މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އއ. ދަނގެއްޗާއި ދިގު ރަށަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
'ދަޕްރެސް' އަށް މައުލޫމާތި ދިން މީހަކު ބުނީ، ދިގުރަށަށް އުދަ އެރީ އެ ރަށު ބަނދަރު ސަރަހައްދާ ދިމާލުން ކަމަށާއި އެރި އުދައިގެ އަސަރު ރަށުގެ އެ ސަރަހައްދުގައި ހުރި ގެތަކާ ހަމައަށް ފޯރި ކަމަށާއި އުދައިގެ ސަބަބުން ގިނަ ބަޔަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ.
ހަމައެއާއެކު އެ ރަށަށް ރޭ އެރި އުދައަކީ އުދައެއް ނޫން ކަމަށާއި ސިފަވީ ބޮޑު ސުނާމީއެއް އެރިހެން ކަމަށް އެ ރަށު މީހުން ބުނެއެވެ. އަދި އެ ލޮނުގަނޑު ރަށުތެރެއަށް ފެތުރުނު ގޮތް ފެނި ހިތުގައި ބިރުވެރިކަން އަށަގެން ކަމަށް ވެސް އެ ފަރާތުން ބުންޏެވެ.
މި ކަމާ ގުޅިގެން ދިގު ރަށު ކައުންސިލްގެ ރައީސް އިބްރާހިމް އުސްމާން ވިދާޅުވީ، އެރަށަށް މިއަދު އުދަ ނާރާ ކަމަށާއި މިހާރު ކުރަމުންދާ މަސައްކަތަކީ ރަށުތެރެ ސާފުކޮށް ލިބިފައިވާ ގެއްލުން ދެނެގަތުމަށް ކުރާ މަސައްކަތް ކަމަށެވެ. ރޭ ދަންވަރު 12:50 ހާއިރު އެ ރަށަށް އުދަ އަރާފައިވާ އިރު އުދައިގެ އަސަރު އެރަށުގެ ގެތަކަށް ކޮށްފައިވާ ކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ.
އެ ރަށުގެ ބަނދަރު ސަރަހައްދުން އުދަ އެރި އިރު މީހުން ދިރިއުޅޭ ސަރަހައްދުގެ ބޮޑު ބަޔަކަށް އުދައިގެ އަސަރު ވަނީ ކޮށްފައެވެ. ދިގުރަށުގެ އިތުރުން ދަނގެއްޗަށް ވެސް ރޭ ވަނީ އުދަ އަރާފައެވެ. ނަމަވެސް ދަނގެއްޗަށް މާ ބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެ ރަށު ކައުންސިލުން ބުނެއެވެ.
ދިގުރަށުގެ އިރުވާ ފަރާތުން ބަނދަރު ސަރަހައްދުން އުދަ އަރާފައިވާ އިރު ދަނގެއްޗަށް އުދަ އަރާފައިވަނީ ހުޅަނގު ފަރާތުންނެވެ. ހުޅަނގު ފަރާތުން އުދަ އަރާފައިވާ އިރު އެއީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރު ހިސާބެއް ކަމުން ރޭ އެރި އުދައިގެ ސަބަބުން އެ ރަށުގެ މީހުންނަށް ގެއްލުން ނުވާ ކަމަށް ދަނގެތި ކައުންސިލުން ބުނެއެވެ.
މި ދުވަސްވަރު މޫސުން ގޯސްވެ ވިއްސާރަ ވެ ރަށްރަށަށް އުދަ އަރާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ލަފާ ކޮށްފައެވެ. އަދި މޫސުމީ ކާރިސާތަކުން ލިބިދާނެ ގެއްލުންތަކަށް ސަމާލުވެ ރައްކާވެ ތިބުމަށް ނެޝަނަލް ޑިސާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ވަނީ އެދިފައެވެ.