ޖަދަލުކުރަން ނުކެރޭ ނަމަ ކަނޑިކިލައިގެން ގޭގައި ތިއްބަސް މާ ރަނގަޅުވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޔާމީން މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެންޕެއިނަށް ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ވަށަފަރަށް އިއްޔެ ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޔާމީން ވިދާޅުވީ، އިދިކޮޅުން ދައްކާ ވާހަކައަށް ޕޯޑިއަމްގެ ކުރިމަތީގައި ރައްޔިތުން ގެނެސްގެން ޖަދަލުކޮށްލަން ސަރުކާރުގެ ވެރިންނަށް ދައުވަތު އަރުވާ ކަމަށެވެ. އޭރުން އަނެއްކާ ވެސް އެ ވާހަކަތަކަށް ރައްދު ދެއްވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

އެހެންވީމަ އެވަރުގެ ފިރިހެންވަންތަ ކަމެއް ނެތިއްޔާ މި މީހުން ކަނޑިކިލައިގެން ގޭގައި ތިބިއްޔާ މާ ރަނގަޅުވާނެ
ޔައީސް ޔާމީން

ޔާމީން އިތުރަށް ވިދާޅުވީ، މި ސަރުކާރުން ސިޔާސީ މަސައްކަތް ކުރުމަށް އަދި ސިޔާސީ ވާހަކަތައް ދެއްކުމަށް ފިއްތުންތައް ކުރިމަތި ކުރުވާ ކަމަށެވެ.

އެ ފުރުސަތު ފަހިކޮށް ނުދީ، ފުލުހުން ނެރެގެން އެތައް ބަޔަކު ހައްޔަރުކުރާ ކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ ސަރުކާރުން އިހުމާލުވާ ކަންކަމުގެ ވާހަކަ ޕީޕީއެމުން އަބަދު ވެސް ދައްކާނެ ކަމަށެވެ.

ރަނގަޅު މާނައިގަައި ގާނޫނުގައި ލިޔެފައި ހުންނަ ބައެއް މާއްދާތަކުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައިގެން ސަރުކާރުން އެފަދަ ޒަރޫރީ ހައްގުތަކަށް ހުރަސް އަޅަމުންދާ ކަން ޔާމީން ފާހަގަ ކުރެއްވިއެވެ.

މިގޮތުން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދީ ރައްޔިތުންނަށް ކަންކަން އޮޅުން ފިލުވައިދިނުމުގެ ހައްގު ދޭން ޖެހޭނެ ކަމަށާއި ހެޔޮ ގޮތް އިހްތިޔާރު ކުރަން ރައްޔިތުންނަށް އެނގޭނީ އޭރުން ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި ބޭނުން މިންވަރަކަށް ބޭނުން ވައްތަރެއްގެ ވާހަކައެއް ދެއްކުމުގެ ފުރުސަތު އޭރުގެ އިދިކޮޅު ފަރާތްތަކަށް ދިން ކަމަށެވެ.