ގަވައިދާ ހިލާފަށް އައްޑޫ މަރަދޫ ފޭދޫގެ ބަނދަރު ތަރައްގީކުރުމުން، ޕްލޭނިން މިނިސްޓްރީ ލައްކައަކަށް ވުރެ ގިނަ ރުފިޔާ އިން ޖޫރިމަނާކޮށް މަސްދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން އީޕީއޭ އިން އެ މިނިސްޓްރީ އަށް އަންގައިފިއެވެ.
މިއަދު ނެރުނު ބަޔާނެއްގައި އީޕީއޭ އިން ބުނީ، އެ އިދާރާ އިން އައްޑޫގެ މަރަދޫ ފޭދޫގައި ބަނދަރު ހެދުމުގެ މަސައްކަތަށް މީގެ ތިން އަހަރު ކުރިން ސެޕްޓެމްބަރުގެ 10 ވަނަ ދުވަހު ދޫކޮށްފައިވާ "ތިމާވެށީގެ ގޮތުން ނިންމި" ލިޔުމާ ހިލާފަށް ޕްލޭނިން މިނިސްޓްރީން މަސައްކަތްކޮށްފައިވާ ކަމަށެވެ.
މިއީ ޕްލޭނިން މިނިސްޓްރީން މިފަދަ ކަމެއް ތަކުރާރުކުރި ތިންވަނަ ފަހަރު ކަމުން، އީޕީއޭ އިން ވަނީ އެ މިނިސްޓްރީ 120،000ރ އިން ޖޫރިމަނާކޮށް، ސަރުކާރު ބަންދު ދުވަސްތައް ހިމެނޭހެން މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އަންގައިފައެވެ.
އޭގެ އިތުރުން، އީއައިއޭ ކޮންސަލްޓަންޓެއް މެދުވެރިކޮށް އެންވަޔަރަމެންޓަލް އޮޑިޓެއް ތައްޔާރު ކުރުމަށް ފަހު، ދެ މަސް ދުވަހުގެ ތެރޭ އީޕީއޭ އަށް ހުށަހަޅަން ވެސް އެ މިނިސްޓްރީ އަށް އަންގާފައިވެއެވެ. އެ އޮޑިޓުގައި ހިމަނަން އަންގާފައިވަނީ:
- އީޕީއޭގެ ހުއްދަ އާއި ނުލާ ކުރި މަސައްކަތްތަކުގެ ތަފްސީލު
- އައްޑޫ މަރަދޫ ފޭދޫގެ މިހާރުގެ ތިމާވެށީގެ ހާލަތުގެ ތަފްސީލު
އަދި މިހާތަނަށް ކުރެވިފައިވާ މަސައްކަތްތައް އީއައިއޭ މޮނިޓަރިން ޕްލޭންގައި ހިމަނައި، އެ މޮނިޓަރިން ޕްލޭން އިސްލާހުކޮށް، އާ މޮނިޓަރިން ޕްލޭން ހުށަހަޅާނެ ކަމުގެ ލިޔުމެއް މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ހުށަހެޅުމަށް ވެސް ޕްލޭނިން މިނިސްޓްރީ އަށް އަންގާފައިވާ ކަމަށް އީޕީއޭ އިން ބުންޏެވެ.
އީޕީއޭ އިން ޕްލޭނިން މިނިސްޓްރީ ޖޫރިމަނާކޮށްފައި ވަނީ ބަނދަރު ހުޅުވިތާ ހަ މަސް ފަހުންނެވެ.
މަރަދޫ ފޭދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ފަށާފައި ވަނީ ސެޕްޓެމްބަރު 10، 2019 ގައެވެ. ހެވީފޯސް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށް 31.6 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީކުރި އެ ބަނދަރު ހުޅުވައިދެއްވީ މިދިޔަ މާޗް މަހުގެ ފަހުކޮޅު ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.