮޕީނިއަން ނެރުމުން އެކަމަށް ތާއީދުކޮށްގެން ނުވާނެ ކަމަށެވެ. ފޯޅަވައްސަކީ ރާއްޖޭގެ އަތޮޅުތަކެއް ނޫން ކަމަށް އިއުތިރާފްވެ ދޫކޮށްލަން ނިންމަން ވާނީ ދިވެހިންގެ ރުހުން ހޯދައިގެން ފެންނަ ނުފެންނަ އާންމު ވޯޓަކުން ކަމަށް އޭނާ ވިދާޅުވިއެވެ.
މިއުވާންގެ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ،ޗާގޮސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭ ގޮތުން އައިސީޖޭ އިން ނިންމާފައިވާ ނިންމުމަށް އދ ގައި ރާއްޖެއިން ތާއީދުކުރަން ނިންމި މައްސަލައާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) ގައި ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލައެއް ކަމަށެވެ.
ޗާގޮސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮންނާނެކަމަށް އައިސީޖޭގެ އެޑްވައިޒަރީ އޮޕީނިއަން ނެރުމުން، އެކަމަށް އދގެ ގިނަ ޤައުމުތަކުން މިހާރު ވަނީ ތާއީދުކޮށްފައި ކަމަށާއި ރާއްޖޭގެ ދެކުނުން، ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުގެ ބައެއް ޗާގޮސްގެ ސަރަހައްދަށް ވަންނަކަމަށް މޮރިޝަސްއިން ބުނާ މައްސަލައިގައި އިޓޮލްސްގައި ދިވެހިރާއްޖޭން ނަގާފައިވާ ސްޓޭންޑް ބަދަލު ނުވާ ކަމަށް މިއުވާން ވިދާޅުވިއެވެ. އަދި ޗާގޯސްގެ މައްޗަށް ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު އޮތްކަމަށް އެއްވެސް އިރެއްގައި ދިވެހިރާއްޖެއިން ދައުވާ ނުކުރާ ކަމަށާއި މި މައްސަލައިގެ އިތުރު ތަފްސީލް، މައްސަލައިގެ އަޑުއެހުންތައް މާދަމާ ނިމުމުން ބަންޑާރަ ނައިބުގެ އޮފީހުން ހާމަކުރާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.
އެ މައްސަލަ އިޓްލޮސްއަށް ފޮނުވަން 2017 ގައި އދ. ގައި ނެގި ވޯޓުގައި ވެސް ރާއްޖޭން މޮރިޝަސްއާ ދެކޮޅު ހެދި އިރު، މޮރިޝަސްއާ އެއްކޮޅަށް އެ ކޯޓުން 2019 ގައި ކުރި ހުކުމް ބަލައިގަންނަން އދގެ އާންމު މަޖިލީހުން ފާސްކުރި އިރު ވެސް ރާއްޖޭން ވޯޓު ދިނީ އެ ރަށްތައް އިނގިރޭސިވިލާތުގެ ތަނެއްގެ ގޮތުގައި ބާއްވާށެވެ. ޗާގޯސް މޮރިޝަސް އަށް ދިނުމަށް ވޯޓު ދިނުމާއި މޮރިޝަސް އާއި ރާއްޖެ ގުޅޭ އީއީޒެޑް ފުށޫ އަރާ މައްސަލަ އަކީ 2 މައްސަލައެއް ކަމަށް ވާ އިރު، އިމުގެ މައްސަލައިގައި ކޯޓުގެ އަޑު އެހުންތައް މާދަމާ ނިމޭނެއެވެ.