ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރުމަށް ބޭނުންކުރާ ޕްލެޓްފޯމް ވިލިމާލެ ފަރަށް އެރުމުން ލިބުނު ގެއްލުން ބަލައި އީޕީއޭއިން ހެދި ސާވޭ ގަބޫލު ނުކޮށް އަމިއްލަ އަށް ސާވޭ ހަދާ ޖަވާބުދާރީ ވާން އެފްކޯންސް އިން ހަދަން ބުނި ސާވޭ ދިގުދެމިގެން ދަނީ މޫސުން ތަން ނުދޭތީ ކަމަށް އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އީޕީއޭއިން ބުނީ، ވިލިނގިލީ ފަރަށް ލިބުނު ގެއްލުން ދެނެގަތުމަށް އެފްކޯންސް އިން ސާވޭއެއް ހެދުމަށް ފަހު ޖަވާބު ދާރީ ވާން ބުނެފައި ވާއިރު، އެ ކުންފުނިން ވަނީ އެ މަސައްކަތް ކުރާނެ ބަޔަކު ހަމަޖައްސައި އެ ސާވޭ ފަށަފައިވާ ކަމަށެވެ. ނަމަވެސް މި ދުވަސްވަރު މޫސުން ގޯސް ވުމުގެ ސަބަބުން އެ ސާވޭ އަދި އެއްކޮށް ނިންމާ ނުލެވޭ ކަމަށާއި ސާވޭ ނިންމާލާތާ ހަފްތާއެއްގެ ތެރޭގައި އީޕީއޭގެ ރިޕޯޓަށް އެފްކޯންސް އިން ޖަވާބުދާރީ ވާނެ ކަމަށް އީޕީއޭ އިން ބުނެއެވެ.
އެފްކޯންސް އިން މި ސާވޭ ކުރަނީ ވިލިމާލެ ފަރަށް ލިބުނު ގެއްލުން ދެނެގަތުމަށް އީޕީއޭއިން ހެދި ސާވޭއަށް ފަހު ހެދި ރިޕޯޓަށް ޖަވާބު ދާރީ ވުމަށް އެ ކުންފުންޏަށް ދިން ފުރުސަތުގައެވެ. މި މަހުގެ 6 ވަނަ ދުވަހު އީޕީއޭއިން ބުނެފައި ވަނީ ރިޕޯޓަށް ޖަވާބުދާރީ ވާން ދިން ފުރުސަތުގައި ދެ ހަފްތާއެއްހާ މުއްދަތު ތެރޭ އެފްކޯންސްއިން ސާވޭ ހަދައި ޖަވާބު ދޭނެ ކަމަށެވެ.
މިދިޔަ މަހު މެދުތެރޭގައި އީޕީއޭއިން ތައްޔާރު ކުރި ރިޕޯޓަށް ޖަވާބު ދާރީ ވުމަށް އެފްކޯންސްއަށް ހުށަހަޅާފައިވާ އިރު، އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ މައްސަލަތަކުގެ ތަފްސީލެއް އީޕީއޭއިން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ފަރަށް ލިބުނު ގެއްލުން ހޯދުމަށް ސާވޭ ކުރި އިރު އީޕީއޭއިން ވަނީ ފަރަށް ލިބިފައިވާ ގެއްލުމުގެ ބައެއް ތަފްސީލް ހާމަ ކޮށްފައެވެ.
ބްރިޖްގެ މަސައްކަތަށް ބޭނުން ކުރާ ޕްލެޓްފޯމް ވިލިމާލެ ފަރަށް އެރީ ހުއްސި އޯގަސްޓް މަހުގެ 16 ވަނަ ދުވަހުއެވެ. އެ ޕްލެޓްފޯމް ފަރަށް އެރިތާ ގިނަ ދުވަސްތަކެއް ވީއިރު ޕްލެޓްފޯމް ނުނަގާ ފަރުމަތީ ރާޅާ ޖެހިޖެހި އޮތެވެ. އޭރު ޕްލެޓްފޯމް ނުނެގި ލަސްވީ އޭގެ އެއް ފައި ފަރަށް ވަދެ ތާށިވެފައި ވުމުން ކަމަށާއި ޓޯވް ކޮށްގެން ޕްލެޓްފޯމް ނަގައިފި ނަމަ ފަރަށް ބޮޑެތި ގެއްލުންތަކެއް ވެދާނެތީ ކަމަށް ޕްލޭނިން މިނިސްޓްރީން ކުރިން ބުންޏެވެ. އަދި އެ ޕްލެޓްފޯމް ނެގުމުގައި މޫސުން ތަން ނުދޭތީ ލަސްތަކެއް ވެފައިވާ ކަމަށް ވެސް މަޝްރޫއާ ހަވާލުވެ ހުރި ކުންފުނި އެފްކޯންސް އިން ބުންޏެވެ.
ވިލިމާލެ ފަރަށް އެރި ޕްލެޓްފޯމް ނެގި އިރުމާ ގުޅިގެން އެ ފަރަށް ބޮޑެތި ގެއްލުން ވެފައި ވާ އިރު، ވިލިމާލެ ފަރަކީ މާލެ ސަރަހައްދުގައި ކިރިޔާވެސް ހަލާކުނުވެ އޮތް ހަމައެކަނި ގުދުރަތީ ފަރެވެ. ގުޅިފަޅު ހިއްކުމާއި ބްރިޖް މަސްރޫއުގެ ސަބަބުން ނޭދެވޭ އެތައް އަސަރެއް އެ ފަރަށް ފޯރަމުންދާ ކަން މީގެ ކުރިން ވެސް އޮތީ ފާހަގަވެފައެވެ.
އީޕީއޭއިން ވަނީ ފަރަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށް ޑައިވަރުން ބޭނުން ކޮށްގެން އެ ސަރަހައްދުގެ ފަރު ބަލައި ދިރާސާ ކޮށްފައެވެ. ރީފް އެސެސްމަންޓް ހެދުމުގެ ތެރެއިން ނަގާފައިވާ ބައެއް ފޯޓީތައް އީޕީއޭއިން ހިއްސާކޮށްފައިވާ އިރު، އެ ފޮޓޯތަކުން ފެންނަނީ ފަރުގައި ބޮޑެތި ވަޅުގަނޑުތަކެއް ހެދިފައިވާ މަންޒަރެވެ. އެތަނުން ވަޅުގަނޑެއްގެ ތެރެއަށް ޑައިވަރެއް ވަދެ ހުރި އިރު އެ ވަޅުގަނޑު އެމީހާގެ އިސްކޮޅަށް ވުރެ ފުން ކޮށް ހުރި ތަން ފެންނަން ހުއްޓެވެ. މީގެ އިތުރުން ފަރުމަތީގައި އެއްޗެހި ދަމާފައި ހުރުމުންނާއި އަދި އެއްކޮޅުން އަނެއްކޮޅަށް ޕްލެޓްފޯމް ދުވެ ރާޅާ އެކީ ފަރުމަތީ ޖެހިޖެހި ގެން ވެސް ގެއްލުން ވެފައި ހުރި ކަމަށާއި މުރަކަތައް ބިނދިފައި ހުރި ކަމަށް ވެސް އީޕީއޭއިން ބުނެފައި ވެއެވެ.
ބްރިޖްގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ކުރިން ހެދި އީއައިއޭ ރިޕޯޓުގައި ވެސް ގެއްލުންތައް ލިބޭނެ ކަމަށާއި އަދި ގެއްލުން ލިބޭނެ ސަރަހައްދުތައް ވަނީ ފާހަގަ ކޮށްފައެވެ. އަދި މި މަޝްރޫއު ކުރިއަށް ގެންދާ އިރު އެ ސަރަހައްދުތަކަށް ލިބޭނެ ގެއްލުންތައް ކުޑަ ކުރެވޭނެ ގޮތަކަށް މަސައްކަތް ކުރުމަށާއި އެ ސަރަހައްދުން ބޭރަށް ގެއްލުން ނުވާނެ ގޮތަކަށް މަސައްކަތް ކުރިއަށް ގެންދަން އީޕީއޭއިން ވަނީ އިރުޝާދު ދީފައެވެ. ނަމަވެސް ވިލިމާލެ ފަރަށް ޕްލެޓްފޯމް އަރައި އެ ފަރަށް ގެއްލުން ތަކެއް ލިބިފައިވާ އިރު، އެއީ ބްރިޖްގެ މަސައްކަތުން ގެއްލުން ވާނެ ކަމަށް އީއައިއޭގައި ކަނޑައަޅާފައިވާ ސަރަހައްދުން ބޭރުގައިވާ ފަރެއް ކަމަށް އީޕީއޭއިން ބުނެފައި ވެއެވެ.
މި މައްސަލައިގައި އެފްކޯންސްއަކީ އިންޑިއާ ކުންފުންޏަކަށް ވީތީ އެ ކުންފުންޏާ މެދު ފިޔަވަޅު އެޅުމުގައި އެއްވެސް ތަފާތެއް ނުގެންގުޅޭނަން ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ. އަދި އެ ކުންފުންޏާ މެދު ފިޔަވަޅު އަޅާނީ އީޕީއޭ އިން ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.