ތަޣައްޔަރުވެފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން އަންގާފައިވާ އިންޑިއާއިން އުފައްދާ ކޯފް ސިރަޕްގެ ބައެއް އުފެއްފުންތައް ރާއްޖެއަށް އިމްޕޯޓްވުމުގެ ފުރުސަތު އޮތުމުން، ބޭސް ސިޓީއަށް ބޭސް އެތެރެ ކުރާ އިރު ހާއްސަ ސަމާލުކަމެއް ދިނުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.

އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނީ، އިންޑިއާ ހަރިޔާނާ ސްޓޭޓްގައި ހުންނަ Maiden Pharmaceuticals Limited އިން އުފައްދާ ކުޑަކުދިންނަށް ދޭ ކޯލް ސިރަޕް ގައި diethylene glycol and ethylene glycol ހިމެނޭ ބޭސްތައް ތަޣައްޔަރުވެފައިވާ ކަމަށް ވޯލްޑް ހެލްތް އޮގަނައިޒޭޝަން އަށް ރިޕޯޓް ކޮށްފައިވާ ކަމަށް އެއޮގަނައިޒޭޝަނުން އެލާޓު ކޮށްފައިވާ ކަމަށެވެ.

މިބޭސް ތަކުގެ ބެޗުތަކުގެ ރައްކާތެރިކަން ކަށަވަރުނުވާތީ، މިބޭސްތަކުގެ އަންގާފައިވާ ބެޗްތައް ބޭނުން ނުކުރުމަށް އެ އެލާޓް ގައި ބަޔާންކޮށްފައިވާ ކަމަށް ވެސް އެމްއެފްޑީއޭއިން ބުނެއެވެ.

އެމްއެފްޑީއޭއިން އިތުރަށް ބުނީ، މިބޭހަކީ ރާއްޖެއަށް އިމްޕޯޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ލިސްޓް (އެޕްރޫމްޑް ޑްރަގް ލިސްޓް)ގައި ހިމެނޭ ބޭހެއް ނޫން ނަމަވެސް، ބޭސް ސިޓީއަށް ނުވަތަ އެނޫން ވެސް ގޮތަކުން ރާއްޖެއަށް މިބޭސް އިމްޕޯޓްވުމުގެ ފުރުސަތު އޮތުމުން އެކަމަށް ސަމާލުވާން އެދޭ ކަމަށެވެ.

އަދި ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެ ކުރާ އިރު ހާއްސަ ސަމާލު ކަމެއްދީގެން ޕޯޓްތަކުގައި ބަލައިފާސް ކުރަމުން ގެންދާނެ ކަމަަށް ވެސް އެމްއެފްދީއޭއިން ބުނެއެވެ.

އެފްރިކާގެ ގައުމެއް ކަމަށް ވާ ގެމްބިއާގައި ކީޑްނީ ފެއިލްވެ 66 ކުއްޖަކު މަރުވި މައްސަލައެއް ފެންމަތިވެ އެއީ އިންޑިއާގައި އުފައްދާފައިވާ 4 ބާވަތެއްގެ ކޯފް ސިރަޕް (ކެއްސާތީ ބޯ ބޭސް) އަކުން ވާކަމެއް ކަމަށް ބަލައި އެ ބޭނުން ނުކުރަން ޑަބްލިއުއެޗްއޯއިން ވަނީ އަންގާފައެވެ.

އެ ބޭސްތައް އުފައްދާފައި ވާ ކުންފުންޏަނީ އިންޑިއާގެ މެއިޑެން ފާމަސޫޓިކަލްސްއެވެ.

ޑަބްލިއުއެޗްއޯއިން ފާހަގަ ކުރި 4 ބޭހަކީ؛

  • ޕްރޮމެތަޒައިން އޯރަލް ސޮލިއުޝަން
  • ކޮފެކްސްމަލިން ބޭބީ ކޯފް ސިރަޕް
  • މެކޮފް ބޭބީ ކޯފްސިރަޕް
  • މެގްރިޕް އެން ކޯލްޑް ސިރަޕް އެވެ.

ޑަބްލިއުއެޗްއޯއިން ބުނީ މި ބޭސްތައް ދުނިޔޭގެ އެހެން ބައެއް ބާޒާރަށްވެސް ނެރެފައި ވެދާނެ ކަމަށާއި، މި ބޭސްތަކުގެ ރައްކާތެރިކަމުގެ ޔަގީންކަން ދިނުމަށް އިންޑިއާ ކުންފުނިން ނުކުޅެދިފައި ވާ ކަމަށެވެ.