ޗައިނާގެ ގޮނޑި ކޮއްކޮ ސަރުކާރެއް އޮންނަ ހޮންގްކޮންގްގައި ގައުމީ ސަލާމަތާ ބެހޭ ގާނޫނުގެ ދަށުން 5 މީހަކު ބަންދުކޮށްފިއެވެ.

އުމުރުން 16 އަހަރާއި 19 އަހަރާ ދެމެދުގެ މި ޒުވާނުން ހައްޔަރު ކޮށް ބަންދު ކުރީ، ޗައިނާގެ އަތްދަށުން ހޮންގްކޮންގް މިނިވަން ކުރުމަށް ގޮވާލައި ސޯޝަލްމީޑިއާ އާއި މަގުމަތީގައި ހުންނަ ތަފާތު ބޫތު ތަކުގައި އެކި ބާވަތުގެ ޕޯސްޓަރު ހަރު ކުރުމުގެ ތުހުމަތުގައެވެ.

ހޮންގްކޮންގް ގެ މިނިވަން ކަމަށް ވަކާލާތު ކުރާ "ރިޓާނިން ވޭލިއަންޓް" ޖަމާއަތަށް ނިސްބަވްތާ މި ޒުވާނުން އަޑުއުފުލާ، އަދި ފާޅު ކުރާ ޝިއާރުތަކުގައި "ބްލަޑީ ރިވޮލިޔުޝަން" ނުވަތަ ލެއިން ތަތްތެޅިފައިވާ ސަރުކާރު ބަދަލު ކުރުމަށެވެ.

މި ޒުވާނުން 3 އަހަރުގެ ޑިޓެންޝަނެއްގައި ބަންދުކުރުމަށް ހުކުމް ކުރަމުން ފަނޑިޔާރު ބުނީ، ހަމަނުޖެހުމަށް ހިތްވަރުދީ އެންމެ މީހަކު އަޑު އުފުލިޔަސް އެކަމުން ހޮންގޮންގްގެ ހަމަޖެހުމަށާއި އާންމު ރައްޔިތުންނަށް ނުރަގަނޑު އަސަރު ފޯރާނެ ކަމަށެވެ.

އެހެން ކަމުން، އެ ޒުވާނުންނަށް ތަމްރީން ދީ ހަމަ މަގަށް އެޅުވުމަށް ޑިޓެންޝަން ސެންޓަރެއްގައި ބަންދު ކުރާ ކަމަށާއި، ޖަލަކަށް ނުލާނެ ކަމަށެވެ.

މި މައްސަލައިގައި ބޮޑެތި މީހުންގެ ގޮތުގައި ބަލާ އުމުރުގެ ދެމީހުންވެސް ބަންދު ކޮށްފައި ވެއެވެ. އެމީހުންނަށް 2 ދުވަހެއްގެ ތެރޭގައި ހުކުމް ކުރާނެ ކަމަށްވެސް ކޯޓުން ބުނެއެވެ.

އެމެރިކާގެ ޖޯޖްޓައުން ޔުނިވާސިޓީ އާ ގުޅިގެން ޗައިނާފައިލްސް އިން އާންމު ކުރި ދިރާސާއެއް ބުނާ ގޮތުން، ގައުމީ ސަލާމަތާ ގުޅުން ހުރި މައްސަލަ ތަކުގައި ހޮންގްކޮންގްގައި މިހާތަނަށް 110 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. ނަމަވެސް މި ގާނޫނުގެ ދަށުން ޒުވާން އުމުރުގެ ބަޔަކަށް ހުކުމެއް ކުރި މިއީ ފުރަތަމަ ފަހަރު ކަމަށް ބުނެއެވެ.

ހޮންގްކޮންގްގައި ޒުވާނުން ކަމަށް ބަލާ އުމުރު ފުރައަކީ 12 އަހަރާއި 24 އަހަރާ ދެމެދެވެ.