މިދިޔަ ޖޫން މަހުގެ 21 ގައި ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން، ހައްޔަރުކުރި ޝައިޚް ފަޒްލޫން ބިން މުހައްމަދާއި ޝައިޚް އާދަމް ނިޝާނަށް ވަކީލުން ހަމަޖައްސަން 10 ދުވަހުގެ މުއްދަތެއް ދީފިއެވެ.
ނިޝާނާއި ފަޒްލޫންގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ހިތްވަރު ދިނުމުގެ ދައުވާ ވަނީ ކޮށްފައެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ، ނިޝާނާއި ފަޒްލޫނަށް 10-15 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
މި މައްސަލަގައި މިއަދު ޝަރީއަތުގެ އަޑުއެހުމަށް ދެ ޝެއިލުން ވެސް ހާޒިރުވީ ވަކީލަކާ ނުލައެވެ.
މައްސަލައިގެ ލިޔުންތައް ލިބިފައިވާތީ ކުރިއަށް ދާން ބޭނުންވަނީ ވަކީލަކާ އެކު ކަމަށް ވިދާޅުވުމުން މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދު ވަނީ ވަކީލަކު ހަމަޖައްސަން ދެ ފަރާތަށް ވެސް 10 ދުވަސް ދީފައެވެ.
ޝައިހް ފަޒްލޫނާއި ޝައިހް ނިޝާންގެ ދީނީ ދަރުސް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަނީ އަނބުރާ ގެންގޮސްފައެވެ.
އެކަމާ ގުޅިގެން ނެރުނު ބަޔާނުގައި އެ މިނިސްޓްރީން ބުނީ، ޝައިޚް ނިޝާނާއި ޝައިޚް ފަޒްލޫނަށް ދީފައިވާ ހުއްދަ އަތުލާފައިވަނީ ވަނީ ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީ، ފުލުހުން އެ ދެ ޝައިޚުންގެ މައްޗަށް ޖިނާއީ ތަހްގީގެއް ހިންގަމުން ދާތީ ކަމަށެވެ.