އީރާނުގެ އަންހެނުން އީރާނާއި އަދި ގައުމުން ބޭރުގައިވެސް ބުރުގާ އެޅުން މަޖުބޫރު އިރު، ދެކުނު ކޮރެއާގައި އޮތް މައްޗަށް އެރުމުގެ ކުޅިވަރު ހަރަކާތެއްގައި އުޅުނު އީރާނު އަންހެނެއްގެ ބުރުގާ ވެއްޓުމުން އޭނާ މައާފަށް އެދިއްޖެއެވެ.

އެލްނާޒު ރިކާބީ އަކީ، ކާލި ގަނޑުގައި ހިފަމުން މައްޗަށް އަރަން ޖެހޭ ކުޅިވަރެއް ކަމުގައި ވާ (ބޯލްޓެޑް ކަލައިމްބިން) ނުވަތަ ސްޕޯޓްސް ކްލައިމްބިން ކުޅޭ ފަންނާނެކެވެ.

އީރާނުގައި ހެދުން އެޅި ގޮތުގެ މައްސަލައެއްގައި ހައްޔަރު ކުރި އުމުރުން 22 އަހަރުގެ މާޝާ އަމީނީގެ މަރާއެކު، ހަމަނުޖެހުންތައް ހިނގާ 90 އެތައް މީހަކު މަރިވެފައި ވާ މި ދަނޑިވަޅުގައި އެލްނާޒުގެ ބުރުގާ ވެއްޓުމުން ގިނަ ބަޔަކު ވަނީ، އޭނާއަށް ތައުރީފު ކޮށްފައެވެ.

އެލްނާޒުގެ އާއިލާ ހިމެނޭހެން ގިނަ ބަޔަކު އޭނާ އަށް ތައުރީފު ކުރީ، އަމީނީގެ މަރުގެ މައްސަލައިގައި އުފެދިފައިވާ ހަމަނުޖެހުމުގައި ބައިވެރިންނަށް ތައީދު ކުރުމުގެ ގޮތުން އެލްނާޒް ގަސްދުގައި ބުރުގާ ނެގީކަމަށް ހީކޮށެވެ.

އެލްނާޒު ރިކާބީ

ނަމަވެސް އެ މުބާރާތަށް ފަހު އީރާނަށް އެނބުރި އައިސް އެލްނާޒު ބުނީ، ބުރުގާ ވެއްޓުނީ، އަވަސް ކުރަން ހަދައިގެން ހަނދާން ނެތި ރަނގަޅަށް ބުރުގާ ނޭޅުނީމައި ކަމަށެވެ. އޭނާ އިތުރަށް ބުނީ، އެ މުބާރާތުގައި އޭނާ ޗޭންޖިން ރޫމުގައި ހުއްޓާ، ކަށިގަނޑު ފުމެލުމާއެކު އަވަސް އަވަސް ކޮށްލައިގެން ނުކުތް އިރު ރަނގަޅަށް ބުރުގާ އަޅަން ހަނދާން ނުވީ ކަމަށާއި އެއީ ގަސްދުގައި ކުރި ކަމެއް ނޫން ކަމަށެވެ.

އަދި އެކަމަށް އީރާނުގެ ރައްޔިތުންގެ ކިބައިން މައާފަށް އެދޭކަމަށް އޭނާ ވަނީ ބުނެފައެވެ.

އީރާނުގައި އެތެރެއާއި ބޭރުން އަންހެނުންނަށް ފިއްތުންތައް ކުރިމަތިވެފައި ވާ އިރު މީގެ ކުރިންވެސް މިފަދަ ހާދިސާތައް ދިމާވި ބައެއް އަންހެނުން އެނބުރި އީރާނަށް ގޮސްފައެއްވެސް ނުވެއެވެ. އެމީހުން އެނބުރި އީރާނަށް ގޮސްފައި ނުވަނީ އީރާނުގެ ސަރުކާރުގެ ހަރުކަށި ފިޔަވަޅުތަކާ ކުރިމަތިވެދާނެ ކަމުގެ ބިރަށެވެ. އަދި އެފަދަ ހާދިސާތަކުގައި އެނބުރި ގައުމަށް ދިޔަ ބައެއް މީހުންނަށް ސަރުކާރުގެ ފަރާޓުން ފިއްތުންތަކާއި ދަތިތައް ކުރިމަތި ކޮށްފައި ވާކަމަށް އެފަދަ ބައެއް ސްޕޯޓްސްވުމަނުން (ކުޅިވަރު ކުޅުންތެރިން) ބުނެފައި ވެއެވެ.