އަމީނިމަގު ހެދުމުގެ ބޭނުމަށް އެ މަގުގައި އިންދާފައި ހުރި ގަސްތައް ކެނޑުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.
އާރުޑީސީން އަމީނީމަގު ހެދުމުގެ މަޝްރޫއުގެ ބޭނުމަށް ގަސްތައް ކަނޑާތީ އެކަމާ މެދު ހިތްހަމަޖެހިވަޑައިނުގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ހުށަހެލުއްވީ އަމީނީމަގުގެ ގަސްތައް ކެނޑުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށެވެ.
އެގޮތަށް އަމުރު ނެރެފި ނަމަ، އާރުޑީސީ އަށް މާލީ ގެއްލުންތަކެއް ވާނެ ކަމަށް، އެ ކޯޕަރޭޝަނުން ބުންޏެވެ.
އެ މައްސަލައިގައި ނަޝީދުގެ ފަރާތުން އެދުނީ:
- ގަސްތައް ނުނަގައި މަސައްކަތްކުރެވެން އޮތް އިރު، ގަސްތައް ނަގަމުން ދަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް
- ގަސްތައް ނެގުން ނޫން އެހެން ގޮތެއް އޮތްތޯ ބަލަން ޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށް
މައްސަލަ ބެއްލެވި ގާޒީ މަރިޔަމް ވަހީދުގެ ނިންމެވުމުގައި ވަނީ، ވަގުތީ އަމުރެއް ނެރުމުގައި ފުރިހަމަވާން ޖެހޭ ކަމަށް ސުޕްރީމް ކޯޓުގެ ގަޒިއްޔާތަކުން ކަނޑައަޅާފައިވާ ކަންކަމަށް ބައްލަވައިފައެވެ. ގާޒީގެ ނިންމެވުމުގައިވާ ގޮތުން:
- ވަގުތީ އަމުރަށް އެދުނު ފަރާތަކީ އެ އަމުރަށް އެދުމުގެ ހައިސިއްޔަތު ލިބިގެންވާ ފަރާތަކަށް ނުވޭ
- ވަގުތީ އަމުރަށް އެދުނު ފަރާތަށް ގާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހީ ގާނޫނީ މަރުކަޒެއް އޮތުމުގެ އިހްތިމާލު ގާއިމްވެފައި ނުވޭ
- ވަގުތީ އަމުރު ނެރުމަކާ ނުލާ އަސްލު ދައުވާ ލަސްވެގެން ހިނގައްޖެ ނަމަ، އިއާދަނުކުރެވޭ ފަދަ ގެއްލުމަކާ ކުރިމަތިލާން ޖެހޭ ކަން އެނގެން ނެތް
އެހެންވެ، އެ ހުރިހާ ކަމަކަށް ބެލުމަށް ފަހު، ގާޒީ ނިންމެވީ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
މަޖިލިހުގެ ރިޔާސަތުގައި އިންނަވައި ނަޝީދު މީގެ ކުރިން ވިދާޅުވި ގޮތުގައި، އަމީނީމަގުގައި ހުރި ގަސްތައް ކަނޑާލުމާ މެދު ދެވަނަ ވިސްނުމަކަށް ސަރުކާރުން ނުގޮސްފިނަމަ، ޝަރީއަތަށް ދިއުން ނޫން ގޮތެއް ނެތެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ، ގަސްތައް ހެދި ބޮޑުވުމަށް 15 ނުވަތަ 20 އަހަރު ނަގާނެ ކަމަށެވެ.
ހަމަ އެއާއެކު، ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާ އިރު ގުދުރަތީ ދިރުންތަކުގެ މަތިން ހަނދާން ކުރަން ޖެހޭ ކަމަށާއި، ގަސްގަހާއި، މަސްމަހާއި، ދޫނިސޫފާސޫފި ފަދަ ތަކެތި ނައްތާ ލުމުގެ ބަދަލުގައި ދެވަނަ ވިސްނުމަކަށް ގޮސް އެހެން ގޮތެއް ހޯދަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު މީގެ ކުރިން ވިދާޅުވިއެވެ.