މެލޭޝިއާގައި އުފައްދައިގެން ރާއްޖެ އަށް އެތެރެކުރާ ލޮލުގެ ބޭހެއްގެ ބެޗުތަކެއްގައި މައްސަލަތަކެއް އުޅޭތީ އެ ބެޗުގެ އުފެއްދުންތައް ދިވެހި ބާޒާރުން ނަގަން ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނިންމައިފި އެވެ.

މޯލޑްިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ، މެލޭޝިއާގެ ޑުއޯފާމާ ކުންފުނިން އުފައްދާ އެލާސައިން އައިޑްރޮޕްސް (ޓެޓްރާހައިޑްރޮޒޮލައިން ހައިޑްރޯކްލޮރައިޑް) ބޭހުގެ ހަތް ބެޗެއްގައި ޑިފެކްޓެއް އުޅޭކަން އެ ގައުމުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީ އަށް ފާހަގަ ކުރެވިގެން އެ ކަން އަންގާފައިވާ ކަމަށެވެ. އޭގެ ތެރެއިން ދެ ބެޗެއްގެ ފުޅިތަކެއް ރާއްޖެ އަށް ވަނީ އެތެރެ ކޮށްފައި ކަމަށާއި އެއީ ބެޗު ނަންބަރު 193033L އާއި 200607L އެވެ.

މި ބޭހަކީ ރާއްޖޭގައި ވިއްކުން ހުއްދަ ބޭހެކެވެ. ނަމަވެސް މި ދެ ބެޗްގެ ބޭސްތައް ބާޒާރުން ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ. ހަމައެއާއެކު އެ ބޭސް މިހާރު ބޭނުން ކުރާ މީހުން ވެސް އެލާސައިން އައިޑްރޮޕްސްގެ ޑިފެކްޓެއް އުޅޭކަން ފަހަގަ ކޮށްފަިއވާ ދެ ބެޗުގެ ފުޅިތައް ބޭނުން ނުކުރުމަށް އެމްއެފްޑީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން އެ ބެޗުގެ ފުޅިތައް ރާއްޖެއަށް އެތެރެވިޔަ ނުދިނުމަށް ޕޯޓުތަކުގައި ހާއްސަ ސަމާލުކަމެއް ދީގެން ބަލަމުން އަންނަ ކަމަށް ވެސް އެމްއެފްޑީއޭއިން ބުނެއެވެ. .