އިއްޔެ އަކީ، މިވަގުތު ހުޅަނގުގެ އެންމެ ބޮޑު ހަތުރުގެ ގޮތުގައި ސިފަ ކުރާ ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިންގެ 70 ވަނަ އުފަންދުވަހެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުގައި ޕުޓިންގެ އުފަންދުވަސް ތަފާތު ގޮތްގޮތަށް ފާހަގަ ކުރި އިރު، ޕުޓިންގެ ރަހުމަތްތެރިޔާ، ބެލަރޫސްގެ ރައީސް އެލެގްޒެންޑާ ލުކަޝެންކޯ ދެއްވީ ޓްރެކްޓަރެކެވެ.

ޕުޓިން އަކީ ޓްރެކްޓަރު ދުއްވުމަށް ޝައުގުވެރިކަން ހުންނަ ބޭފުޅެއް ކަމުން، މި ހަދިޔާ އަކީ ޕުޓިން އަށް ރަނގަޅު ހަދިޔާއެއް ކަމަށް ބައެއް މީހުން ބުނެއެވެ.

ރަޝިއާގެ ރައީސް އަށް ވުރެވެސް ގިނަ ދުވަހު ވެރިކަމުގައި ހުންނެވި ލުކަޝެންކޯ ވަނީ ޓްރެކްޓަރު ހަވާލު ކުރާ ސެޓްފިކޭޓް ހިއްޕަވައިގެން ޕުޓިންގެ އުފަންދުވަސް ފާހަގަ ކުރުމަށް ޕީޓަސްބާގަށް ވަޑައިގެންފައެވެ.

ހަބަރުތައް ބުނާ ގޮތުން، ޕުޓިން ވަނީ، ޕީޓަސްބާގްގައި، އޭނާގެ ޒަމާންވީ ރަހުމަތްތެރިންނާއެކު އުފަންދުވަސް ފާހަގަ ކުރައްވާފައެވެ.

ތަޖަކިސްތާނުގެ ރައީސް އެމޯމަލީ ރަހްމޮން ޕުޓިން އަށް ހަދިޔާ ކުރެއްވީ، ކަރާ ފަރުފަދައަކާއި މެލަންގެ ފަރުބަދައެކެވެ.

ދުނިޔޭގެ ބާރުތަކުން އަބަދުވެސް ރަޝިއާ އާ ވާދަ ކުރާ އިރު، ރަޝިއާއިން ޔޫކްރައިން އަށް އެރުމާ ގުޅިގެން ރުޅިވެރިކަން ވަނީ އިތުރަށް ބޮޑުވެގެން ގޮސްފައެވެ.

ޕުޓިންގެ އުފަންދުވަސް ހުޅަނގުން ފާހަގަ ކުރީ، ވޭތުވެ ދިޔަ 70 އަހަރުގެ ތެރޭގައި ދުނިޔޭގައި އުފަންވި، ހުޅަނގުން ސިފަ ކުރާ ޑިކްޓޭޓަރުންގެ ލިސްޓާއެކުގައެވެ. އެގޮތުން ފިންލޭންޑްގެ ހިލްސިންކީގެ ރެއިލްވޭ ސްޓޭޝަންގައި އެޑޮލްފް ހިޓްލަރާއި، ނިކޮލައި ސީޒަރާއި ސައްދާމް ހުސައިން އާއި މުއައްމަރަލް ގައްޒާފީގެ ޕޯސްޓަރާއެކު ދެން އޮތީ ޕުޓިންގެ ޕޯސްޓަރު ޖަހާފައެވެ.

ޕުޓިންގެ 70 ވަނަ އުފަންދުވަސް ފާހަގަ ކުރަން ހިލްސިންކީގެ ރެއިލްވޭ ސްޓޭޝަންގެ ބޭރުގައި ހަރުކޮށްފައި ވާ ބޯޑް

އެސްޓީ ޕިޓަސްބާގްގައި ޕުޓިންގެ އުފަސްދުވަސް ފާހަގަ ކުރުމުގެ ހަފްލާގައި އަރްމޭނިއާ، ބެލަރޫސް، ތަޖިކިސްތާން، އުޒުބަކިސްތާންގެ ލީޑަރުން ބައިވެރިވެވަޑައިގަތެވެ. އަދި އުފަންދުވަހުގެ ތަހުނިޔާ ފޯނުން ވިދާޅުވި ލީޑަރުންގެ ތެރޭގައި ކިޔުބާ، ތުރުކީ، ދެކުނު އެފްރިކާ، ކިރިގިސްތާން އަދި ކަޒަކިސްތާން ގެ ލީޑަރުން ހިމެނެއެވެ.

ޔޫކްރައިންގައި ޕުޓިންގެ އުފަންދުވަސް ފާހަގަ ކުރީ، ޕުޓިން އާއި ރަޝިއާގެ އަމަލުތައް ފުޅާ ދާއިރާއެއްގައި ކުށްވެރިކުރުމާއެކުގައެވެ.

ޕުޓިންގެ އުފަންދުވަހާ ގުޅިގެން މީޑިއާ ރިޕޯޓާސް ވިތްއައުޓް ބޯޑާސް އިންވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ޕުޓިންގެ ހުދުމުހުތާރު ކަމާއި ނުބައިކަން ސިފަ ކުރަން ޕޯސްޓަރެއް އާންމުކޮށް ލިޔެފައި ވަނީ އޭނާ ވަނީ 37 ޖާނަލިސްޓުން މަރާ، މީޑިއާތަކާ ދެކޮޅަށް ހަނގުރާމައިގެ 43 ޖަރީމާއެއް ހިންގާ، 300 އެތައް ޖާނަލިސްޓުންނެއް ރަށުން (އެމީހަކު ނިސްބަތްވާ) ބޭރުކޮށް، 1.2 މިލިއަން ވެބްސައިޓް ރަޝިއާއަށް ނުފެންނަގޮތް ކޮށްފައި ކަމަށެވެ. އަދި ޖަލަށް ލާފައި މިހާރުވެސް 19 ނޫސްވެރިއަކު އެބަތިބި ކަމަށާއި 183 މީޑިއާއަކީ "ފޮރިން އެޖެންޓްސް" (ބޭރުގެ އެޖެންޓުން) ކަމަށް ލޭބަލް ކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅޭ 50 ގާނޫނެއް ހަދާފައި ވާ ކަމަށެވެ.