ފިރިމީހާގެ ހިތްއަތުލެވޭނީ މަސައްކަތުގައި ބިޒީކޮށް ގެއަށް އަންނަ ގަޑީގައި ސުފުރާމަތި ތިޔާގި ކޮށް ހުރުމުން ކަމަށް ގިނަ ބަޔަކު ބުނެއެވެ. ސުފުރާ މަތީގައި އަބަދު އެކައްޗެއް ކާން ހުންނަނަމަ ކާން ފޫހިވާ ގޮތް ވެއެވެ. ދެ ދުވަސް ވަންދެން އެކައްޗެއް ނުކެވޭ މީހުން ވެސް އުޅޭއިރު ކޮންމެ ކޮންމެ ދުވަހަކު އެކައްޗެއް ކެއުން ވެގެން ދަނީ ބޮޑު ވޭނަކަށެވެ.
އިންޑިއާގެ ރީތި އަވަށެއް ކަމަށްވާ މައިސޫރުގައި މިވަނީ މިފަދަ ހާދިސާއެއް ހިނގާފައެވެ. އަނބިމީހާ އަބަދު ނޫޑްލްސް ކައްކާފައި ކާންދޭ ވާހަކައެވެ. އަނބިމީހާ ވަރިކުރަން ވެގެން ފޯމު ކޯޓަށްލީ ފިރިމީހާއެވެ. އަދި ކޯޓަށް ގޮސް އަނބިމީހާ ވަރިކުރަން ބޭނުންވާ ކަމަށް ގާޒީ ގާތު ބުނުމުން ގާޒީ އޭނާ އާ ސުވާލުކުރީ އަނބިމީހާ ވަރިކުރަން ބޭނުންވަނީ ކީއްވެގެންކަން ބުނުމަށެވެ. ޖަވާބުގައި އެ ފިރިހެން މީހާ ބުނީ އެއީ އަބަދު ނޫޑްލްސް ކައްކާފައި ކާންދޭތީ ކަމަށެވެ.
ގާޒީ ގާތު ފިރިމީހާ ބުނީ ގެއަށް ބޭނުންވާ ކާއެއްޗެހި ގަންނަން އަނބިމީހާ އަށް ފައިސާ ދިނުމުން އަބަދުވެސް ގަންނަނީ ނޫޑްލްސް ކަމަށާއި ހެނދުނާއި މެންދުރާއި ރޭގަނޑަށްވެސް އޭނާގެ އަނބިމީހާ ކައްކަނީ ނޫޑްލްސް ކަމަށެވެ. އަދި ނޫޑްލްސް ނޫން އެހެން އެއްޗެއް ކައްކަން ނޭނގޭ ކަމަށާއި އެހެން އެއްޗެއް ކައްކަން ނޭނގުނަސްވެސް އާ އެއްޗެއް ކައްކަން މަސައްކަތްވެސް ނުކުރާ ކަމަށެވެ. ޔޫޓިއުބުން ފާޑުފާޑުގެ ރެސިޕީތައް ބެލުމަށް ފަހު ނޫޑްލްސް ނޫން އެހެން އެއްޗެއް ކައްކާތޯ ބަލަން ދުވަސްކޮޅަކު ވަރިނުކޮށް މަޑުކުރި ކަމަށާއި އެކަމަކު އެކަން އެހެން ނުވުމުން އެންމެފަހުން އަނބިމީހާ ވަރިކުރަން ނިންމީ ކަމަށެވެ.
އަދި އަނބިމީހާވެސް އެކަމާ މެދު ބަހުސްނުކޮށް އޭނާގެ ފިރިމީހާ އަށް އަބަދު ކާންދެނީ ނޫޑްލްސް ކަމަށް ވަނީ އިއުތިރާފް ވެފައެވެ. ދެމީހުން އެއްބަސް ކިޔައިގެން ކައިވެނި މިހާރު ވަނީ ރޫޅާލާފައެވެ.