މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރުތައް ދެނެގަތުމަށް ރާއްޖޭގެ ކަނޑުގެ އަޑީގައި ކުރި ދިރާސާ ކުރަން ބޭނުންކުރި ހާއްސަ އުޅަނދު، އާރްވީ އޮޑިސީން ތެޔޮ ބިލްތަކަށް ފައިސާ ނުދައްކާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެމްވީ އޮޑީސީ މި ބޯޓަކީ މި ދިރާސާ ކުރުމަށް އިނގިރޭސި ވިލާތުގެ ފައުންޑޭޝަނެއް ކަމަށްވާ ނެކްޓަންއިން ކުއްޔަށް ހިފާފައިވާ އޯޝަން ކޮންޒަވޭޝަން އެކްސްޕްލޮރޭޝަން އެންޑް އެޑިއުކޭޝަން ފައުންޑޭޝަން (އޯސީއީއީއެފް) ގެ ބޯޓެކެވެ. މި ދިރާސާގެ މަސައްކަތް ނިންމާލާފައިވާ އިރު އެ ބޯޓަށް ތެޔޮ އަޅާފައި ވަނީ ރާއްޖޭގެ ތެޔޮ ކުންފުންޏެއް ކަމަށްވާ ހޯކްސްއިންނެވެ. އެ ގޮތުން މިހާތަނަށް އެ ބޯޓަށް އެޅި ތެލުގެ ބިލްތަކަށް ވާ ފައިސާގެ ތެރެއިން 186،900 ޑޮލަރު (2.8 މިލިއަން ރުފިޔާ) އޮތީ ނުދައްކައެވެ.

އެހެންކަމުން ހޯކްސް އިން ވަނީ އެ މިޝަން ނިންމާފައި އެ ބޯޓު ރާއްޖެއިން ފުރައިގެން ދިއުމުގެ ކުރިން އެ ބޯޓު ހިފަހައްތައި ދިނުމަށް އެދި ސިވިލް ކޯޓުގައި އަމުރަކަށް އެދިފައެވެ. އަދި ހޯކްސް އިން އެދުނު ގޮތަށް މައްސަލަ ނިމެންދެން އެ ބޯޓް ރާއްޖެއިން ފުރައިގެން ދިއުން މަނާކޮށް ސިވިލް ކޯޓުން އިއްޔެ ވަނީ އަމުރެއް ނެރެފައެވެ.

ސިވިލް ކޯޓުން ނެރުނު އަމުރުގައި ވާ ގޮތުގައި ހޯކްސް އިން ކޯޓަށް މައްސަލަ ހުށަހެޅީ އެ ކުންފުނިން 'އޮޑިސީ' ބޯޓަށް ވިއްކި 105،000 ލީޓަރުގެ ޑީސަލްއަށް ފައިސާ ނުދައްކައިގެންނެވެ. 'އޮޑީސީ' ބޯޓުން 186،900 ޑޮލަރު (2.8 މިލިއަން ރުފިޔާ) ހޯކްސްއަށް ނުދައްކާ އެބަ އޮތް ކަމަށާއި އެ ބޯޓްގެ ވެރިފަރާތް، ބޭރުގެ ބައެއް ކަމަށްވާ އޯސީސީއެފް އިން އެދުނު އެޑްރެހަށް ހޯކްސް އިން ތެލުގެ ބިލު މިދިޔަ މަހުގެ 4 ވަނަ ދުވަހު ފޮނުވާފައި ވާއިރު އެ މަހުގެ ނިޔަލަށް ފައިސާ ދައްކަން ވަނީ އަންގާފައެވެ. އީމެއިލް އާއި އެ ނޫން ވެސް ގޮތް ގޮތުން އެ ފައިސާ ހޯދުމަށް ތަކުރާރުކޮށް މަސައްކަތް ކުރި ނަމަވެސް، އެއްވެސް ފައިސާއެއް ނުދައްކާ ކަމަށް ހޯކްސް އިން ބުނެފައިވެއެވެ. އަދި އެ ބޯޓްގެ ވެރިފަރާތް އޯސީސީސީއެފް އަކީ ރާއްޖެއިން ބޭރުގެ ކުންފުންޏެއް ކަމަށް ވުމުން އެ ފައިސާ ނުދައްކައި އެ ބޯޓް ރާއްޖެއިން ފުރައިފި ނަމަ، ހުކުމެއް ކުރިއަސް އެ ފައިސާ ހޯދޭނެ މަގު ބަންދުވާނެ ކަމަށްވެސް ހޯކްސް އިން ބުނެއެވެ.

އެ ބޯޓު ހިފެހެއްޓި މައްސަލައާއި އަދި އެ ބޯތަށް އެޅި ތެލުގެ ބިލަށް ފައިސާ ނުދައްކާ މައްސަލައާ ގުޅިގެން ނެކްޓަން އިން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ، އެ ފައިސާ ދެއްކުމަކީ ނެކްޓަންގެ ޒިންމާއެއް ނޫން ކަމަށެވެ. އެ ބޯޓަކީ ކަނޑުގެ އަޑީގެ ދިރާށަ ކުރުމަށް ނެކްޓަން އިން ކުއްޔަށް ހިފާފައިވާ ބޯޓެއް ކަމަށެވެ.

އޮޑިސީއިން ހޯކްސްއަށް ދައްކަން ޖެހޭ 2.8 މިލިއަން ރުފިޔާގެ ތެޔޮ ބިލް ދެއްކުމަކީ އުޅަނދުގެ ވެރިފަރާތް އޯސީއީއީއެފްގެ ޒިންމާއެއް ކަމަށް ނެކްޓަން އިން ބުނެއެވެ. އެ ދިރާސާއަށް ބޯޓު ޗާޓާކުރި މުއްދަތު މި މަހުގެ 7 ވަނަ ދުވަހަށް ހަމަވެފައިވާ އިރު ނެކްޓަން އިން ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ވާނީ ހަލާސްކޮށްފައި ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ދިވެހި ސަރުކާރާއި އިނގިރޭސިވިލާތުގެ މެރިން ފައުންޑޭޝަނެއް ކަމަށްވާ ނެކްޝަން ގުޅިގެން ކަނޑުގެ ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ސެޕްޓެމްބަރު 4 އިން މިދިޔަ މަހުގެ 5 އާ ހަމައަށެވެ. 'ނެކްޓަން މޯލްޑިވްސް މިޝަން'ގައި، 'އޮޑިސީ' ބޯޓް ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޒިޔާރަތް ކޮށްފައެވެ.