ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަންގެ ސްމާޓް ސިޓީ ބްރޭންޑް ކަމަށްވާ ސްމާޓްކޮމްއިން މިއަދު ސާނަވީ މަރުހަލާގެ ކޮމްޕިއުޓާ ސައިންސް މާއްދާ ކިޔަވާ ދަރިވަރުންނަށް ސްޓަޑީ ޓުއާއެއް ބާއްވައިފައެވެ.

އެޗްޑީސީން ބުނީ، ސްޓަޑީ ޓުއާއަކީ ހުޅުމާލެއަކީ ރާއްޖޭގެ އެންމެ ފުރަތަމަ ސްމާޓް ސިޓީއަށް ހެދުމުގެ ގޮތުން އެކަމުގެ އަމަލީ މަސައްކަތް އެޗްޑީސީން ފެށިތާ އެއް އަހަރު ފާހަގަ ކުރުމުގެ މުނާސަބަތުގައި ހުޅުމާލޭގެ ކޮމިއުނިޓީތަކަށް އަމާޒުކޮށްގެން ބޭއްވޭ ތަފާތު ހަރަކާތްތަކުގެ ތެރެއިން އެއް ކަންތައް ކަމަށެވެ. މި ތުއާގައި 20 ދަރިވަރުން ބައިވެރިވެފައިވާ އިރު އެ ދަރިވަރުންނަކީ ހުޅުމާލޭގައި ސާނަވީ ފެންވަރަށް ކިޔަވާދޭ ހަތަރު ސްކޫލު ކަމަށްވާ ރެހެންދި ސްކޫލު، ހުރަވީ ސްކޫލު، ގާޒީ ސްކޫލު އަދި ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުން ބައިވެރިވި ދަރިވަރުން ކަމަށް އެވްޑީސީން ބުނެއެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދު ތަކުގެ ތެރޭގައި، ސްމާޓްކޮމް ބްރޭންޑް އަދި ސްމާޓް ސިޓީ ޕްރޮޑަކްޓްތައް ދަރިވަރުންނަށް ތައާރަފުކޮށްދީ ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުމާއި، ކޮމްޕިއުޓާ ސައިންސް އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށް ކުދިން އިތުރަށް ޝައުގުވެރި ކުރުވުން ފަދަ ކަންކަން ހިމެނެއެވެ.

އެގޮތުން މި ޓުއާގައި ސްމާޓް ސިޓީގެ މަސައްކަތްތަކާ ބެހޭ ގޮތުން ބައިވެރިވި ދަރިވަރުންނަށް ޕްރެޒެންޓޭޝަންއެއް ދިނުމާއި ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ގާއިމުކޮށްފައިވާ ސްމާޓް ޕޯލް އަދި ބެންޗް ދައްކާލުމާއި، އެޗްޑީސީގެ ޓެލެކޮމް ޓަވަރުތައް ދައްކާލުން ހިމެނުނެވެ.

މީގެ އިތުރުން، ސްމާޓް ސިޓީއަކަށް ހުޅުމާލެ ހެދުމަށް ބޭނުންވާ އަސާސީ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ކަމަށްވާ ޖީޕޮން ނުވަތަ އޯޕަން އެކްސެސް ނެޓްވޯކާ ބެހޭ މައުލޫމާތު ދިނުމާއި މި ވިއުގައިގެ އެންމެހާ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް ކުރާ ސްމާޓްކޮމްގެ ނެޓްވޯކް އޮޕަރޭޝަންސް ސެންޓަރުގެ މަސައްކަތްތައް ދައްކާލުމާއި އަދި ގޭގެއަށް ނުވަތަ ފްލެޓުތަކަށް ފައިބާ ޓު ދަ ހޯމް، ނުވަތަ އެފްޓީޓީއެޗް ކަނެކްޝަން ދިނުމަށް ބޭނުންކުރާ އޯއެންޓީ ގުޅާނެ ގޮތްފަދަ އަމަލީ ކަންކަން ކުދިންނަށް ދައްކާލުންވެސް ހިމެނުނެވެ.